Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން، އިނުން، އޮތުން" މި ޤަވާޢިދުގެ ތެރެއިން "ހުރުން" މިލަފުޒު ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އެކަމުގެ ސަބަބުތަކަކީ ކޮބާ؟
    (ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) Rashad, Nazly; ނާޒްލީ ރަޝާދު
    މި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވާހަކަދެއްކުމުގައި "ހުރުން" ގިނަ ބަޔަކު ބޭނުންކުރަމުންދާނަމަ، ކުރިމަގުގައި މި ޤަވާޢިދަށް ކުރިމަތިވާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންނަށެވެ. މިގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންގެ ވާހަކަދެއްކުން އޮބްސަރވްކޮށްގެން ޖުމުލަތަކެއް ނަގައި، މިޖުމުލަތަކުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ. އަދި އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "ހުރުން" ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "ހުރުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކުރުމުގެ ހަތަރު ހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، " އަމިއްލަބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށް" މި ހަމަ ބޭނުންކޮށްގެން ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ބޭނުންކޮށްގެންކަން މި ދިރަސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން "ހުރުން" އިނުން، އޮތުން" ގެ ތެރެއިން " ހުރުން" މި ޤަވާޢިދަށް ކުރިމަގުގައި ކުރިމަތިވާނެ މައްސަލަތައް ނުވަތަ އަސަރުތަކާއި ވާހަކަދެއްކުމުގައި "ހުރުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ. އަދި "ހުރުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯވެސް ހޯދިފައިވާނެއެވެ. މީގެއިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައް ހޯދިފައިވާނެއެެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ 58.3 ޖުމުލަ ބޭނުންކޮށްފައިވާކަމެވެ. މީގެއިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "ހުރުން" ބޭނުންކުރުމުގެ އިތުރުހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ.