Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 4 of 4
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުން މުއާމަލާތު ކުރުމާމެދު މަތީ ސާނަވީ ދަރިވަރުން ދެކޭގޮތް
    (Maldives National University, 2015-11-01) Dawood, Sharumeela
    އަމިއްލަބަހެއްލިބިފައި އޮތުމަކީ ދުނިޔޭގެ ކޮންމެ މީހަކަށް ލިބިފައިވާ ފަޚުރެއް ނޫނެވެ. ނަމަވެސް ދިވެހިންނަކީ އަމިއްލަބަހެއް ލިބިފައިވާ ބަޔެކެވެ. ވީމާ ލިބިފައިވާ މި ބަހާމެދު ފަޚުރުވެރިވާނަޖެހެއެވެ. އެބަސް ދަމަހަށްޓަން މަސައްކަތްކުރަންޖެހެއެވެ. ދެވަނަބަހެއް ދަސްކުރަމުން ދިޔަނަމަވެސް މާދަރީބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ދަރިވަރުން ތަޢުލީމީ ނަތީޖާއަށާއި، ވަޒީފާގެ ފުރުސަތުތަކަށް މަގުފަހިކޮށްދޭނެ ކަމެއްކަން އަންގައިދީ އެކަމާމެދު ހޭލުންތެރިކަން އުފަންދަންވަނީ ޖެހިފައެވެ. މިކަންކަން ނުކުރެވި، އިޤުތިޞާދީގޮތުންނާއި، ތަޢުލީމީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރިއުޅުމަށް ކުރިއެރުން ލިބޭނެހުރުހާކަމަކާ ގުޅިފައިވާ ބަހެއް ތަޢުލީމީ ނި×ޒާމުގެ ތެރެއަށް ތަޢާރަފުކޮށް، އެބަސް އުނގެނުމުގެ މުހިންމުކަން ވިސްނައިދެމުން ދިއުމުގެ ސަބަބުން ބެލެނިވެރިންނާއި، ސްކޫލްތަކުންނ އިނގިރޭސިބަަހަށް ދޭ ސަމާލުކަން ބޮޑުވެގެން ވަނީގޮސްފައެވެ. ނަތީޖާއެއްގެގޮތުން މިއަދުގެ ކިޔަވާ ކުދިންނާއި ގިނަ ×ޒުވާނުންނަކީ ދެބަަހުގެ އަހުލުވެރިންކަމުގައިވަނީވެފައެވެ. ދަރިވަރުން ކިޔަވަމުންދާ ދެވަނަބަހަށް ދެވުނު ސަމާލުކަމާ އެއްވަރަށް މާދަރީބަހަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ކިޔަވާކުދިން ވަނީ އެކުދިންގެ މާދަރީބަސް ކިޔެވުމަށް ފޫހިވެފައެވެ. ދިވެހިބަހަކީ ބޭނުމެއްނެތް ދަށް ބަހެއްގެ ގޮތުގައި ދެކެން ފަށާފައެވެ. މިކަމާ އަޅާނުލާ ދޫކޮށްލައިފިނަމަ ދިވެހިބަހާއެކު، ދިވެހިންގެ އަމިއްލަވަންތަކަމާއި، ސަގާފަތާއި، ދިވެހިންގެ ހިތުގައިވާ ދިވެހިވަންތަކަމުގެ ރޫހާއި ވިސްނުމާއި އިޙުސާސްތައް ބަލިކަށިވެ، ބަހާއިގުޅިފައިވާ ތާރީޙަކީ އަނގަބަހުން ކިޔާލެވޭ އެއްޗެއްކަމުގައިވެ، ދިވެހިންގެ ސަޤާފަތުގެ ދިރުމާއި، އެމީހުންގެ ހުނަރުތަކަށް ބަލިކަށިކަން ލިބިގެންދާނެއެވެ. މިކަން ކުޑަކުރުމަށްޓަކައި ދަރިވަރުން ބަހާމެދުދެކޭގޮތް ހޯދާ އެކަން ހައްލުކުރަން މަސައްކަތްކުރަންވަނީ ޖެހިފައެވެ. މި ދިރާސާގެ މަޤުޞަދަކީ މަތީ ސާނަވީގައި ކިޔަވާ ދިރިވަރުން ދިވެހިބަހުން މުއާމަލާތު ކުރުމާ މެދު ދެކޭގޮތް ހޯދުމެވެ. އަދި އެކަމުގެ ސަބަބުން ދިވެހިބަހަށް ހީނަރުކަން ލިބެމުންދޭތޯ ބަލާ ދެނެގަތުމެވެ. މިދިރާސާއަކީ މަތީސާނަވީގައި ކިޔަވާ ދަރިވަރުންގެ މެދުގައި ކުރެވުނު ސަރވޭއެއްގެ މައްޗަށް ހަދާފައިވާ ދިރާސާއެކެވެ. މަތީ ސާނަވީގައި ކިޔަވާ 110 ދަރިވަރުން ބައިވެރިކޮށްފައިވާ މި ސަރވޭގައި ދަރިވަރުން ލައްވާ ފުރާފައިވާ ކްއެސްޗެނިއާގައި، ދިވެހިބަހާގުޅުންހުރި މައިގަނޑު 33 ނުކުތާއަކާމެދު ދަރިވަރުން ދެކޭގޮތް ހޯދާފައިވާނެއެވެ. މިސާރވޭގެ ނަތީޖާ ދައްކާގޮތުން މަތީސާނަވީގައި ކިޔަވާ ގިނަކުދިން ދިވެހިބަސް ކިޔަވާހިތެއް ނުވެއެވެ. އަދި ދިވެހިބަސް ލިޔަން އަދި ކިޔަންވެސް ގިނަކުދިން ފޫހިވެއެވެ. މިކަމަކީ ދިވެހިބަސް ދުރުމުސްތަޤުބަލަކަށް ގެންދިޔުމަށް ހުރި ނުރައްކަލެއްކަން މި ދިރާސާއިން ހާމަވެއެވެ. އެހެނީ، ވާހަކަދެއްކުމުގެ ހުނަރު ފިޔަވައި ދިވެހިބަހުގެ އެހެން ހުރިހާ ހުނަރުތަކެއް ބޭނުންކުރުމަކީ މިދިރާސާގައި ބައިވެރި ގިނަދަރިވަރުން ބޭނުންވާކަމެއް ނޫނެވެ. ދިވެހިބަހަކީ ލިޔެކިޔުމަށް ބޭނުންކުރާ ހަމައެކަނި ވާހަކަދެއްކުމަށް ބޭނުންކުރާ ބަހަކަށް ވެދާނެކަމުގެ ބިރު އޮތްކަން މި ދިރާސާއިން ވަނީ ހޯދިފައެވެ. ވީމާ، ދަރިވަރުން ބަހާމެދު ދެކޭގޮތް ރަނގަޅުކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ބޭނުންހިފޭނެ މުހިންމު މައުލޫމާތުތަކެއް މިދިރާސާއިންލިބޭނެއެވެ.
  • Thumbnail Image
    Item
    Thesis
    ރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުންނަށް ދިވެހިބަހުގެ ހަމަތައް އެނގިފައި ހުންނަ މިންވަރު
    (Faculty of Arts, Maldives National University, 2015-11-01) Ibrahim, Haleem; އިބްރާހީމް ޙަލީމް
    ދިވެހިރާއްޖޭގައި ދިރިއުޅޭ ބޭރުމީހުން ރާއްޖޭގައި ދިރިއުޅެން ފެށުމާއެކު ދިވެހިބަހުން ވާހަކަ ދައްކަން ފަށައެވެ. މިގޮތަށް ވާހަކަދައްކާ މީހުންގެ ތެރޭގައި މާލޭގެ ގޭބިސީތަކުގައި މަސައްކަތްކުރަން ގެންގުޅޭ މީހުން ވެސް ހިމެނެއެވެ. އެމީހުން ވާހަކަދައްކާއިރު ދިވެހިބަހުގެ ހަމަތަކާއި ޙިލާފުވެފައި ހުރެއެވެ. މިކަމުގެ ސަބަބުން ހިޖުރަކުރާ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދިވެހިރާއްޖޭގެ މާދަރީބަހުގެ ހަމަތައް ބަދަލުވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއްކަން، އެހެން ބައެއް ޤައުމުތަކުގައި ހެދިފައިވާ ދިރާސާތަކަށް ބަލާލުމުން އެނގެއެވެ. މިހާތަނަށް އައިއިރު މިފަދަ މާބޮޑު ދިރާސާތަކެއް ރާއްޖޭގައި ހެދިފައެއް ނެތެވެ. އެހެންކަމުން ރާއްޖޭގައި މަސައްކުރާ ބޭރުމީހުންގެ ވާހަކަދެއްކުން ހުންނަގޮތާއި ބަހުގެ ހަމަތަކަށް އަހުލުވެރިވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ ދިރާސާގައި މަސައްކަތް ކޮށްފައިވަނީ މާލޭގެ ގޭބެސީތަކުގައި ގެންގުޅޭ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކާއިރު، އެމީހުންނަށް ދިވެހިބަހުގެ ހަމަތައް ދަސްވެފައި ހުރީ ކިހާމިންވަރަކަށްތޯ ބެލުމަށެވެ. އޭގެ ބޭނުމަކީ ބޭރުމީހުން ގެންގުޅޭ މީހުންނަށް އެމީހުންނަށް، އެމީހުުން ގެންގުޅޭ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކާއިރު ބަހުގެ ހަމަތަކާއި ޚިލާފުވުނަތަކެއް ހުރިކަން ނުވަތަ ނެއްކަން ފާހަގަކޮށްދިނުމެވެ. މިކަން ދެނެގަތުމަށްޓަކައި ދިރާސާ އެކުލަވާލާފައިވާނީ ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެން ކުއޮންޓިޓަޓިވް ޑޭތާތަކެއްގެ މައްޗަށެވެ. ޑޭޓާ ނެގުމަށް ދެ މެތަޑެއް ބޭނުންކޮށްފައިވާނެއެވެ. އެގޮތުން ބޭރުމީހުންގެ ވާހަކަދެއްކުން ރެކޯޑްކޮށް، ކޮންވަޒޭޝަން އެނަލިސިސްއެއް ހެދީމެވެ. އަސި އެމީހުންލައްވާ ދިވެހިބަހުގެ ޤަވައިދުގެ ޓެސްޓުތަކެއް އަނގަބަހުން ހެދުވީމެވެ. ދިރާސާއިން ފާހަގަކުރެވުނުގޮތުގައި މާލޭގެ ގޭބިސީތަކުގައި މަސައްކަތްކުރާ ބޭރުމީހުން ދިވެހިބަހުން ވާހަކަދައްކަނީ ދިވެހިބަހުގެ ހަމަތައް ރަނގަޅަށް އެނގިިގެނެއް ނޫނެވެ. ބަހުގެ ޤަވައިދުގެ ބައެއް ހަމަތައް ބޭނުންކުރި ނަމަވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތުގައެއްވެސް ނޫނެވެ. މިކަމުގެ ސަބަބުން ބަހުގެ ޤަވައިދު އޮޅި، ދޭސިންނާއި ބިދޭސީން ދިވެހިބަހުން ވާހަކަދެއްކުމުގައި ހުންނަ ބަހުގެހަމައިގައި ތަފާތުގެ ސަބަބުން އިޖްތިމާޢީ މައްސަލަތަކެއް ކުރިމަތިވުމަކީ ވެސް ދިރުގައިވާ ކަމެއް ނޫނެވެ. އެހެންކަމުން ރާއްޖެއަށް ހިޖުރަކޮށްގެން އުޅޭ ބޭރުމީހުންނަށް ދިވެހިބަހުގެ ރަނގަޅު ހަމަތައް ދަސްވުން މުހިންމެވެ.
  • Thumbnail Image
    Item
    Thesis
    ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟
    (Maldives National University, 2015-11-01) Ibrahim, Naadhira; ނާދިރާ އިބްރާހީމް
    ދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހިރާއްޖޭގެ ޕްރީސުކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސް
    (Maldives National University, 2015-11-01) Ahmed, Zeenath; ޒީނަތު އަޙްމަދު
    މިދިރާސާއަކީ ދިވެހިރާއްޖޭގެ ÷ޕްރީސުކޫލުގެ ދަރިވަރުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތައް ބުނެދިނުމުގައި އިސްކަންދެނީ ކޮންބަހަކަށްތޯ އަދި ބެލެނިވެރިންނާއި މުދަރިސުން ބޭނުންކުރާ ބަސް ބޭނުންކުރުމަށް ދަރިވަރުން ބާރުއަޅާތޯ ބެލުމަށް އެ މަޤްޞަދުގައި ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ކުއަންޓިޓޭޓިވް އެ÷ޕްރޯޗްގެ ދަށުން ޑިސްކްރިޕްޓިވް ޑިޒައިން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. ދިރާސާއަށް ޑާޓާ ނަގާފައިވަނީ ޕޮރޮބަބިލިޓީ ސާންޕަލްގެ އުޞޫލުނަނެވެ. މިދިރާސާގެ ޓާރގެޓް ޕޮޕިއުލޭޝަން އަކީ މާލޭގެ 4 ޕްރީސުކޫލެއްގެ ޔޫ.ކޭ.