Abstract:
ދިރާސާގެ ޚުލާޞާ ( އެބްސްޓްރެކްޓް )
މިއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު
ރަންނަބަނޑޭރި ކިލެގެފާނުގެ ވަރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިޤައުމަށް
ކުރިފައިދާތައް ހޯދާ ދިރާސާކުރުމަށް ކޮލިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގައި
ބޭނުންކޮށްފައިވާނީ ޓެކްސްޓް އެނަލިސިސްއެވެ.
އިބްރާހީމް ނާސިރުގެ ވެރިކަން ކަމަށް މިދިރާސާގައި ބަލާފައިވާނީ އެމަނިކުފާނު ދިވެހިރާއްޖޭގެ
ސަރުކާރުގެ އެންމެއިސް މަޤާމު ކަމަށްވާ ބޮޑުވަޒީރުކަމާ ޙަވާލުވި ތާރީޚް ކަމަށްވާ 1957 އިން ފެށިގެން
ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމުން ވަކިވެ ވަޑައިގެން އެމަނިކުފާނު ދިވެހިރާއްޖެ ދޫކުރައްވައި
ސިންގަޕޫރަށް ވަޑައިގެންނެވި ތާރީޚް ކަމަށްވާ 1978 އާ ދެމެދުގެ މުއްދަތެވެ.
މި ދިރާސާއިން އެނގުނުގޮތުގައި ޚާރިޖީ ގުޅުންތައް ދަމަހައްޓަން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން
މަސައްކަތް ކުރާފަދައިން ދިވެހިރާއްޖެއިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ބޭރުގެ ޤައުމު ތަކާއެކު
ާތް ގުޅުމެއް ބޭއްވުމަށާއި އެޤައުމުތަކުގެ މަދަދާއި އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ނިސްބަތުން އެކަށީގެން ވާ
މަސައްކަތް ތަކެއްކޮށް ކާމިޔާބުތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވުނެވެ.
ދިރާސާ އަމާޒުކުރެވުނު ދުވަސްވަރު ކަމަށްވާ 1957 އިން 1978 އަށް ދިވެހިރާއްޖެ އޮތާ
އިނގިރޭސީންގެ ހިމާޔަތުގެ ނަމުގައި ވަރަށްބޮޑު އަޅުވެތިކަމެއްގައިކަން ފާހަގަ ކުރެވުނެވެ. އެހެނީ
އިނގިރޭސީންގެ ޙިމާޔަތުގެ އެއްބަސްވުމުގެ ދެވެނަ މާއްދާގައިވާގޮތުން އިނގިރޭސީން މެދުވެރިވެގެން ނޫނީ
ދިވެހިރާއްޖެއާއި ބޭރުގެ އެއްވެސް ޤައުމަކާއެކު އެއްވެސް މުޢާމަލާތެއް ކުރުމަކީ މަނާކަމެކެވެ. ވުމާއެކު ހާލަތު
ތަންދީފައިއޮތީ ޚާރިޖީގުޅުންތައް ހަމައެކި އިނގިރޭސީންނާ އެކު ބޭއްވުމަށެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގައި
އިނގިރޭސީންގެ މަދަދާއި އެހީތެރިކަން ވަރަށްބފުރިހަމައަށް ހޯއްދެވިކަން ފާހަގަ ކުރެވުނެވެ. އަދި ހަމަ
އެފަދައިން އިނގިރޭސީންނާއެކު އެތައް ދަވަހެއްގެ ވާހަކަ ދެއްކުން ތަކަކަށްފަހު މަޑުމަޑުން އިސްތިޢުމާރީ
ބަރުތައް ދޫކުރަމުންގޮސް އެންމެ ފަހުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ އިބްރާހީމް
ނާސިރުގެ ވެރިކަމުގައެވެ. އަދި މިނިވަން ކަމުގެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން
ސޮއިކުރެއްވީވެސް އިބްރާހީމް ނާސިރުކަން ފާހަގަ ކުރެވުނެވެ.