Abstract:
މި ދިރާސާއަކީ ދިވެހި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ ކީއްވެގެންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނުގޮތުގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި އިނގިރޭސީން ބޭނުންވާ ސަބަބުތަކެއްވެސްވެއެވެ. އެހެންކަމުން މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގޮސްފައިވަނީ އިނގިރޭސީންވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންނަންބޭނުންވެފައިވީ ދަނޑިވަޅެއްގައި ދިވެހިން އެފުރުޞަތު ދިނުމުންކަމެވެ.
ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ. ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔަ ދުވަސްވަރަކީ ދިވެހި ރަސްކަމުގެ ބޮޑުންގެ މެދުގައި ވަރަށް ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ހަމަނުޖެހުން އެންމެ ބޮޑުވި ސަބަބަކީ ކަކާގެ ޢާއިލާގެ ބޭފުޅުންނާއި އަތިރީގޭ ޢާއިލާގެ ބޭފުޅުންގެ މެދުގައި އޮތް ވެރިކަމުގެ ބާރު ހޯދުމަށް ކުރި މަސައްކަތުންނެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ވެރިކަމާ ގާތްވުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ވޯރާވިޔަފާރިވެރިންނަށް ވިއްކާލުމާއި ދިވެހިރާއްޖޭގައި ހިނގި ބޮޑުހުޅުގެ ޙާދިޘާ ހިނގަން މެދުވެރިވުމެވެ. މިކަމާ ގުޅިގެން ދިވެހިންނާއި ވޯރާ ވިޔަފާރިވެރިން އިނގިރޭސީންގެ އެހީ ހޯދިކަން ދިރާސާއިން އެނގުނެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރާ އެތައް ދުވަހެއްވަންދެން އޮތުމުގެ ސަބަބުން ދިވެހިންނަށް ކުރި އަސަރުތަކަކީ ކޮބައިތޯ ބެލި ބެލުމުން، އެނގުނީ ދިވެހިންނަށް ކުރި ފައިދާތަކަކާއި ގެއްލުންތަކެއްވެސްވާކަމެވެ.
ހިމާޔަތުގެ ދަށުގައި އޮތުމަށްވުރެ ދިވެހިންނަށް ހުރިހާގޮތަކުންވެސް ރަނގަޅުވާނީ ފުރިހަމަ މިނިވަންކަން ލިބިގެންކަމަށް ދެކެ، މިނިވަންވުމަށް ދިވެހިން މަސައްކަތްތަކެއް ކުރިކަން ހޯދި ހޯދުމުން އެނގުނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965ގައެވެ.