ޖީގެ 43 ކުލާހެއްގެ 1030 ދަރިވަރުންނެވެ. އެސުކޫލުތަކުގެ ޔޫ.ކޭ.ޖީ ކުލާސްތަކުގެ ތެރެއިން ކޮންމެ ސުކޫލަކުން ރެންޑަމްކޮށް ހޮވި އެއް ކުލާހުގެ ހުރިހާ ކުދިންނަކީ މިދިރާސާހެދުމުގައި ބައިވެރިކުރި ބައިވެރިންނެވެ. އެގޮތުން 4 ސުކޫލުން މުޅިއެކު 4 ކުލާސް މިދިރާސާގައި ބައިވެރިކުރެވުނެވެ. އެއީ ޖުމުލަ 111 ދަރިވަރުންނެވެ. އަދި އެސަތޭކަ އެގާރަ ކުދިންގެ ބެލެނެވެރިންގެ ތެރެއިން ކޮންމެ ކުއްޖެއްގެވެސް އެއް ބެލެނިވެރިޔެކެވެ. މުޅި ޖުމުލަ 111 ބެލެނިވެރިންނެވެ. އަދި އެ ހަތަރު ކުލާހުގެ 4 މުދައްރިސުންނެވެ. ވީމާ މުޅި މި ދިރާސާގައި ހިމެނޭނީ 226 ބައިވެރިންނެވެ. މިދިރާސާއަށް މައުލޫމާތު އެއްކުރި ތިން މެތަޑެއް ބޭނުންކޮށްގެންނެވެ. އެއީ ދަރިވަރުންނަށް ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތައް އެނގޭތޯ ބެލުމަށް ތަސްވީރު ދައްކައިގެން އަނގަބަހުން ސުވާލުކޮށްގެން ދެވުނު ޓެސްޓަކުންނާއި ސާނަޕަލްއަށް ނަގާ 111 ކުދިން ހިމެނޭ 4 ކުލާހުގެ މުދަރިސުންގެ އެއް ގަޑި އޮބްޒާރވް ކޮށްގެންނާއި، ޓެސްޓްކުރެވުނު ކޮންމެ ދަރިވަރެއްގެ އެއް ބެލެނިވެރިޔަކު ލައްވައި ސާރވޭފޯރމެއް ފުރުވައިގެންނެވެ. މިދިރާސާގެ ޑާޓާތައް އެނަލައިޒްކޮށްފައިވަނީ SPSS ޕޮރޮގުރާމްގެ އެހީގައެވެ. އެގޮތުން މި ޕޮރޮގުރާމް ބޭނުންކޮށްގެންނެވެ. ޓެސްޓުގެ ކޮންމެ ސުވާލެއްގެވެސް ޑިސްކްރިޕްޓިވް އާއި ފްރިކުއެންސީ SPSS ހޯދައި ހުށައަޅާފައިވާނެއެވެ. ދިރާސާގައި އެއްކުރެވުނު މައުލޫމާތުތަކުގެ އިންފަރެންޝަލް ސްޓެޓިސްޓިކްސް ހަދައި ދިރާސާގެ ހައިޕޮތެތިސް ޓެސްޓުކޮށްފައިވާނެއެވެ. އެގޮތުން ދިރާސާއަށް މައުލޫމާތު އެއްކުރެވުނު ތިން ގޮތް ކަމުގައިވާ ސާރވޭއާއި ޓެސްޓާއި އޮބްޒަރވޭޝަން މައުލޫމާތުތަކުގެ ތެރެއިން ޓެސްޓާއި އޮބްޒަރވޭޝަންގެ މައުލޫމާތުތައް ބޭނުންކޮށްގެން ޕިއަރސަން ކޯރިލޭޝަން ޓެސްޓެއް ހެދުނެވެ. އަދި ސާރވޭފޯރމުން ލިބުނު މައުލޫމާތާއި ދަރިވަރުންގެ ޓެސްޓުގެ މައުލޫމާތުތައް ބޭނުންކޮށްގެން ރިޤްރެޝަން ޓެސްޓެއް ހަދާފައިވާނެއެވެ. މިދިރިސާއިން ހާމަވާގޮތުގައި ޕްރީސުކޫލްދަރިވަރުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަން ކިޔުމުގައި އިނގިރޭސިބަހަށް އިސްކަންދެއެވެ. ދިވެހިބަހުން ގުނަވަންތަކުގެ ނަންތައް ދިވެހިބަހުން ބުނެދޭންވެސް ނޭނގެއެވެ. އަދި އިނގިރޭސިބަހުންވެސް އަދި ދިވެހިބަހުންވެސް ބައެއް ގުނަވަންތަކުގެ ނަންތައް ބުނެދޭންވެސް ނޭނގޭ މަދު ދަރިވަރުންތަކެއްވެސް ތިއްބެވެ. މީގެ އިތުރަށް ފާހަގަކުރެވުނީ މިދައްރިސުން ބޭނުންކުރާ ބަހާ ދަރިވަރުން ބޭނުންކުރާ ބަހުގައި ޕޮޒިޓިވް ގުޅުމެއް ހުންނަކަމެވެ. ނަމަވެސް ބެލެނިވެރީން ބޭނުންކުރާ ބަހުން ދަރިވަރުންނަށް މާ ބޮޑު އަސަރެއް ނުފޫޒެއް ނުފޯރާކަމުގައެވެ.