ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން އެންމެ ކިޔަވާ ހިތްވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުގެ ތެރެއިން ކޮން ބަހެއްކަމާއި، އަދި އެބަސް ކިޔަވަން ޝައުޤުވެރިވާ ސަބަބުތައް
Loading...
Date
2016-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މި ދިރާސާއަކީ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން އެންމެ ކިޔަވާ ހިތްވަނީ ދިވެހި ނުވަތަ އިނގިރޭސި ބަސްތޯއާއި އަދި އެބަސް ކިޔަވަން ޝައުޤުވެރިވާ ސަބަބުތައް ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން އެންމެ ކިޔަވާ ހިތްވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުގެ ތެރެއިން ކޮންބަހެއްކަމާއި އަދި އެބަސް ކިޔަވަން ޝައުޤުވެރިވާ ސަބަބުތަކަކީ ކޮބައިކަން ދެނެގަތުމެވެ. ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަކީ ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބައެކެވެ. ކިޔެވުމުގެ ތެރޭގައި ކުދިންގެ ދުވަސް ހޭދަކުރަމުން ދާއިރު ތަފާތު އެތައް މާއްދާތަކެއް ކިޔަވަމުން ދެއެވެ. މި ހުރިހާ މާއްދާތަކެއްވެސް ދަރިވަރުން ކިޔަވަމުންދަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ.
ދިވެހިބަހަކީ ދިވެހިންގެ މާދަރީ ބަހަށްވާތީ އެބަހަކީ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮންނަ މާއްދާއެކެވެ. ހަމައެއާއެކު އިނގިރޭސި ބަހަކީ ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން ދެވަނަ ބަހެއްގެ ގޮތުން ކިޔަވަންޖެހޭ ބަހަކަށްވާތީވެ، އިނގިރޭސި ބަހަކީވެސް ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވަންޖެހޭ މާއްދާއެކެވެ. އިނގިރޭސި ބަސް ވެފައިވަނީ މިއަދު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ބަހަށެވެ. ހަމައެއާއެކު އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުދިން ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެފަދައިން އިނގިރޭސި ބަހުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން މަސައްކަތް ކުރާ ފަދައިން ދިވެހި ބަހުންވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުދިން ގަދައަޅާ މަސައްކަތް ކުރެއެވެ.
ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލުގައި ތަފާތު އެތައް މާއްދާއެއް ކިޔަވަންޖެހޭ އިރު އޭގެތެރެއިން އެންމެ ކިޔަވާ ހިތްވަނީ ކޮންމާއްދާއެއްތޯ ބެލުމަކީ މުހިންމުކަމެވެ. އެހެންކަމުން މި ދިރާސާ ހަދަން އަމާޒު ކޮށްފައިވާ ސުވާލަކީ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން އެންމެ ކިޔަވާ ހިތްވަނީ ކޮންމާއްދާ އެއްކަމާއި އަދި އެ މާއްދާ ކިޔަވަން ޝައުޤުވެރިވާ ސަބަބުތަކަކީ ކޮބައިތޯއެވެ.
