Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
3 results
Search Results
ThesisItem ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދިނުމުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅު ބަސް(Faculty of Arts, Maldives National University, 2014-11-01) Zidhuma, Aishath; ޢާއިޝަތު ޒިދުމާމި ދިރާސާއަކީ ރާއްޖޭގެ ޕްރީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރުން އެންމެ ރަނގަޅު ބަހަކީ ކޮބައިކަން ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ޕްރީ ސްކޫލްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ ބަހާއި، މީޑިއަމް އޮފް އިންސްޓއރަކްޝަންގެ ގޮތުގައި ބޭނުންކުރުމަށް ސްޓޭކްހޯލްޑަރުން ބާރުއަޅުއްވާ ބަހަކީ ކޮބައިކަމާއި އަދި ވަކި ބަހެއް ބޭނުންކުރުމަށް ބާރުއަޅުއްވާ ބަހަކީ ކޮބައިކަމާއި އަދި ވަކި ބަހެއް ބޭނުންކުރުމަށް ބާރުއަޅުއްވަ ސަބަބުތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ މިކްސްޑް މެތަޑް ނުވަތަ ކޮމްބައިންޑް ޑިޒައިނެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައަޅާފައިވާނީ މާލޭގެ ދެ ސްކޫލެކެވެ. މިގޮތުން ސްކޫލްތަކުގެ ވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން އެޕްލައިޑް ލިންގުއިސްޓުންނާއި ސިޔާސަތުދާނުންގެ ފަރާތުން އޮބްޒަރވޭޝަނާއި، ސާރވޭ އަދި އިންޓަރވިއު މެދުވެރިކޮށް މައުލޫމާތު އެއްކުރެވުނެވެ. މި ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ ޕްރީ ސްކޫލްކުދިންނަށް ކިޔަވައިދިނުމަށް ހަރުދަނާ ސިޔާސަތެއް ކަނޑައެޅިފައި ނެތްކަމެވެ. އަދި ކްލާސްތަކަށް ކިޔަވައިދިނުމަށް ވަޑައިގަންނަވާ މުދައްރިސުންނަށް ވެސް ވަކި ސިޔާސަތެއް ކަނޑައެޅިފައިވާކަން ނުވަތަ ނުވާކަން ވެސް ސާފުވެފައި ނުވާކަމެވެ. މީގެ އިތުރުން މިހާރު ޕްރީ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަނީ ދިވެހިބަހާއި އިނގިރޭސި ބަސް މަސްހުނިކޮށްގެންކަން ވެސް މި ދިރާސާއިން އެނގިގެން ދިޔައެެވެ. އަދި ޖުމްލަގޮތެއްގައި ގިނަ ސްޓޭކްހޯލްޑަރުން ބާރުއަޅުއްވަނީ ދިވެހިބަހާއި އިނގިރޭސި ބަސް މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރުމަށްކަމަށެވެ. މިކަމުގެ ސަބަބުތަކުގެ ގޮތުގައި މައިގަނޑުގޮތެއްގައި ފާހަގަކުުރެވިފައިވަނީ މާދަރީބަހުން އުނގަންނައިދިނުމަށް މުދައްރިސުންނަށް ފަސޭހަވުމާއި އުގަންނައިދެވޭ ފިލާވަޅުތައް ނަގައިގަތުމަށް ކުދިންނަށް ފަސޭހަވުމެވެ. ބަހުގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވުމާއި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަމަޖެހިފައިވާގޮތެވެ. ThesisItem އޮނިގަނޑުގެ ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟(Faculty of Arts, Maldives National University, 2013-11-01) Nashid, Hassan; ހަސަން ނާޝިދުމިއީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބައިކަން ހޯދައި ދިރާސާކުރުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރަންޖެހުނީ ދިވެހި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާތީއެވެ. އެހެންކަމުން ސިންޓެކްސް އިލްމުގެ އެހީގައި ލިބުނު މައިލޫމާތުގެ ބޭނުންކޮށްގެން މި ދިރާސާ ތައްޔާރުކުރީމެވެ. މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ކޮންޓެންޓް އެނެލިސިސް، މެތޮޑޮލޮޖީއަކަށް ބޭނުންކޮށްގެންނެވެ. މިގޮތުން ދިވެހި ބަހުގެ ގަވާއިދު ފޮތަތަކުގައި ހުރި ބައެއް މައުލޫމާތާއި އިނގިރޭސި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކާއި ގުޅޭ ބައެއް މައުލޫމާތު ބޭނުންކޮށްގެން މި ދިރާސާ ކުރީމެވެ. މިގޮތުން ދިވެހިބަހުން ލިޔެފައި ހުރި ދެ ބާވަތެއްގެ ލިޔުންތަކަކުން (މަޒުމޫނާއި، ވާހަކައިން) ޖުމްލަތަކެއް ނަގައިގެން ތަހުލީލުކުރީމެވެ. އަދި ޖުމްލަތަކުގެ ބަސްކޯޅިއަށް (ކްލޯޒަށް) ބަލައިގެން ޖުމްލަތައް ރޫޅާލުމަށްފަހު ޖުމުލައިގެ އޮނިގަނޑު ދިރާސާކުރީމެވެ. މިގޮތުން މި ދިތާސާއިން ހޯދުނު ގޮތުގައި ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުރެއެވެ. އެއީ ސާދާ ޖުމުލައާއި ކޯނި ޖުމުލައާއި އެކުވި ޖުމުލައެވެ. އިނިން ކޮންމެ ވައްތަރެއްގެ ޖުމަލަވެސް އެއްވައްތަރު އަނެއް ވައްތަރާއި ތަފާތެވެ. މިގޮތުން ދިވެހި ބަހުގައި ހުންނަ ސާދާ ޖުމަލައިގައި އެންނަނީ އެންމެ ބަސްކޯޅިއެކެވެ. އެއީ މިނިވަން ބަސްކޯޅިއެކެވެ. އެހެންނަމަވެސް ކޯނި ޖުމަލައެއްގައި ނަމަ ދެބަސްކޯޅި އޮންނާނެއެވެ. އަދި އޭގެތެރެއިން އެއް ބަސްކޯޅި މިނިވަންވާއިރު އަނެއް ބަސްކޯޅި މިނިވަނެއް ނުވާނެއެވެ. ހަމައެއާއެކު ގުޅުވާ އަކުރެއްގެ އެހީގައި މިނިވަން ދެ ބަސްކޯޅި ގުޅާލުމުން އެކުވި ޖުމުލަ އުފެދޭކަން ވެސް މި ދިރާސާއިން ހޯދުނެވެ. އެހެންކަމުން މިދިރާސާއިން ހޯދުނީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުންނަ ކަމެވެ. ThesisItem ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟(Maldives National University, 2015-11-01) Ibrahim, Naadhira; ނާދިރާ އިބްރާހީމްދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.