Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
ThesisItem ރަސްމީ ބަހުރުވައިގެ އިބިފިލި ޖެހިފައިވާ ދެ އަކުރާއި ތިން އަކުރުގެ ލަފްޒް ދާންދޫ ބަހުރުވައަށް ބަދަލުވާއިރު، އަންނަ ފޮނޮލޮޖިކަލް ތަފާތުތައް(Faculty of Arts, Maldives National University, 2012-11-01) Adam, Shimla; ޝިމްލާ އާދަމްމި ދިރާސާއަކީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ހުވަދު އަތޮޅު އުތުރުބުރީ ދާނަދޫ ބަހުރުވައިގެ ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ހުންނަ ތަފާތުތައް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ ސުވާލަށް ޖަވާބުދީ މަޤުޞަދު ޙާޞިލުކުރުމުގެ ގޮތުން، ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ޕެރަޑައިމުގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް، ދިރާސާގެ ހޯދުންތަކުން މާނަނެރުމުގެ ގޮތުން، ކުއަންޓިޓޭޓިވް އެނޭލިސިސް ބޭނުންކުރެވުނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ، ރަސްމީ ބަހުރުވައިގެ އިބިފިލި ޖެހިފައިވާ ދެ އަކުރާއި ތިން އަކުރުގެ ޖުމްލަ 100 ލަފުޒެވެ. މި ލަފުޒުތައް ނަގާފައިވަނީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2006)ގެ ދިވެހި ބަސްފޮތުންނެވެ. އަދި މި ލަފުޒުތައް ދާންދޫ ބަހުރުވައިން ކިޔައި ލިޔުމަށް ދާންދޫ މީހުންގެ ތެރެއިން ދެ ޖިންސުގެ 20 މީހުން ސާމްޕަލްގެ ގޮތުގައި ބޭނުންކުރެވުނެވެ. މި ދިރާސާގެ މަޤުޞަދު ޙާޞިލުކުރުމަށްޓަކައި ކުރެވުނު މަސައްކަތުން، ރަސްމީ ބަހުރުވައާއި ދާންދޫ ބަހުރުވައިގެ ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ހުރިކަން ހޯދުނެވެ. މިގޮތުން، ކޮންސަނަންޓް އަޑުގެ ގޮތުން ޖުމްލަ 25 ލަފުޒަކުން 5 އަޑެއް ތފާތުވެފައިވެއެވެ. މިތަފާތުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ، ރަސްމީ ބަހުރުވައިގެ /s/ (ށ) އަޑު ދާންދޫ ބަހުރުވައިގެ/t/ /ޓ/ އަޑަށް ބަދަލުވާކަމެވެ. އަދި ވަވްލް އަޑުގެ ގޮތުގައި ޖުމްލަ 65 ލަފުޒެއްގައި 7 އަޑު ތަފާތުވެފައިވެއެވެ. ވަވްލް އަޑުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ، ރަސްމީ ބަހުރުވައިގެ /I/ "ި" އަޑު ދާންދޫ ބަހުރުވައިގެ "ާ" އަޑަށް ބަދަލުވާކަމެވެ. މިގޮތަށް ޖުމްލަ 53 ލަފުޒުން ތަފާތު ހޯދުނެވެ. އެހެންކަމުން، މި ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، މި ދިރާސާގެ 100 ލަފުޒުގެ ތެރެއިން، އަޑުގެ ގޮތުން ދެ ބަހުރުވައިގެ މެދުގައި ޖުމުލަ 65 ލަފުޒު ތަފާތުވެފައިވެއެވެ.އަދި ލަފުޒުގެ ގޮތުން ޖުމުލަ 22 ލަފުޒު ތަފާތުވެފައިވާއިރު، އެއްގޮތަކަށްވެސް ތަފާތުނުވާ 13 ލަފުޒެއްވެސްވެއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެން ދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަން ބަހަވީ ޢިލްމުގެ އުޞޫލުތަކުގެ މަތިން، ސާބިތުކޮށްދެއްވާފައިވާ ފަރާތްޕުޅުތަކުގެ ވާހަކަތައް ކަށަވަރުކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މިދިރާސާގެ އަލީގައި ދަންނަވާނީ، ރަސްމީ ބަހުރުވައާއި ދާންދޫ ބަހުރުވައިގެ ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ތަފާތު ތަކެއް ހުރިކަމެވެ.