MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
Browse
1 results
Search Results
ThesisItem ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން., 2009-11-01) Hussain, Rahma; ރަހުމާ ޙޫސައިންމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަމުންދާ ސަބަބުތައް ދެނެގަތުމެވެ.މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 2 ދާއިރާއަކަށެވެ.އެއީ ދަރިވަރުންނާއި މުދައްރިސުންނަށެވެ.މިގޮތުން ދަރިވަރުންނާއި މުދައްރިސުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން ޖުމުލަތަކެއް ނަގައި، މި ޖުމުލަތަކުގައި "އިނުން" އެކަށައަޅާފައިވާ ޤަވާާާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ.އަދި އެކަށައަޅާފައިވާ ޤަވާއިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ބޭނުންކުރެވިފައިވާ މިންވަރު ބަލާފައިވާނެއެވެ.މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "އިނުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ.އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާއިދުގައިވާ "އިނުން" ބޭނުންކުރުމުގެ ފަސްހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، ޢާއްމުގޮތެއްގައި ހުރިހާ ހަމައަކަށްވެސް ތަބާވެއެވެ.ނަމަވެސް ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ކަން މި ދިރާސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުުނު ސާާރވޭއިން "ހުރުން، އިނުން، އޮތުން" ގެ ތެރެއިން "އިނުން" ބޭނުންކުރުމުގެ ޤަވާއިދު ދަރިވަރުންނަށް ދަސްކޮށްދޭނީ ކިހިނެއްކަމާއި ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ.އަދި "އިނުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލީފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ވެސް ހޯދިފައިވާނެއެވެ.މީގެ އިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައްވެސް ހޯދިފައިވާނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "އިނުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވަޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ ޖުމުލަ 56.6 އިންސައްތަ ބޭނުންކޮށްފައިވާކަމެވެ.މީގެ އިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "އިނުން" ބޭނުންކުރުމުގެ އިތުރު ހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ.