MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް

Browse

Search Results

Now showing 1 - 3 of 3
  • Thumbnail Image
    Item
    Thesis
    ދިވެހި ބަހުގައި އެކުވިލަފުޒު އުފެދިފައި ހުންނަގޮތް...
    (Faculty of Arts, Maldives National University, 2012-11-01) Hafsa, Aishath; އާއިޝަތު ޙަފްޞާ
    މިއީ ދިވެހިބަހުގައި ލަފުޒު އުފެދިފައިވާ ގޮތްތަކުގެ ތެރެއިން ބަސްކޮށާރަށް އިތުރުކުރާ އެއްގޮތް ކަމުގައިވާ އެކުވިލަފުޒު (compound) އުފެދިފައި ހުންނަގޮތްތައް ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިދިރާސާއަކީ ކުއަލިޓޭޓިވް މެތަޑެއް ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާގައި ކޮލިޓޭޓިވް މެތަޑެއް ބޭނުންކުރީ އަދަދުކުރުމަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން ހޯދޭ މަޢުލޫމާތުތަކުގެ މައްޗަށް ބަލަށް ޖެހޭތީއެވެ. ޑާޓާ އެއްކުރުމަށް ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ ޝާއިއުކޮށް އާންމުކުރެވިފައިވާ ބައެއް ފޮތްތަކުންނާއި ދިވެހިބަހުގެ ރަދީފުން އެކުވިލަފުޒުގެ ގޮތުގައި ފާހަގަކުރެވުނު ލަފުޒުތަކުގެ ތެރެއިން ބައެއް ލަފުޒުތަކެވެ. މިދިރާސާއިން ހޯދިހޯދުންތަކުން ދިވެހިބަހުގެ (compound) އެކުވިލަފުޒު މައިގަނޑު ހަތަރުބައެއްގެ ދަށުން އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން އެންޑޯސެންޓްރިކް، އެގްސޯސެންޓްރިކް، ކޯޕަރޭޓިވް އަދި އެޕޮޒިޝަނަލް ކަމްޕައުންޑް ލަފުޒު އުފެދިފައިވަކަން ފާހަގަކުރެވެއެވެ. މިބައިތަކުގެ ދަށުން ކަމްޕައުންޑް ލަފުޒު އުފެދިފައި ހުރިއިރު އާންމުގޮތެއްގައި ކަމްޕައުންޑް ލަފުޒު އުފެދިފައި ހުރީ ދިވެހިބަހުގެ ލެކްސިކަލް ކެޓަގަރީގެ ބައިތަކުގެ ތެރެއިން ނަން، ކަން، ނަންއިތުރު އަދި ކަންއިތުރު ގުޅިގެންނެވެ. މިގޮތުން މިދިރާސާގައި ހޯދި ހޯދުންތަކުން މިބަޔާންކުރި ބައިތައް ގުޅިގެން ތަފާތު 14 ގޮތަކަށް އެކުވިލަފުޒު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިދިރާސާގައި ހޯދި ހޯދުންތަކުން އެންޑޯސެންޓްރިކް، އެގްޒޯސެންޓްރިކް، ކޯޕަރޭޓިވް އަދި އެޕޮޒިޝަނަލް ކަމްޕައުންޑުގެ ދަށުން އެކުވި ލަފުޒު އުފެދިފައި ހުންނައިރު އެންމެގިނައިން އެކުވި ލަފުޒު އުފެދިފައި ހުރީ (ނަން+ނަން)، (ނަން+ކަން)، (ކަން+ނަން)، (ނަން+ނަންއިތުރު)، (ނަންއިތުރު+ނަން) އަދި (ނަންއިތުރު+ނަންއިތުރު) ގުޅިގެންނެވެ. ހަމައެހެންމެ ކޮންމެ ބާވަތެއްގެ އެކުވިލަފުޒެއްގެ ދަށުންވެސް އެންމެ ގިނައިން އުފެދިފައި ހުންނަނީ (ނަން+ނަން) ގުޅިގެންނެވެ. އަދި (ނަންއިތުރު+ނަންއިތުރު) ގުޅިގެންވެސް ވަރަށްގިނައިން ކަމްޕައުންޑް ލަފުޒު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ (ކަންއިތުރު+ނަން) އަދި (ކަން+ކަން) ގުޅިގެންވެސް އެކުވި ލަފުޒު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިދިރާސާއިން ދިވެހިބަހުގައި ކަމްޕައުންޑް އުފެދިގައި ހުނަންގޮތް ދެނެގަނެވުނު އިރު ކަމްޕައުންޑް ލަފުޒާއި ގުޅޭ އިތުރު ހޯދުންތައް ހޯދުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރެވުނެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުގެ ޖުމުލަ ތަކުގައި ކަންއިތުރު ތަރުތީބުވާ ގޮތާއި އޭގެ ސަބަބުން މާނައަށް އަންނަ ބަދަލު ތަކަކީ ކޮބައި ހެއްޔެވެ؟
    (Faculty of Arts, Maldives National University, 2013-11-01) Niyaaza, Aishath; ޢާއިޝަތު ނިޔާޒާ
    މި ދިރާސާއަކީ ކްއަލިޓޭޓިވް ޕެރަޑައިމެއްގެ ދަށުން އިންޑަކްޓިވް ކޮށް ގެންދެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބަލާލައިފައިވާނީ ދިވެހި ބަހުގައި ކަންއިތުރު ބޭނުން ކުރެވޭ ގޮތުގެ ސަބަބުން މާނައަށް އަންނަ ބަދަލު ތަކާއި، ކަންއިތުރާއި ބެހޭގޮތުން ޤަވާއިދު ފޮތްތަކުން ލިބުނު މައުލޫމާތާއި އަދި އެހެނިހެން ފޮތްތަކުގައި ބަޔާންކޮށްފައިވާ ޖުމުލަތަކުންނާއި އޮންލައިން ނޫސްތަކުން ފާހަގަ ކުރެވުނު ޖުމުލަ ތަކެވެ. މި ޖުމުލަތަކަށް އިލްމީ ގޮތެއްގައި ފާޑު ކިޔާފައިވާނެއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ލަފުޒުތަށް ޖުމުލައިގައި އަތުރާލާ އަތުރާލުމަކީ ވަރަށް މުހިއްމު އަދި ވިސްނަން ޖެހޭ ކަމެކެވެ. މި ކަމުގެ ސަބަބުން ޖުމުލައިގެ މާނައަށް ސީދާ އަސަރު ކުރެއެވެ. އެގޮތުން ޖުމުލައިގައި ކަންއިތުރު ގެނެވޭ ތަނުގެ ސަބަބުން ލިޔުންތެރިޔާ މާނަ ކުރާ ގޮތް ނޫން އެހެން ގޮތްގޮތަށް ކިޔުންތެރިންނަށް މާނަ ނެގެއެވެ. އެގޮތުން މި ދިރާސާއިން ހާމަވީ ކަމަކީ ވިދިގެން ކުރިއަށް ނުވަތަ ފަހަތަށް ކަންއިތުރު ނުގެންނަ ކަމުގައި ވާނަމަ އެކަންއިތުރަކުން ސިފަ ލިބޭ ކަމަށް ބަދަލު އަންނަކަމެވެ. މާނަ ފުށުއަރާ ކަމެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ.
    (Faculty of Arts, Maldives National University, 2012-11-01) Ali, Firag; ފިރާޤް ޢަލީ
    މި ދިރާސާއަކީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ މާއްދާއެއްކަމަށްވާ ޑައިރެކްޓެޑް ރިސާރޗް (DHI307 ( ގެ ދަށުން އެކުލަވާލި ދިރާސާއެކެވެ. މި ދިރާސާއަކީ ދިވެހިބަހުގެ ޤަވަޢިދުގެ ފޮތްތަކުގައި، މިހާތަނަށް ބަޔާންކޮށްފައިނުވާ ބާވަތެއްގެ ކަންއިތުރެއްހުރިކަން ދެނެގަތުމަށް އެކުލަވައިލި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ މައިގަނޑު އަމާޒަކީ"ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރިތޯ ބެލުމެވެ. މި ދިރާސާ ކުރުމުގެ ކުރިން ލިޓްރެޗަރ ރިވިއު ހެދީމެވެ. ކަންއިތުރާއި އޭގެ ބާވަތްތަކާއި، ކަންއިތުރު އުފެދޭ ގޮތާއި އޭގެ ސިފަތައް، ޤަވަޢިދު ފޮތްތަކުގެ އެހީގައި އެކުލަވައިލީމެވެ. މި ދިރާސާ ކުރީ ކޮލިޓޭޓިވް މެތަޑުގެ ދަށުން ކޮންޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެނެވެ. އަދި ދިރާސާގައި ސާމްޕަލް ނެގުމަށް ޓަކައި ޚިޔާރުކޮށްފައިވަނީ ޕަރޕޯސިވް ސާމްޕަލިންގް އެކެވެ. އެގޮތުން ދިވެހިބަހުން ލިޔެ ޗާޕްކޮށް ޝާއިޢުކޮށްފައިވާ 11 ފޮތަކުން 10 ލިޔުންތެރިއެއްގެ 30 ޖުމުލަ ނެގުނެވެ. މިޖުމުލަތައް ނަގާފައިވާނީ ދިވެހިބަހަށް ކުޅަދާނަ، ޤާބިލް ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުންނެވެ. ސާމްޕަލްގެ ގޮތުގައި ނެގި ޖުމުލަތައް ތަހުލީލުކުރެވުނީ ޖުމުލަތަކުގެ ގަސްހޫލައިގެ އެހީގައެވެ. އަދި ޖުމުލަތަކުގެ ވަކިވަކި ލަފުޒުން އަދާކުރާ ދައުރު ދެނެގަނެވުނީ މި ގަސްހޫލައިގެ އެހީގައެވެ. ހަމައެހެންމެ ޖުމުލައިގައި ލަފުޒު އަދާކުރާ ދައުރަށް ބަލައިގެން، "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހުރިތޯ ބެލިގެން ދިޔައެވެ. މި ދިރާސާއިން ހާމަވިގޮތުގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރެއެވެ. މި ބާވަތުގެ ކަންއިތުރު އުފެދިފައި ހުންނަނީ "ނަން" އާއި "އަކުރު" ގުޅިގެން އެއްލަފުޒެއްގެ ގޮތުގައެވެ. އަދި މި ވައްތަރުގެ ކަންއިތުރު އަންނަނީ "ވަންހަނާކަން" އެކުލެވިފައި ހުންނަ ޖުމުލައިގައެވެ. ހަމައެހެންމެ މީގެ ކަންއިތުރު، ޖުމުލައިގެ"ކަން" ގެ ކުރިއަށާއި ފަހަތަށް ގެނެވިފައި ހުންނަކަން ފާހަގަކުރެވުނެވެ. އަދި މި ބާވަތުގެ ކަންއިތުރު ޖުމުލައިގެ ތެރޭގައި ހަޒުފުވެފައި ނުވަތަ ފާޅުނުވާ ގޮތަށްވެސް ގެނެސްފައި ހުންނާތީ ފެނުނެވެ.