Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 2 of 2
  • Thumbnail Image
    Item
    Thesis
    ޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Abdullah, Dhiyana; ދިޔާނާ ޢަބްދުﷲ
    މި ދިރާސާއަކީ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި، ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގައި ހުރި ތަފާތުތައް ބެލުމަށް ކުރި ދިރާސާއެކެވެ. މިކަމުގެ ބޭނުމަކީ ޢާއިލީނަމުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވައިގައި އެކުލެވިގެންނުވާ ޢާއިލީނަންތަކެއް ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގެ ތެރެއިން ފެނިގެންދާތީ މި މަޢުލޫމާތު ފުރިހަމައަށް ދެނެގަނެ މިކަން ރަނގަޅު ގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ވުމާއެކު މި ދެ އަތޮޅުން ޖުމުލަ 144 މީހުން ހޮވައި މި ދިރާސާގެ ސާމްޕަލް ނެގިއިރު، ރަސްމީބަހުރުވައިގެ ސާމްޕަލް ނެގީ ދިވެހި ބަސްފޮތުންނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުން ފާހަގަކުރެވުނު އެންމެ މުހިއްމު އެއްކަމަކީ ލޭގެގުޅުމުގެ ސަބަބުން އުފެދިފައިވާ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި ދިވެހި ރަސްމީބަހުރުވައަށްވުރެ ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށަކުން ތަފާތުކޮށް ޢާއިލީނަން ބޭނުންކުރަމުންދާކަމެވެ. ނަމަވެސް ދ. އަތޮޅުގެ ބައެއް ތަށްތަކުން މި ބަދަލުތައް ފެނިގެނެއް ނުދެއެވެ. އަދި ފ. އަތޮޅަށް ބަލާއިރު ޚާއްޞަކޮށް ފ. ނިލަންދޫ މީހުންގެ ޢާއިލީނަމުގެ ބަސްކޮށާރު އެހެން ރަށްތަކުގެ ބަސްކޮށާރަށްވުރެ ވެސް މުއްސަނދިކަން ފާހަގަކުރެވިގެން ދިޔައެވެ. މި ދިރާސާގެ އަލީގައި ޢާއިލީނަން ބޭނުންކުރުމުގައި ދުނިޔޭގެ ފެންވަރުގެ 6 ސިސްޓަމެއް އޮންނަކަން ފާހަގަކުރެވުނެވެ. އެގޮތުން ދިވެހިބަހުގެ ރަސްމީބަހުރުވައިގައި ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމާއި ދ. އަތޮޅުގެ ބައެއް ރަށްތަކުގެ އަހުލުވެރިން ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމު، އެސްކިމޯ ސިސްޓަމަށް ފެތިގެންދާއިރު، ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށެއްގެ ޢާއިލީނަމުގެ ސިސްޓަމު ގާތްކުރަނީ ސޫދާނީ ސިސްޓަމާއެވެ. މީގެއިތުރުން ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ޢާއިލީނަން ބައިކޮށްފައިވާއިރު، މިބައިގެ ތެރެއިންވެސް މި ދެ ބަހުރުވައިގެ ތަފާތު ފެނިގެންދެއެވެ.
  • Thumbnail Image
    Item
    Thesis
    ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް
    (Faculty of Arts, Maldives National University, 2013-11-01) Zuhury, Mohamed; މުޙައްމަދު ޒުހުރީ
    މި ދިރާސާއަކީ ދިވެހިރާއްޖޭގައި ހިމެނޭ މައިގަނޑު ފަސް ބަހުރުވައިގެ ތެރެއިން، ރަސްމީ ބަހުރުވައިގައި ބޭނުންކުރާ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައި ބޭނުންކުރާ ގޮތުގައި، ފޮނޮލޮޖިކަލް ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ މައިގަނޑު އެއް އަމާޒަކަށް ވެފައިވަނީ، ދެބަހުރުވައިގެ ހުރި ނަމުގެ ލަފުޒުތަކުގެ ތެރެއިން "އާއްމު ނަން" ގެ ލަފުޒުތަކުގެ، ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްއަށް ފޮނޮލޮޖިކަލް ތަފާތުތަކެއް އައިސްފައިވޭތޯ ބަލައި އެކަން ބަޔާން ކުރުމެވެ. އެހެންކަމުން، މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ފަރެޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، ދިރާސާ ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. އެގޮތުން، ދިރާސާއަށް ނެގި ޑާޓާތަކުގެ މައްޗަށް ބަރޯސާކޮށް ލިންގުއިސްޓިކް ހަމަތަކުގެ މަތީން، ދެބަހުރުވައިގެ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގައި ހުރި ފޮނޮލޮޖިކަލް ތަފާތުތައް ބަޔާންކޮށްފައި ވާނެއެވެ. ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްގެ އިތުރުން ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ އޮންސެޓަށް ވެސް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ފޮނޮލޮޖިކަލް ބަދަލު އަންނަކަން މިދިރާސާއިން ސާބިތުވިއެވެ. ވީމާ، ރަސްމީ ބަހުރުވައިން ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ރަސްމީ ކޮންސޮނަންޓް އަޑުތަކުގެ ޕްލޭސް އޮފް އާޓިކިއުލޭޝަނާއި މެނަރ އޮފް އާޓިކިއުލޭޝަން އަދި ވޮއިސިންގެ އިތުރުން ވަވަލް އަޑުތައް އަދާކުރުމުގައި ދުލުގެ ޙާލަތައް ބަދަލުއަންނަކަން މި ދިރާސާއިން ސާބިތުވިއެވެ. މީގެ އިތުރުންވެސް، ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާ، "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ މެދުގައި ފޮނޮލޮޖިކަލްގޮތުން ތަފާތުކުރެވޭ ގިނަ ސިފަތަކެއް ހުރިކަން މި ދިރާސާއިން ކަށަވަރުވިއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެންދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަމަށް ލިންގުއިސްޓިކް އުސޫލުތަކުގެ މަތީން ސާބިތުކޮށްދެއްވާފައިވާ ފަރާތްތަކުގެ ދިރާސާތައް އިތުރަށް ކަށަވަރު ކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މި ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ، ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާގޮތުގައި ތަފާތުތަކެއް ހުރިކަމަށް ސާބިތުވާކަމެވެ.