Abstract:
މިދިރާސާއަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ އެކި ދުވަސްވަރުގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގައި އާއިލާގެ
ނުވަތަ ތިމާގެ މީހުންގެ މެދުގައި ރަސްކަމުގެ ކޯޅުން އޮތްކަމާއި ރަސްކަމުގެ ތަޚުތުގެ ބޭނުމުގައި ރަސްރަސްކަލުން
ރަސްކަމުން ޢަޒުލު ކުރުމާއި، އަވަހާރަކޮށްލުމާއި ދުރު ރަށްރަށަށް އަރުވާލުންފަދަ ޙާދިސާތައް ތާރީޚީ ލިޔުންތަކުން
ފެންނާތީވެ، ޢުމަރުވީރު ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގައި މިކަންކަން އޮތްގޮތް ބެލުމަށް ކުރި ދިރާސާއެކެވެ.
މިދިރާސާގައި ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމްއެވެ. ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްފައި ވަނީ ނަތީޖާގެ
ސައްޙަކަން ބޮޑުކުރުމަށެވެ. މިދިރާސާއަކީ ދިވެހި ތާރީޚުގައި ހިނގާފައިވާ ވަކި ކަމަކަށް ނިސްބަތްކޮށް އެކަމެއް
ހިނގާފައިވާ ގޮތް ދެނެގަތުމަށް ހެދޭ ދިރާސާއެއް ކަމަށްވާތީ މި މަޤްޞަދު ޙާސިލް ކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް
އެއް ކުރީ ޕާޕޯސިވް ސާމްޕަލިން ބޭނުންކޮށްގެންނެވެ. އެގޮތުން މިދިރާސާ ހެދުމަށް ބޭނުން ކުރެވިފައިވަނީ
އެދުވަސްވަރުގެ ތާރީޚް ލިޔެފައިވާ ލިޔުންތަކާއި ފޮތްތަކެވެ. ޑާޓާތައް ނެގުމަށް މިގޮތް ބޭނުންކުރީ ތާރީޚީ އެންމެ
ޞައްޙަ މަޢުލޫމާތު ހޯދޭނީ މިގޮތަށް ކަމަށް ޤަބޫލު ކުރެވޭތީއެވެ. އެހެނީ އެފޮތްތައް އެކުލަވާލެވިފައި ވަނީ
އެދުވަސްވަރުގެ ރަސްކަމުގެ ރަސްމީ ލިޔުންތައް އަސްލަކަށް ބައްލަވައިގެން ކަމުގައިވުމެވެ. އޭގެތެރޭގައި
ލޯމާފާނުތަކާއި ފަތްކޮޅުތަކާއި ރާއްޖެއަށް ޒިޔާރަތްކުރެއްވި ބޭރުގެ ލިޔުންތެރިންގެ ލިޔުއްވުންތައް އަސްލަކަށް
ބައްލަވައިގެން ކަމުގައި ވާތީއެވެ. މިދިރާސާގެ ނަތީޖާއިން ދެއްކީ ޢުމަރުވީރު ދަރިކޮޅު ގެ ރަސްރަސްކަލުންގެ ރަސްކަން
ނިމިގެން ދިޔުމުގައި އެބޭފުޅުންގެ ޢާއިލާގެ ނުވަތަ ތިމާގެ މީހުންގެ ދައުރެއް އޮތްކަމުގައެވެ. އެގޮތުން މިދަރިކޮޅުގެ
ރަސްކަމުގެ ދުވަސްވަރު ހަބޭފުޅެއްގެ ރަސްކަން ނުވަތަ ރަނިކަން ރަސްކަން ވާރުތަވާ ޢާންމު އުސޫލާއި ޚިލާފަށް
ރަސްކަމަށް ނިމުން ގެނުވިއެވެ. ނަމަވެސް އުމަރުވީރު ދަރިކޮޅުގެ ހުރިހާ ރަސްރަސްކަލުންގެ ރަސްކަން ނިމިގެން
ދިޔައީ މިގޮތަކަށް ނޫނެވެ. ނަމަވެސް ގިނަ ރަސްރަސްކަލުންގެ ރަސްކަން ނިމިގެން ދިޔައީ އެބޭފުޅުންގެ ޢާއިލާގެ
ނުވަތަ ތިމާގެ މީހުންގެ ނުފޫޒާއެކުގައެވެ. އެމީހުންގެ ބައިވެރި ވުމާއެކުގައެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ
މި ދަރިކޮޅުގެ އަންހެން ބޭފުޅުންގެ ރަނިކަމުން ދުރުކުރުމުގައި އެކަނބަލުންގެ ފިރީންގެ ދައުރު ބޮޑު ކަމެވެ.