Browsing by Author | މުސައްނިފުން "އާމިނަތު ސަޢާދާ"
Now showing 1 - 2 of 2
- Results Per Page
- Sort Options
ThesisItem އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގެރޭސިބަސް މަސްހުނި ކޮއްގެން ވާހަކަދައްކާ އިރު އެފިކްސޭޝަން ބޭނުން ކުރަނީ ކިހިނެތް؟(Faculty of Arts, Maldives National University, 2013-11-01) Saada, Aminath; އާމިނަތު ސަޢާދާބަސް މަސްހުނި ކުރުމަކީ މި ޒަމާނުގައި ވަރަށް އާއްމު ކަމެކެވެ. ހާއްސަކޮއް ދިވެހިރާއްޖެފަދަ ކުޑަ، އަދި މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ކަމެކެވެ. މިގޮތުން މި ދިރާސާއަކީ އުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކޮއްގެން ވާހަކަ ދައްކާ އިރު އެފިކްސޭޝަންގެ އުސޫލުތައް ގެންގުޅޭ ގޮތް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރުމަށްޓަކައި މާލޭގެ 4 ސުކޫލެއްގައި ގުރޭޑް 1 ގައި ކިޔަވާ، އުމުރުން 7 އަހަރުގެ 2 އަންހެން ކުދިންނާއި 2 ފިރެހެން ކުދިން ބައިވެރި ކުރެވުނެވެ. އަދި މިއިން ކޮންމެ ކުއްޖެއް ބޭނުންކޮއްގެން 3 ރެކޯޑިން ހެދުނެވެ. މިގޮތުން ކޮންމެ ކުއްޖަކު ލައްވައި ވާހަކައެއް ކިޔުއްވުމުގެ އިތުރުން، މެތޮޑޮލޮޖީގައިވާ ގޮތަށް ކަނޑައަޅާފައިވާ މައުޟޫތަކުގެ ތެރެއިން 2 މައުޟޫއަކަށް ވާހަކަ ދައްކުވާފައި ވާނެއެވެ. ކުރެވުނު ދިރާސާއިން ހާމަވި ގޮތުގައި ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކުރުމުގައި އެފިކްސޭޝަން ބޭނުން ކުރުމުގައި ވަކި ހަމަތަކެއް، ދިރާސާގެ ބައިވެރިން ބޭނުން ކޮށްފައި ވެއެވެ. މި ގޮތުން އެއްމެ ގިނައިން ބޭނުން ކޮށްފައިވާ އުސޫލަކީ ނުވަތަ ގޮތަކީ އިނގިރޭސިބަހުގެ ލަފުޒާއެކު ދިވެހިބަހުގެ ސަފިކްސް ބޭނުން ކުރުމެވެ. ދެން އެންމެ ގިނައިން ބޭނުން ކޮއްފައި ހުރީ ދިވެހިބަހުގެ ލަފުޒާއެކު އިނގިރޭސިބަހުގެ ސަފިކްސްއެވެ. މި ދެ ގޮތް ނުވަތަ އުސޫލުތައް ބޭނުން ކޮށްފައި ވަނީ ހަމައެކަނި ނަމާއި ކަމާއި އެކުގައެވެ. އެހެންނަމަވެސް ބައިވެރިން ބޭނުން ކޮއްފައިވާ ތިންވަނަ ގޮތްކަމުގައިވާ ލަފުޒުގެ ފަހަތަށް ދިވެހި ސަފިކްސް އަދި އިނގިރޭސި ސަފިކްސް، މި ގޮތަށް ބަސް މަސްހުނި ކޮއްފައި ވަނީ ހަމައެކަނި ނަމުގެ ފަހަތަށެވެ. މި ދިރާސާއިން ފާހަގަ ކުރެވުނު އެއްމެ މުހިންމު ކަމަކީ، މި ދިރާސާގެ ބައިވެރިން ބަސް މަސްހުނި ކުރުމުގައި ބޭނުން ކޮއްފައި ވަނީ ހަމައެކަނި ސަފިކްސް ކަމެވެ. އެފިކްސޭޝަންގެ ތެރެއިން ޕްރިފިކްސް، އިންފިކްސް އަދި ސަރކަމްފިކްސް، އެއްވެސް ވަރަކަށް ބައިވެރިން ބޭނުން ކޮށްފައެއް ނުވެއެވެ. ThesisItem ދިވެހިބަހުގައި އެކުލެވިގެންވާ މަސްދަރުތައް، [ނިމުނުކަމަށް] ބަދަލުވެގެންދާ އުސޫލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Saadhaa, Aminath; އާމިނަތު ސަޢާދާމިއީ، ދިވެހިބަހުގެ މަސްދަރުތައް ނިމުނުކަމަށް ބަދަލުވެގެންދާ އުސޫލު ދެނެގަތުމަށްޓަކައި ހެދި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ ސާމްޕަލްގެ ގޮތުގައި ބޭނުންކުރީ، ދިވެހިބަސްފޮތް 2006 ގައި، ހިމާނާފައި ހުރި މަސްދަރުތަކުގެ ތެރެއިން [ ު ު ް] އަދި [ ެ ު ް] ، މި ދެ ވަޒަނަށް ހުރި ހުރިހާ މަސްދަރު ތަކެކެވެ. ދިރާސާއަށް ބޭނުންވާ ދެވަނަ ސާމްޕަލްކަމުގައިވާ، މަސްދަރުތަކުގެ ނިމުނުކަން ހޯދީ، ދިވެހިބަހުގެ އުސްތާޛުންގެ ތެރެއިން 5 ބޭފުޅުންގެ އަރިހުން، ސާރވޭ ފޯރމް ފުރުއްވައިގެންނެވެ. ނިމުނުކަމުގެ ގޮތުގައި މި ދިރާސާގައި ބޭނުންކޮށްފައިވާނީ، ތިންވަނަ ފަރާތަށް މުޚާތަބުކޮށް، ނިމުނުކަން ބޭނުންކުރާ ގޮތެވެ. މި ދިރާސާއަކީ ކުއަލިޓޭޓިވް ޕެރަޑައިމް އެއްގެ ދަށުން، ހުސް ސުކުނޑިއަކާއެކު ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގެ އުސޫލުތައް ދެނެގަތުމަށްޓަކައި، ދިވެހިބަހުގެ އުސްތާޛުންގެ ޚިޔާލު ހޯދުމުގެ ގޮތުން އިންޓަރވިއުވެސް ކުރީމެވެ. ދިރާސާގައި ބޭނުންކުރި މަސްދަރުތަކަށް ބަލާއިރު، މަސްދަރު، ނިމުނުކަމަށް ބަދަލުވެގެންދާ ތިން އުސޫލެއް ފާހަގަ ކުރެވުނެވެ. އެއީ [-ައިފި] [-ެފި]، އަދި [-ިއްޖެ] އެވެ. މި އުސޫލުތަކުގެތެރެއިން، [-ައިފި] އަދި [-ެފި]، އުސޫލަކީ މުޙައްމަދު ޖަމީލުދީދީ (1970) ވެސް ފާހަގަ ކުރައްވާފައިވާ ދެ އުސޫލު ނަމަވެސް މި ދެ އުސޫލު އެބޭފުޅާ ބަޔާންކޮށްދެއްވާފައިވަނީ ފުރިހަމައަކަށް ނޫންކަން ފާހަގަކުރެވެއެވެ. [-ިއްޖެ]، އުސޫލަށް ލަފުޒު ހުންނަކަމަށް މުޙައްމަދު ޖަމީލުދީދީ (1970) ފާހަގަކުރައްވާފައިވީނަމަވެސް އެ އުސޫލު ބަޔާންކޮށްދެއްވާފައެއް ނުވެއެވެ. އެބޭފުޅާ ބަޔާންކޮށްދެއްވާފައިވާ [-ފި] އުސޫލަކީ، މި ދިރާސާއިންވެސް ފާހަގަކުރެވުނު ގޮތުގައި، އާއްމު އުސޫލާ ޚިލާފު އުސޫލެކެވެ. ތިންވަނަ ފަރާތަކަށް މުޙާތަބުކޮށް ނިމުނުކަން ބޭނުންކުރެވޭ ތައްގަނޑުތަކުގެ ތެރޭގައި އަލީ އަޙުމަދު (1970) ބަޔާންކުރައްވާ،[ -ޮއިފި] އަދި [ -ެއްޖެ] ތައްގަނޑަކީ މިދިރާސާއިން ފާހަގަކުރެވިފައިނުވާ ދެ ތައްގަނޑެވެ. ދިރާސާއިން ހާމަވިގޮތުގައި ތިންވަނަ ފަރާތަކަށް ނިސްބަތްކޮށް ނިމުނުކަން ބޭނުންކުރާއިރު، ނިމުނުކަން، މުޅީންވެސް ނިމިފައިހުންނަނީ، [-ފި] ނުވަތަ [-ޖެ] އަށެވެ. އޭގެތެރެއިން، [-ފި] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރާއެކު ކުރާކަންކަމުގެ މާނަ ދޭހަކޮށްދޭ ލަފުޒުތަކެވެ. އަދި [-ޖެ] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރެއްނެތިވާ ކަންކަމުގެ މާނަދޭހަކޮށްދޭ ލަފުޒުތަކެވެ. ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި މަސްދަރު ނިމުނުކަމަށް ބަދަލުވެގެން ދިޔުމުގައި، ނިމުނުކަން، މަސްދަރަށް ބަރޯސާވުމުގެ ބަދަލުގައި ބަރޯސާވަނީ ވާކަމަށާއި، ލަފުޒުގައި އެކުލެވިގެންވާ މާނައިން، އިޚުތިޔާރާއެކު ކުރާކަންކަމާއި، އިޚުތިޔާރެއްނެތިވާ ކަންކަމުގެ މައްޗަށެވެ.