Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 2 of 2
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟
    (Faculty of Arts, Maldives College of Higher Education, 2009-11-01) Ali, Ashraf; އަޝްރަފް ޢަލީ
    މި ދިރާސާއަކީ ދިވެހިބަހުން ލިޔުންތައްލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (Information Structure) އަށް ފެތޭ ގޮތަށްތޯ ބެލުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑުގެ ގޮތުގައި ބެލީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ބަޔާންކުރައްވާފައިވާ އޮނިގަނޑެވެ. މިގޮތުން މި އޮނިގަނޑުގެ ދަށުން މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް ބިނާކުރަނީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ހާމަކުރައްވާ ބައްޓަންތަކަށް (Patterns) ތޯ ބަލައި ދިރާސާކޮށްފައިވާނެއެވެ. ހަމައެހެންމެ މި ދެންނެވި އޮނިގަނޑުގެ ދަށުން މަޢުލޫމާތު ހުށަހެޅުމުގައި އެނގޭ/ ދީފައިވާ މަޢުލޫމާތު (Given information) އާއި އައު މަޢުލޫމާތު (New Information) ހުށަހަޅަނީ ކިހިނެތްކަން ބަލައި ތަހުލީލިކޮށްފައިވާނެއެވެ. މީގެއިތުރުން ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުމުގައި ލިޔަނީ މެކާތީ އާއި ކާރޓާރ (1994) ހާމަކުރައްވާފަދައިން ތިމާއި ރީމު އެކުލެވޭ ގޮތަށްތޯ ނުވަތަ އެހެން އުޞޫލުތަކަށްތޯވެސް ބަލައި ދިރާސާކޮށްފައިވާނެއެވެ. އަދި ޖުމުލަތައްގުޅުވުމުގައި ހަލިޑޭ އަދި ޙަސަން (1976) ހާމަކުރައްވާފައިވާ ފަދައިން ގުޅުވައިދޭ ލަފްޒުތައް (cohesive devises) ބޭނުންކުރޭތޯ ނުވަތަ ނުކުރޭތޯވެސް ބަލާފައިވާނެއެވެ. ދިވެހިބަހުގެ ލިޔުންތައް ލިޔަނީ މަތީގައި ބަޔާންކުރި އޮނިގަނޑަށް ފެތޭގޮތަށްތޯ ބެލުމަށް ދިރާސާކުރި "މަޒުމޫނު" މިޖޯންރާގެ ދަށުން ޚިޔާރުކުރި 8 ޕެރެގްރާފެވެ. ޕެރެގްރާފްތައް ޚިޔާރުކުރީ ތަފާތު ލިޔުންތެރިން އެކިއެކި މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކުން ނެވެ. އަދި ލިޔުންތެރިންނާއި މުދައްރިސުންނާއި ދިވެހިބަހާއި އިނގެރޭސިބަހުގެ ޢިލްމުވެރިންނާ ބަސްދާގަނެ މައުޟޫޢަށް ބޭނުންވާ އިތުރު މަޢުލޫމާތުވެސް ހޯދީމެވެ. ހަމައެހެންމެ މަދަރުސާތަކުގެ ކުދިން މަޒުމޫނު ލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ ކޮން އުޞޫލުތަކަށްތޯ ދެނެގަތުމަށް ދަރިވަރުންނާ ސާރވޭއެއްކޮށް މަޢުލޫމާތުވެސް އެއްކުރީމެވެ.
  • Thumbnail Image
    Item
    Thesis
    މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟
    (ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) ޢަބްދުﷲ ޝިހާމް; Shiham, Abdullah
    މި ދިރާސާއަކީ ދިވެހި ބަހުން ލިޔާ ލިޔުންތަކުގައި އ، ށ، ތ ސުކުންކުރުމުގައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ސުކުން ބޭނުންކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ކުރާ ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ކުރުމަށްޓަކައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން ޣިޔާޘުއްދީން ސްކޫލާއި ޢިމާދުއްދީން ސުކޫލް އަދި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލުގެ 80 ދަރިވަރުންނާއި އެދަރިވަރުންނަށް ކިޔަވައިދޭ 12 މުދައްރިސުންނާއި ދަރިވަރުންގެ 20 ބެލެނެވެރިން ދިރާސާއަށް ބޭނުންވާ ސާންޕަލްގެ ގޮތުގައި ބޭނުންކުރީމެވެ. މައިގަނޑުގޮތެއްގައި އެފަރާތްތަކުން ޑާޓާ ހޯދުމުގައި ބޭނުންކުރީ ސާވޭ ފޯމެވެ. އެހެންނަމަވެސް ދަރިވަރުންގެ ތަމްރީނު ފޮތާއި އިމްތިހާނު ކަރުދާސްވެސް މި ދިރާސާގައި ބޭނުންކޮއްފައިވާނެއެވެ. މި ދިރާސާ ކުރުމުގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ ދެކަމެއްގެ މައްޗަށެވެ. އެއީ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުންކުރުމުގައި ބަހުގެ ގަވާއިދާއި ޚިލާފުވޭތޯއާއި ޚިލާފު ވާނަމަ އެކަމުގެ ސަބަބުތައް ހޯދުމުގެ މައްޗަށެވެ. މި މަޤްޞަދުގައި ކުރެވުނު މިދިރާސާއަށް ސާންޕަލް ހޯދުމުގައި ދިމާވި ދަތިތަކާހުރެ ދިރާސާގައި ބޭނުންކުރަންޖެހުނީ ކޮންވީނިއަން ސާންޕަލެވެ. ދިރާސާގެ ހައިޕޮތެސިސްކަމުގައި ކަނޑައެޅި " މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ބޭނުން ހުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަކަށް ނޫނެވެ" މި ހައިޕޮތެސިސް ދިރާސާގެ ނަތީޖާއާއި ސީދާވިއެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ބަހުގެ ގަވާއިދާ އެއްގޮތަށް މި ތިން ސުކުން ކުރަން އެނގެނީ ދިރާސާގައި ބައިވެރިވި 80 ދަރިވަރުންގެ ތެރެއިން އެންމެ 15 އިންސައްތަ ދަރިވަރުންނަށެވެ. ބާކީ 85 އިންސައްތަ ދަރިވަރުންނަކީ އ، ށ، ތ ސުކުން ބަހުގެ ގަވާއިދާ އެއްގޮތަށް ކުރަން ނޭނގޭ ދަރިވަރުންނެވެ. އެހެންކަމުން މިނަތީޖާއަށް ބަލާއިރު މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތައް ނޫންކަމުގައި ބުނަންޖެހެއެވެ. ސުކުން ކުރުމުގައި ބަހުގެ ގަވާއިދާ ޚިލާފުވާ މައިގަނޑު ދެތިންކަމެއް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެއްކަމަކީ މުދައްރިސުން ކިޔައިދޭ ގޮތެވެ. ސުކުން ގަޑިތައް ކިޔަވައިދިނުމުގައި އުނގެނުމުގެ ހަތަރު ހުނަރަށް ދެވޭ އަހަންމިއްޔަތު ކުޑަކަން ފާހަގަކުރެވެއެވެ. އަދި އެގަނޑިތަކުގައި ދަރިވަރުން ބައިވެރިކުރާ މިންވަރު ދައްވުމުން ތަޖުރިބާކުރުމަށް ލިބޭ ފުރުޞަތު ހަނިވެއެވެ. ނަތީޖާއަކީ ސުކުން ކިޔަވައިދޭ ގަޑިތަކަކީ ދަރިވަރުންނަށް ފޫހި ގަޑިތަކަކައްވުމެވެ. އަނެއްކަމަކީ ދަރިވަރުންނަށް ދެވޭ ފީޑްބެކެވެ. އެދެވޭ އަދި ދެފަރާތަށް ސާފުކޮށް ދޭހަވާފަދަ ފީޑްބެކެއް ދެވިފައެއް ނެތެވެ. އަދި އާންމުކޮށް ފީޑްބެކް ދެވެނީވެސް އެވްރެޖުކޮށް މައްސަލަ ޖެހޭ ސުކުންތަކަށް މުޅިކުލާހަށް އާންމު ފީޑްބެކެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބެއްވާ ފައިދާއެއް ނުލިބެއެވެ. ކުށް އިސްލާހުކުރާނޭ ގޮތެއް ނޭނގެއެވެ. ތިންވަނަ ކަމަކީ ބަހުގެ ގަވާއިދުގެ މައްސަލައެވެ. އަލިފު ސުކުނާއި ށަވިޔަނި ސުކުން އެއްގޮތަކަށް ކިޔޭތީ ދިމާވާ މައްސަލައެވެ. ސުކުނުގެ އަޑު އިވޭ ސުކުން ނޫން ސުކުނެއް ކުރަންޖެހޭ ހާލަތްތައް މެދުވެރިވުމެވެ. މި ގޮތުން ތ، އ، ށ މި ތިން ސުކުނަކީވެސް ނޫނު ސުކުނުގެ އަޑު އިވޭ ބައެއް ހާލަތްތަކުގައި ކުރަންޖެހޭ ތިން ސުކުނެވެ. މިގޮތަށް ސުކުންކުރެވޭ ހަމަތައް ހެދިފައިވާތީ މިޢީ ދަރިވަރުންނަށް ސުކުން އޮޅުމަށް މެދުވެރިވާ އެއްސަބަބުކަމަށް ފެނެއެވެ. ދެންއޮތީ ދަރިވަރުން ސުކުން ކުރުމަށް ދޭންވާ ސަމާލުކަންނުދިނުމުގެ މައްސަލައެވެ. މިކަމަކީ ދަރިވަރުންގެ ޝައުޤުވެރިކަމާއި ގުޅިފައިވާ މައްސަލައެއްކަން ބަހުގެ މާހިރުންގެ ދިރާސާތަކުން އެނގެއެވެ. ދަރިވަރުން ޝައުޤުވެރިވާނީ ވާނުވާއެއް އެނގޭ ކަމަކަށެވެ. އަދި އެކަމެއް ކުރިޔަށް ގެންދާ ގޮތަކުންނެވެ. މިއުސޫލުން ވިސްނާއިރު ސުކުންކުރުމުގައި ދަރިވަރުން ސަމާލުކަން ނުދޭނަމަ އެކަންވެސް ރައްދުވާނީ ހެދިފައިވާ ގަވާއިދުތަކަށާއި ކިޔަވައިދޭ ފަރާތްތަކަށެވެ. ވީމާ، މުޅި ދިރާސާއިން އެނގުނީ މާލޭގަ ޕްރައިމެރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ތ، އ، ށ ސުކުން ކުރުމުގައި ބަހުގެ ހަމަތަކާއި ޚިލާފުވާކަމެކެވެ. މިކަން މެދުވެރިވަނީ ސުކުންކުރުމުގެ ގަވާއިދު ހެދިފައިވާ ގޮތުންނާއި އެހަމަތައް ކިޔަވައިދެވޭ ގޮތުންކަމެވެ.