Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
2 results
Search Results
DissertationItem ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Ali, Ashrafމި ދިރާސާއަކީ ދިވެހިބަހުން ލިޔުންތައްލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (Information Structure) އަށް ފެތޭ ގޮތަށްތޯ ބެލުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑުގެ ގޮތުގައި ބެލީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ބަޔާންކުރައްވާފައިވާ އޮނިގަނޑެވެ. މިގޮތުން މި އޮނިގަނޑުގެ ދަށުން މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް ބިނާކުރަނީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ހާމަކުރައްވާ ބައްޓަންތަކަށް (Patterns) ތޯ ބަލައި ދިރާސާކޮށްފައިވާނެއެވެ. ހަމައެހެންމެ މި ދެންނެވި އޮނިގަނޑުގެ ދަށުން މަޢުލޫމާތު ހުށަހެޅުމުގައި އެނގޭ/ ދީފައިވާ މަޢުލޫމާތު (Given information) އާއި އައު މަޢުލޫމާތު (New Information) ހުށަހަޅަނީ ކިހިނެތްކަން ބަލައި ތަހުލީލިކޮށްފައިވާނެއެވެ. މީގެއިތުރުން ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުމުގައި ލިޔަނީ މެކާތީ އާއި ކާރޓާރ (1994) ހާމަކުރައްވާފަދައިން ތިމާއި ރީމު އެކުލެވޭ ގޮތަށްތޯ ނުވަތަ އެހެން އުޞޫލުތަކަށްތޯވެސް ބަލައި ދިރާސާކޮށްފައިވާނެއެވެ. އަދި ޖުމުލަތައްގުޅުވުމުގައި ހަލިޑޭ އަދި ޙަސަން (1976) ހާމަކުރައްވާފައިވާ ފަދައިން ގުޅުވައިދޭ ލަފްޒުތައް (cohesive devises) ބޭނުންކުރޭތޯ ނުވަތަ ނުކުރޭތޯވެސް ބަލާފައިވާނެއެވެ. ދިވެހިބަހުގެ ލިޔުންތައް ލިޔަނީ މަތީގައި ބަޔާންކުރި އޮނިގަނޑަށް ފެތޭގޮތަށްތޯ ބެލުމަށް ދިރާސާކުރި "މަޒުމޫނު" މިޖޯންރާގެ ދަށުން ޚިޔާރުކުރި 8 ޕެރެގްރާފެވެ. ޕެރެގްރާފްތައް ޚިޔާރުކުރީ ތަފާތު ލިޔުންތެރިން އެކިއެކި މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކުން ނެވެ. އަދި ލިޔުންތެރިންނާއި މުދައްރިސުންނާއި ދިވެހިބަހާއި އިނގެރޭސިބަހުގެ ޢިލްމުވެރިންނާ ބަސްދާގަނެ މައުޟޫޢަށް ބޭނުންވާ އިތުރު މަޢުލޫމާތުވެސް ހޯދީމެވެ. ހަމައެހެންމެ މަދަރުސާތަކުގެ ކުދިން މަޒުމޫނު ލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ ކޮން އުޞޫލުތަކަށްތޯ ދެނެގަތުމަށް ދަރިވަރުންނާ ސާރވޭއެއްކޮށް މަޢުލޫމާތުވެސް އެއްކުރީމެވެ. ThesisItem ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު(Faculty of Arts, Maldives National University, 2013-11-01) ވާޖިދާ ހާރޫން; Haroon, Waajidhaމި ދިރާސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ދިވެހިބަހުން ކުރީގައި ލިޔެފައިހުރި މަޢުލޫމާތުދޭ މަޒުމޫނުތަކާއި، މިހާރު ލިޔެވެމުން އަންނަ މަޢުލޫމާތުދޭ މަޒުމޫނުތަކުގައި މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްފައިވޭތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ އަމާޒަކަށްވެފައި ވަނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއްވޭތޯ ދެނެގަތުމެވެ. މި ދިރާސާ ހެދުމަށް ނަގާފައިވާ ސުވާލަށް ޖަވާބުދީ، މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައި ވާނީ، ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، މި ދިރާސާ ބަހާލާފައިވާނީ، މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ދިރާސާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކުރި މަސައްކަތްތަކުގެ އަލީގައި ހޯދުނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. މިގޮތުން ލިޔުންތަކުގެ ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައިވާ ގޮތުގައި ތަފާތުތަކެއް ފާހަގަކުރެވުނެވެ. އެއީ ކުރީގެ ލިޔުންތަކަށްވުރެ މިހާރުގެ ގިނަ ލިޔުންތަކުގައި ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައި ވެއެވެ. ހަމައެހެންމެ ކުރީގެ ލިޔުންތަކާއި ހިލާފަށް މިހާރުގެ ލިޔުންތަކުގައި ތީމް، ރީމްގެ 2 ޕެޓާން އެއްކޮށް ބޭނުންކޮށްފައިވާކަން ވެސް ހޯދުނެވެ. މީގެ އިތުރުން، ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމަށް ބޭނުންކުރާ ޕެޓާންގައި ވެސް ތަފާތުތަކެއް ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެވެ. ޖުމުލަގޮތެއްގައި، މި ދިރާސާއިން ހާމަވެގެންދިޔައީ ދިވެހިބަހުން ލިޔެވިފައިވާ ކުރީގެ މަޒުމޫނުތަކާއި މިހާރުގެ މަޒުމޫނުތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. އެ ތަފާތުތަކަކީ ކޮބައިކަން، އަންނަން އޮތް ބާބުތަކުން ސާފުވެގެންދާނެއެވެ.