Abstract:
މި ދިރާސާއަކީ، ރަސްމީ ބަހުން ވާހަކަދައްކާއިރު ޑިއިކްސިސް ބޭނުންކޮށްފައިވާ ގޮތާއި، ހުވަދޫ ބަހުރުވައިގައި ޑިއިކްސިސް ބޭނުންކޮށްފައިވާގޮތާއި އެއްވެސް ތަފާތެއް ހުރޭ ހެއްޔެވެ؟ ހުރިނަމަ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ " މި ސުވާލުގެ ޖަވާބު ހޯދުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. 6 ބާބުގެ މައްޗަށް އެކުލެވިފަވާ މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ، ހުވަދޫ ބަހުރުވައިގައި ބޭނުންކުރާ ޑިއިކްސިސްތަކަކީ ކޮބައިކަން ދެނެގަތުމާއެކު، އެ ނަންތަށް ހުވާދޫ ބަހުރުވައިގައި ބޭނުންކުރާގޮތާއި ދިވެހި ރަސްމީ ބަހުގައި ބޭނުންކުރާގޮތާއި އެއްވެސް ވަރަކަށް އެއްގޮތްތޯ ނުވަތަ ނޫންތޯ ދެނެގަތުމެވެ. ދިވެހިބަހުގައި ހެދިފައި ހުރި ގިނަ ދިރާސާތަކަށް ބަލާއިރު، ހުވަދޫ ބަހުރުވައިގައި ބޭނުންކުރެވޭ ޑިއިކްސިސްގެ އަކުރުތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާއެއް ފެންނަން ނެތުމާއިއެކު މި ދިރާސާ ވެގެންދަނީ ދިވެހިބަހަށް ކުރިއެރުން ލިބިގެންދާނެ ދިރާސާއެއް ކަމުގައި ގަބޫލް ކުރެވެއެވެ. މި ދިރާސާ ފަރުމާކޮށްފައިވަނީ ކޮލިޓޭޓިވް މެތަޑުގެ ދަށުން، އިންޑަކްޓިވް އެޕްރޯޗްގެ މައްޗަށެވެ. އެގޮތުން ދިރާސާ ކުރުމަށް ބޭނުންކުރި ދިވެހި ބަހުގެ ޤަވާއިދާ ބެހޭގޮތުން ލިޔެފައި ހުރި ފޮތްތަކުގައި ހިމެނޭ ޑިއިކްސިސްގެ ތެރެއިން 16 ނަމެކެވެ. މި ދިރާސާކޮށްފައިވަނީ މި ދެންނެވި 16 ނަން ބެނުންކޮށްގެން ރަސްމީ ބަހުންލިޔެފައިވާ ލިޔުންކޮޅެއް ހުވަދު އަތޮޅުގެ ގދ. އަދި ގއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން، ކޮންމެ އަތޮޅަކުންވެސް 3 ރަށެއްގެ ބަސް ރަނގަޅަށް ދަނަން މީހުން ލައްވައި އެ ރަށެއްގެ ބަހަށް ބަދަލުކުރުމަށްފަހު އެ ލިޔުމަށް ބަލައިގެން ލިބުނު މަޢުލޫމާތުގެ އަލީގައެވެ. ދިރާސާގެ ސުވާލުގެ ޖަވާބު ހޯދުމަށް މި މަޢުލޫމާތުތައް ރަސްމީ ބަހާއި އެއްގޮތަށް ބޭނުންކުރާ ނަންތަކަށާއި ތަފާތުކޮށް ބޭނުންކުރާ ނަންތައް ވަކި ކޮށް 2 ގުރޫޕަކާށް ބަހައިލީމެވެ. މި ދިރާސާގެ ސަބަބުން ހުވަދޫ ބަހުރުވައިގައި ހިމެނޭ ބަދަލު ނަންތައް އެނގިއްޖެއެވެ. އަދި އެ ނަންތަކުގެ ތެރެއިން ރަސްމީ ބަހާއި އެއްގޮތަށް ބޭނުންކުރާ ނަންތަކާއި ތަފާތުކޮށް ބޭނުންކުރާ ނަންތައް ވެސް އެނގިއްޖެއެވެ. އެގޮތުން، ރަސްމީ ބަހުގައި ބެނުންކުރާ ބަދަލުނަންތައް ރަސްމީ ބަހާއި އެއްގޮތަށް ހަމަ އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައި ބޭނުންކުރެއެވެ. ނަމަވެސް، ހުވަދޫ ބަހުރުވައިގައި ބެނުންކުރާ ގިނަ ބަދަލު ނަންތަކަކީ ރަސްމީ ބަހުގައި ބޭނުންކުރާ ބަދަލު ނަނތަކާއި ހުރިހާ ގޮތަކުން ވެސް ތަފާތުކޮށް ބޭނުންކުރާ ނަންތަކެވެ.