Abstract:
ސްޓޭންޑަޑް ބަހުން ވާހަކަދައްކާ ބައެއް ފަރާތްތައް ހުވަދޫ ބަހުރުވައިގައި ހުރުން އިނުން ބޭނުންކުރަނީ ސްޓޭންޑެޑް ބަހުރުވައިގައި ހުރުން އިނުން ބޭނުންކުރާ ޤަވާޢިދާ އެއްގޮތަށް ނޫންކަމަށް ދެކެއެވެ. މި ގޮތަށް ގިނަބަޔަކު ދެކޭސަބަބެއްކަމުގައި ބެލެވެނީ ދިވެހި ބަހުގެ ބަހުރުވަތަކާއި ބެހޭ ގޮތުން މިފަދަ ދިރާސާތައް ހެދިފައި ނުވާތީ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މި ދިރާސާގެ ބޭނުމަކީ ހުވަދޫ ބަހުރުވައިގައި "ހުރުން،އިނުން" ބޭނުންކުރަނީ ދިވެހިބަހުގެ ސްޓޭންޑެޑް ބަހުރުވައިގައި "ހުރުން،އިނުން" ބޭނުންކުރާ އުސޫލާ އެއްގޮތައްތޯ ނުވަތަ ނޫންތޯ ދެނެގަތުމެވެ. ހަމަ އެހެންމެ ދިވެހިބަހުގެ ރަސްމީ ބަހުންވެސް ވާހަކަދެއްކުމުގައި "ހުރުން،އިނުން" މި ލަފްޒުތައް އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާނަމަ ބަހަށް ނޭދެވޭ އަސަރުކުރާނެކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު )2004( ހާމަކުރައްވައެވެ. މިހެންކަމުން މި ދެންނެވި ގޮތަށް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާނަމަ ހުވަދޫ ބަހުރުވައަށްވެސް އެއިން އަސަރުކުރާނެކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އެއް މުޖްތަމަޢުއެއްގެ ތެރޭގައި އުޅޭ ބަޔަކަށްވާތީ އެއްތަނުން އަނެއްތަނަށް ބަދަލުވެ މުޢާމަލާތް ކުރުމުގައި މިފަދަ ލަފްޒުތައް އެކަށޭނެ ނޫން ޙާލަތްތަކުގައި ބޭނުންކުރެވޭނެތީއެވެ. މި ދެންނެވި ސަބަބު ތަކުގެ މައްޗަށް ބިނާކޮށް މިދިރާސާގެ ސުވާލަށް ޖަވާބުދީ މަޤްޞަދު ހާސިލްކުރުމަށްޓަކައި ދިރާސާކުރިއަށް ގެންގޮސްފައިވަނީ ކޮލިޓެޓިވް ޕެރެޑައިމް މި މެތަޑް ބޭނުންކޮށް ގެންނެވެ. މިދިރާސާއަށް ޑޭޓާ ކަލެކްޓް ކުރެވިފައިވަނީ ނޮންޕޮރޮބެބިލިޓީ ކޮންވީނިއަންސް ކޮން ޑާޓާ ކަލެކްޓް ކޮށްގެންނެވެ އެގޮތުން މި ދިރާސާއަށް ނިސްބަތްވާ ހުވަދު އަތޮޅު ތިން ރަށެއްކަމަށްވާ މަޑަވެލި ، ހޯނޑެއްދޫ އަދި ތިނަދޫ މިތިންރަށުން 15އިންފޯމަންޓުން ނަގައި އެ 15 އިންފޯމަންޓުންގެ ކިބައިން ޑޭޓާ ކަލެކްޓް ކޮށްފައިވަނީ އިންފޯމަންޓުންނަށް "ހުރުން" އިނުން" ބޭނުންކުރެވޭ އުޞޫލާއި އެއްގޮތަށް ސްޓޭންޑެޑް ބަހުން ތައްޔާރުކޮށްފައިވާ ޖުމްލަ ލިސްޓެއްދީ އެ ލިސްޓުގައިވާ ޖުމްލަތައް ހުވަދޫ ބަހުރުވައިން އެރަށެއްގެ ބަހުރުވައިން ކިޔާގޮތަށް ކިޔުއްވައި އަޑު ރެކޯޑްކޮށްގެންނެވެ.
މި ދިރާސާގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ އަލީގައި ހުވަދޫ ބަހުރުވައިގައި "ހުރުން" ، "އިނުން" ބޭނުންކުރަނީ ދިވެހިބަހުގެ ސްޓޭންޑެޑް ބަހުރުވައިގައި "ހުރުން" ، "އިނުން" ބޭނުންކުރާ އުސޫލާ އެއްގޮތަށްކަން ހޯދުނެވެ. މީގެ އިތުރުން މި ދިރާސާގައި ފާހަގަވެގެންދިޔަ އަނެއްކަމަކީ ދިވެހި ބަހުގައި "އިނުން" ބޭނުންކުރެވޭ ބައެއް ހާލަތަތަކުގައި "އޮތުން" މި ލަފްޒު ބޭނުންކުރާކަމެވެ. ޖުމްލަކޮށް ބަލާއިރު މި ދިރާސާއިން ހާމަވެގެންދިއައީ ދިވެހި ބަހުގައި އެކަށައަޅާފައިވ ޤަވާޢިދާއި އެއްގޮތަށް ހުވަދޫ ބަހުރުވައިގައި "ހުރުން" ، "އިނުން" މި ޤަވާޢިދު ބޭނުންކުރެވޭ ކަމެވެ.