Abstract:
ދެ ބައްސަ މުޖްތަމަޢުތަކުގައި ބަސް މަސްހުނިކުރުމަކީ ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ. (ފްރެޑް ޖެނެސީ (2000). ދިވެހި މުޖުތަމަޢުގައި ވެސް ކަން މިހެން އޮތް އިރު، ދިވެހިރާއްޖޭގެ ޓީ.ވީ ޗެނެލްތަކުން ފޮނުވާ ޕުރޮގްރާމުތަކުގައި ވެސް ބަސްމަސްހުނިކޮށްގެންނާއި (ކޯޑް-މިކްސިންގ) ބަސްބަދަލުކޮށްގެން (ކޯޑް-ސްވިޗިންގ) ވާހަކަދައްކަމުންދާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ދިވެހިބަހުން މި ފަދަ އެއްވެސް ދިރާސާއެއް މިހައި ތަނަށް ކުރެވިފައި އޮތް ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ. އެހެންކަމުން މި ދިރާސާއަކީ ޓީވީ ޕުރޮގްރާމުތަކުގައި މީހުން ވާހަކަދައްކާ އިރު ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް މަސްހުނިކޮށްގެން ވާހަކަދައްކާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް (ޕެޓާންސް) ދެނެގަތުމަށް ކުރި ދިރާސާއެކެވެ. މިއީ ބައެއް ޓީވީ ޕްރޮގްރާމުތަކުގައި ދެްއްކި ވާހަކަ ތަހުލޫލުކޮށްގެން ހެދި ޑިސްކޯސް އެނަލިސިސެކެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ދިވެހިރާއްޖޭގެނ ޓީވީ ޗެނަލަކުން ސިލްސިލާކޮށް ދެއްކި ތަފާތު 6 ޕްރޮގްރާމަކުން ރެންޑަމްކޮށް ހޮވެލެވުނު 12 އެޕިސޯޑެވެ. ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މި ޕްރޮގްރާމުތަކުގައި މީހުން ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް އެކި މިންވަރަށް މަސްހުނިކޮށްފައިވާއިރު، އަރަބިބަހަށް ވުރެ ބޮޑަށް އިނގިރޭސިބަސް ދިވެހިބަހާ މަސްހުނިކޮށްގެން ވާހަކަދައްކައިފައި ވާ މިންވަރު ގިނަކަމެވެ. ބަސްމަސްހުނިކޮށްފައި ވާ ބަހަވީޢިލްމުގެ ގޮތްތަކަކީ ވަކި ލަފުޒު ހިމެނުން ވަކި ލަފުޒު މަސްހުނިކުރުން (ލެކްސިކަލް މިކްސިންގ)އާއި ޢިބާރާތްކައްޗަރުކުރުން (ޔުނިޓް ހައިބްރޮޑައިޒޭޝަން) އެވެ. މި ގޮތްތަކުގެ ތެެރެއިން ވަކި ލަފުޒު ހިމަނައިގެން ބަސްމަސްހުނިކުރާ މިންވަރު ބަސްމަސްހުނިކުރާ އެހެން ގޮތްގޮތަށް ވުރެން ގިނަކަން ފާހަގަކުރެވުނެވެ.