ދިިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައިވާ ގުޅުންތައް

Loading...
Thumbnail Image

Date

2011-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

މިދިރާސާއަކީ ދިވެހިބަހާއި ސިންހަޅަބަހުގައި ގުޅުންތަކެއްވާކަމަށް ތާރީޚީ ޢިލްމުވެރިންނާއި ބަހަވީ ޢިލްމުވެރިން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން ފެންނާތީ، ދިވެހިބަހާއި ސިންހަޅަބަހުގެ ފޯނީމުތަކުގެ ދެމެދުގައިވާ ގުޅުންތައް ދެނެގަތުމަށް ކުރިއަށް ގެންގޮސްފައިވާ ޢިލްމީ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ މި ދެބަހުގައިވާ އާންމު ވަވަލް އަދި ކޮންސަނަންޓް ފޯނީމުތަކުގެ ދެމެދުގައިވާ އެއްގޮތް އަދި ތަފާތުތަކުގެ މައްޗަށް ބަހަވީ ނަޒަރަކުންނެވެ. މީގެއިތުރުން، މި ދެބަހުގައިވާ ފޯނީމުތައް އެތުރި ތަރުތީބުވާގޮތާއި ލަފުޒުގައި ފޯނީމުތައް އައުން ހުއްދަވާ ހިސާބުތަކުގައި ގުޅުންތަކެއްވޭތޯ ބެލުމީވެސް މި ދިރާސާގެ ބޭނުމެކެވެ. މިކަންކަން ބެލުމަށް ކުރިއަށް ގެންދެވުނު މި ދިރާސާގެ ރިޕޯޓު ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ހަ ބާބަށް ޖުމުލަކޮށް ބަލާއިރު، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައި ގުޅުންތަކެއްވާކަން އެނގިގެންދެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް ބޭނުން ކޮށްގެންނެވެ. ދިވެހިބަހުގެ ފޯނީމުތަކަކީ ކޮބައިކަން ރަސްމީކޮށް ކަނޑައަޅާފައި ނުވާތީ އަދި ދިވެހިބަހާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން މިހާތަނަށް ޝާއިޢުކޮށްފައިވަނީ މަދު ދިރާސާތަކެއް ކަމުން، މި ދިރާސާގައި ދިވެހިބަހުގެ ފޯނީމުތަކެއް ކަމަށް ކަނޑައަޅާފައިވާނީ މި ދިރާސާއިން ފެނުނު ފޯނީމުތަކެވެ. ނަމަވެސް، ސިންހަޅަބަހުގެ ފޯނީމުތަކެއް ކަމަށް މި ދިރާސާގައި ބޭނުންކޮށްފައިވާނީ ސިންހަޅަބަހާ ގުޅޭގޮތުން، 7 ޢިލްމުވެރިއަކު ހައްދަވާފައިވާ ދިރާސާތަކާއި ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ފޯނީމުތަކެވެ. މީގެއިތުރުން، މި ދިރާސާގެ ސާންޕަލްގެ ގޮތުގައި މުޅިންވެސް ބޭނުންކޮށްފައިވާނީ ދިވެހިބަހާއި ސިންހަޅަބަހުގެ ލަފުޒުތަކެވެ. ލަފުޒުތައް އެއްކޮށްފައިވާނީ ދެބަހުގެ ރަދީފުތަކުންނާއި މިދެބަހުން ވާހަކަދައްކާ އަހުލުވެރިންގެ ފަރާތުންނެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުތަކުން ހޯދުނު ހޯދުންތަކަށް ބަލާއިރު، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައި ގާތްގުޅުންތަކެއްވެއެވެ. މިގޮތުން، މި ދެބަހުގައިވެސް އެއްގޮތް ފޯނީމުތަކާއި ތަފާތު ފޯނީމުތައް ހިމެނެއެވެ. ހަމައެހެންމެ، ދެބަހުގައި ހިމެނޭ ފޯނީމުތަކުން އެއް ގޮތް ސިފަތަކެއް ލިބިވާ ތަފާތު ފޯނީމުތަކެއްވާކަން ވެސް ހޯދުނެވެ. މީގެއިތުރުން، ދެބަހުގައި ހިމެނޭ ފޯނީމުތައް ލަފުޒުގެ އެކި ހިސާބުގައި އަންނަ އުޞޫލުތަކުގައި ގާތްގުޅުންތަކެއް ހިމެނެއެވެ. އަދި ފޯނީމުތައް އެތުރިތަރުތީބުވެ ސިލަބަލްތައް އުފެދުމުގައިވެސް ގުޅުންތަކެއްވެއެވެ. ހަމައެހެންމެ، ތަފާތު އެކި އުޞޫލުތަކުން ސިލަބަލްތައް އެތުރި ތަރުތީބުވެގެން ލަފުޒުތައް އުފެދެއެވެ. މިގޮތުން، ލަފުޒުތައް އުފެދުމުގައި މޮނޯ ސިލަބަލް، ޑައިސިލަބަލް، ޓްރައި ސިލަބަލް އަދި ޕޮލި ސިލަބަލްގެ ގޮތުގައި ފޯނީމުތައް އެތުރި ތަރުތީބުވެއެވެ. މީގެ އިތުރުން، މިދެބަހުގައި ސިލަބަލްގެ އޮންސެޓުގެ ގޮތުގައި އަންނަ ފޯނީމުތަކަކީ ލަފުޒުގެ ފެށުމުގައި އައުން ހުއްދަ ފޯނީމުތައް ކަމާއި ސިލަބަލްގެ ކޯޑާގެ ގޮތުގައި އައުން ހުއްދަ ހުރިހާ ފޯނީމެއް ލަފުޒުގެ ނިމުމުގައި އައުން ހުއްދަވެއެވެ. އަދި މި ދެބަހުގައި ހިމެނޭ ހުރިހާ ވަވަލް ފޯނީމެއް ސިލަބަލްގެ ނިއުކްލިއަސްގެ ގޮތުގައި އައުން ހުއްދަވެއެވެ. ޖުމުލަކޮށް ބަލާއިރު، ދިބެހިބަހާއި ސިންހަޅަބަހުގެ ފޯނީމުތަކާއި ލަފުޒުގައި ފޯނީމުތައް އެތުރި ތަރުތީބުވުމުގައި ގާތްގުޅުންތަކެއް ވާކަމަށް ބަހުގެ ޢިލްމުވެރިންނާއި ތާރީޚީ ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަކީ ބަހަވީ އުޞޫލުން ބަލާއިރު ތެދެއްކަން މި ދިރާސާއިން ސާބިތުކުރެވެއެވެ.

Description

Keywords

ދިވެހިބަސް, ސިންހަޅަބަސް, ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތައް, އެއްގޮތް ފޯނީމުތައް, ތަފާތު ފޯނީމުތައ, ދެބަހުގައި ހިމެނޭ ފޯނީމުތައް

Citation

Ahmed, F. (2011). Dhivehi bahaai sinhalhabahugai himeney foanim thakugaivaa gulhunthah. Male', Maldives College of Higher Education.
ފަތުހުﷲ އަޙުމަދު. (2011). ދިިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައިވާ ގުޅުންތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Endorsement

Review

Supplemented By

Referenced By