Browsing by Author | މުސައްނިފުން "Saeed, Abdullah"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހި ބަހުގައި ނަމުގެ ފަހަތަށް "އެއް" ގުޅުވުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައް(Faculty of Arts, Maldives National University, 2015-11-01) Saeed, Abdullahމި ދިރާސާއަކީ ދިވެހިބަހުގައި ނަމުގެ ފަހަތަށް "އެއް" ގުޅިގެން ދާއިރު، އަންނަ މޯފޮލޮޖިކަލް ބަދަލުތައް ގެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މި ގޮތުން ނަމުގެ ލަފްޒުތަކުގެ ތެރެއިން، އެކި އަޑުތަކަށް (ފިލީގެ އަޑުތައް) ނިމިފައި ހުރި ލަފްޒްތަކަށް "އެއް" ގުޅުވުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައް ބަލައި، އެނަލައިސްކޮށް، ބަދަލުވާ ހަމަތައް ދެނެގަތުމަށް މަސައްކަތް ކުރެވިފައިވާނެއެވެ. މިއީ، މިކްސްޑް މެތަޑް ބޭނުންކޮށްގެން ކުރެވުނު ދިރާސާއެއް ނަމަވެސް، މިދިރާސާގައި ބޮޑަށް ބޭނުންކުރެވިފައިވާނީ ކޮލިޓޭޓިވް އެޕްރޯޗެވެ. ސާންޕަލްސް ނަގާފައިވާނީ، ޕާރޕަސިވް ސާންޕްލިންގް މެތަޑް ބޭނުންކޮށްގެންނެވެ. މި މެތަޑް ބޭނުންކުރި ސަބަބަކީ، ބޮޑަށް ކޮލިޓޭޓިވް އެޕްރޯޗެއް ބޭނުން ކޮއްގެން ކުރެވެޭ މި ފަދަ ދިރާސާއަކުން އެންމެ ރަނގަޅު ނަތީޖާއެއް ލިބިގެންދާނީ، ދިރާސާއަށް ބޭނުންވާ ފަދަ ސާންޕަލްތަކެއް ލިބިގެންކަމައްވާތީ، އެކަމަށް ޕާޕަސިވް ސާންޕްލިންގ މެތަޑުން މަގުފަހިވެގެންދާނެތީއެވެ. ސާންޕަލް ނަގާފައިވާނީ، ދިވެހި ބަހުގެ ފަހުގެ އާޓިކަލް ތަކެއް ބޭނުންކޮށްގެން، 75635 ލަފްޒު ހިމަނައިގެން ތައްޔާރުކުރެވިފައިވާ ކޯޕަސްއަކުންނެވެ. މި ގޮތުން 823 ނަމުގެ ލަފްޒުގެ އަޞްލު މިދާއިރާގައި ސާންޕަލްގެ ގޮތުގައި އެނަލައިޒް ކުރެވިފައިވާނެއެވެ. މިއީ، ބަހުގެ ޤަވާއިދުގެ ހަމަތަކެއް ދެނެގަތުމަށް، ބޭނުންކޮށްފައިވާ ޑޭޓާތަކުން ވަކި ޕެޓަރންތަކެއް ފެނޭތޯ ބެލުމަށް ކުރެވިފައިވާ މަސައްކަތަކަށްވާތީ، ޑޭޓާ އެނެލިސިސް ހެދިފައިވާނީ ތީމެޓިކް ކޮންޓެންޓް އެނަލިސިސްއެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ހޯދުންތައް ފެނިފައިވަނީ، ދިވެހި ބަހުގެ ނަމުގެ ލަފްޒްގެ ފަހަތައް ގުޅުވާއަކުރު "އެއް" ގުޅުވާއިރު، މައިގަނޑު 8 ހަމައެއް ބޭނުންކުރާ ކަމެވެ. އޭގެ ތެރޭގައި ލަފްޒާއި ގުޅުވާ އަކުރަށް ބަދަލެއް ނާންނަ ހަމަޔަކާއި، ލަފްޒާއި ގުޅުވާ އަކުރުގެ ފިލި ބަދަލުވާ ހަމަތަކާއި، ލަފްޒާ ގުޅުވާ އަކުރުގެ އޮނިގަނޑު ސުންނާފަތިވެ އަކުރު ބަދަލުވާ ހަމަތައް ހިމެނެއެވެ.މީގެ އިތުރުން ދިވެހިބަހާ ގުޅިފައިވާ ބޭރުބަސްބަހުގެ ލަފްޒްތަކުގެ ފަހަތަށް "އެއް" ގުޅުވުމުން އަންނަ ބަދަލުތައް 2 ހަމަޔަކަށް ފެތޭކަންވެސް މި ދިރާސާއިން ހޯދިފައިވެއެވެ.އަދި ދިވެހިބަހުގެ "ބަދަލުވާ އަކުރުތައް" ކަމުގައި އެކަށައަޅާފައިވާ ގަވާއިދުގައި ހިމެނިފައިވާ އަކުރުތައް، ބަދަލުވާކަމަށް ބަޔާންކުރެވިފައިވާ ހަމަތަކާ އެއްގޮތަށް އެ ބަދަލުތައް އަންނަ ކަމާއި، މިހާރުވެސް އެ ގަވާއިދުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. ޙާއްސަ ގޮތެއްގައި ނަމުގެ ލަފްޒްގެ ފަހަތަށް "އެއް" ގުޅިގެން ދިއުމުގައި އަންނަ ބަދަލްތަކުގައި، ބަހުގެ ފޮނޮލޮޖީއާއި، ސެމެންޓިކްސް ގެ ދައުރެއްވާކަންވެސް މި ދިރާސީ މަސައްކަތުގެ ތެރެއިން ހާމަވެގެންދެއެވެ. ދިވެހިބަހުގެ އިންފްލެކްޝަނަލް މޮފޮލޮޖީއާމެދު ކުރެވިފައިވާ ދިރާސާތައް މަދުކަމާއެކު، މި ދިރާސާގެ މަސައްކަތުން ހޯދިފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްވެ، ބަހުގެ އަހުލުވެރިންނަށް މި ދިރާސާގެ ނަތީޖާއިން ފައިދާތަކެއް ލިބިގެންދާނޭ ކަމުގައި ޔަޤީންކުރަމެވެ.