މިއީ ކޮންބައިންޑް ޑިޒައިންގަ ހިމެނޭ މިކްސްޑް މެތަޑް ބޭނުންކޮށްގެން ހެދޭ ދިރާސާއެކެވެ. އެގޮތުން ދިރާސާގައި މަޢުލޫމާތު އެއްކުރުމަށްޓަކައި ކުއަލިޓޭޓިވް ދިރާސާއެއްގައި މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެއް އުޞޫލު ކަމުގައިވާ އިންޓަވިއުގެ އުސޫލާއި ކޮންޓިޓޭޓިވް ދިރާސާއެއްގައި މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެއް އުޞޫލު ކަމުގައިވާ ސާވޭ ފޯމުގެ ބޭނުން ކޮށްފައިވާނެއެވެ. ދިރާސާގައި މަޢުލޫމާތު އެއްކުރެވިފައިވާނީ ކޮންޓިޓޭޓިވް ޑިޒައިންގައި ހިމެނޭ ސަރވޭ ޑިޒައިން މެތަޑުގެ އުސޫލުތަކާއި ކޮލިޓޭޓިވް ޑިޒައިންގެ ހިމެނޭ ނޮންޕްރޮބަބިލިޓީ ސާންޕްލިންގެ ކޮންވީނިއަންސްގެ އުސޫތަކާއި އެއްގޮތަށެވެ. މި ދިރާސާ ހެދުމަށް މަޢުލޫމާތު އެއްކުރެވިފައި ވަނީ ސާވޭ ފޯމާއި އަދި ޓީޗަރުންނާ ކުރެވުނު އިންޓަވިޔު ތަކުންނެވެ. މި ދިރާސާގައި ސާވޭ ފޯމު ފުރުމުގައި ބައިވެރިވެފައި ވަނީ މާލޭގެ ސެކަންޑަރީ ސްކޫލެއްގެ ގްރޭޑް 8، ގްރޭޑް 9 އަދި ގްރޭޑް 10 ގައި ކިޔަވަމުންދާ 60 ދަރިވަރުންނެވެ. އަދި އިންޓަވިޔުގައި ބައިވެރިވެފައިވަނީ 02 ޓީޗަރުންނެވެ. މި ދިރާސާއަށް ބައިވެރިން ހޮވާފައިވަނީ ޕްރޮބަބިލިޓީ ސާމްޕްލިންގެ ވައްތަރެއް ކަމުގައިވާ ސިމްޕަލް ރެންޑަމް ސާންޕްލިންގެ އުސޫލު ބޭނުން ކޮށްގެންނެވެ. ދިރާސާގެ އަސްލު ނަތީޖާ ނެރެވުނީ ލިބުނު ޑާޓާތައް އެއްކުރުމަށްފަހު ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި ދިރާސާގެ ނަތީޖާ ދެއްކީ ދަރިވަރުން އެންމެ ކިޔަވާ ހިތްވާ ބަހަކީ އިނގިރޭސި މާއްދާކަމަށެވެ. އަދި ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ފިރިހެން ދަރިވަރުންނަށް ވުރެ އަންހެން ދަރިވަރުން އިނގިރޭސި ބަސް ކިޔަވަން ޝައުޤުވެރި ވެއެވެ. ދަރިވަރުން ދިވެހި ބަހަށްވުރެ އިނގިރޭސި ބަސް ކިޔަވަން ޝައުޤުވެރިވާ ސަބަބުތަކެއް ދިރާސާއިން ފާހަގަ ކުރެވިފައިވެއެވެ. އެ ސަބަބުތަކުގެ ތެރޭގައި އިނގިރޭސި ބަހަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ބޭނުން ކުރެވޭ ބަހަކަށްވުމާއި، ގިނަ މާއްދާތަކެއް އިނގިރޭސި ބަހުން ކިޔަވަން ޖެހުމާއި، ދުނިޔޭގެ ގިނަ ބަޔަކު މުއާސަލާތު ކުރުމަށް ބޭނުން ކުރާ ބަހަކަށް އިނގިރޭސި ބަސް ވާތީ ދަރިވަރުން އެ ބަހަށް ޝައުޤުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އިނގިރޭސި ބަހަކީ ދަސްކުރަން ފަސޭހަ ބަހަކަށް ވުމަކީ ވެސް ދަރިވަރުން އިނގިރޭސި ބަސް ކިޔަވަން ޝައުޤުވެރިވާ ސަބަބެކެވެ. އަދި އެ ނޫން އިތުރު ސަބަބުތަކާއި ހެދި ވެސް ބައެއް ދަރިވަރުން އިނގިރޭސި ބަސް ކިޔަވަން ޝައުޤުވެރި ވެއެވެ.
Description
Keywords
Citation
ވަފިއްޔާ ޢަބްދުﷲ. (2016). ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން އެންމެ ކިޔަވާ ހިތްވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުގެ ތެރެއިން ކޮން ބަހެއްކަމާއި، އަދި އެބަސް ކިޔަވަން ޝައުޤުވެރިވާ ސަބަބުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abdulla, W. (2016). Sekandaree gureyduthakuge dharivarun enme kiyavaa hiyvanee Dhivehi bahaai ingireysi bahuge therein kon bahehkamaai, adhi ebas kiyavan sh’auquverivaa sababuthah. Male', Maldives National University.
Abdulla, W. (2016). Sekandaree gureyduthakuge dharivarun enme kiyavaa hiyvanee Dhivehi bahaai ingireysi bahuge therein kon bahehkamaai, adhi ebas kiyavan sh’auquverivaa sababuthah. Male', Maldives National University.