MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
Browse
2 results
Search Results
ThesisItem ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައް(Faculty of Arts, Maldives College of Higher Education, 2011-11-01) Zakariyya, Naufa; ނައުފާ ޒަކަރިއްޔާމިދިރާސާއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެއްވާ ކަމަށް ޤަބޫލުކުރެވޭތީ، ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ފޮނޮލޮޖިކަލް ގޮތުން ހުންނަ މައިގަނޑު ތަފާތުތައް ހޯދުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާއަމާޒުކުރެވިފައިވަނީ ހަމައެކަނި މާލެ އަށެވެ. އެހެނީ، މި ދިރާސާކޮށްފައިވަނީ ހަމައެކަނި މާލެއިން ސާމްޕަލް ނަގައިގެން ކަމަށް ވާތީ އެވެ. އެހެންކަމުން، މި ދިރާސާގައި ބަލާލާފައިވާނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިތޯ އާއި ތަފާތު އަންނަން މެދުވެރިވަނީ ކީއްވެގެންތޯއެވެ. އަދި ހަމައެއާއެކު، ކުޑަކުދިންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ ސިލަބަލް ސްޓްރަކްޗަރ ތަކަކީ ކޮބައިތޯ ވެސް ބަލާލާފައިވާނެއެވެ. މި ކުރިއަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މިދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ކުޑަކުދިންގެ ތެރެއިން، ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ 10 ކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 10 މީހުންނެވެ. މި ދިރާސާެގެ އަލީގައި ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑުގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތައް ހޯދާފައިވާނެއެވެ. އަދި ހަމައެއާއެކު، ދިރާސާއިން ފާހަގަވެގެންދިޔަ ކަމަކީ، ކުޑަކުދިންގެ ވާހަކަދެއްކުމުގައި އަޑުތައް ބޭނުންކުރާ ގޮތަށް ބަދަލުގެނައުމަށްޓަކައި ތަފާތު އުސޫލުތަކެއް ބޭނުން ކުރާކަމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުން ތަފާތު ފާހަގަވެގެންވަނީ، ކުޑަކުދިން މި އުސޫލު ބޭނުންކުރާތީއެވެ. ކުޑަކުދިންގެ ވާހަކަދެއްކުމާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކުގެ ސަބަބުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރ އަދި ޕުލޭސް އޮފް އާޓިކުލޭޝަން އަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ކުޑަކުދިންގެ ވާހަކަދެއްކުމުގައި ތަފާތު ސިލަބަސް ސްޓްރަކްޗަރ ތަކަކަށް ފެތޭ ގޮތަށް ލަފުޒުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަވެގެންދިޔައެވެ. ThesisItem ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް(Faculty of Arts, Maldives National University, 2013-11-01) Zuhury, Mohamed; މުޙައްމަދު ޒުހުރީމި ދިރާސާއަކީ ދިވެހިރާއްޖޭގައި ހިމެނޭ މައިގަނޑު ފަސް ބަހުރުވައިގެ ތެރެއިން، ރަސްމީ ބަހުރުވައިގައި ބޭނުންކުރާ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައި ބޭނުންކުރާ ގޮތުގައި، ފޮނޮލޮޖިކަލް ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ މައިގަނޑު އެއް އަމާޒަކަށް ވެފައިވަނީ، ދެބަހުރުވައިގެ ހުރި ނަމުގެ ލަފުޒުތަކުގެ ތެރެއިން "އާއްމު ނަން" ގެ ލަފުޒުތަކުގެ، ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްއަށް ފޮނޮލޮޖިކަލް ތަފާތުތަކެއް އައިސްފައިވޭތޯ ބަލައި އެކަން ބަޔާން ކުރުމެވެ. އެހެންކަމުން، މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ފަރެޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، ދިރާސާ ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. އެގޮތުން، ދިރާސާއަށް ނެގި ޑާޓާތަކުގެ މައްޗަށް ބަރޯސާކޮށް ލިންގުއިސްޓިކް ހަމަތަކުގެ މަތީން، ދެބަހުރުވައިގެ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގައި ހުރި ފޮނޮލޮޖިކަލް ތަފާތުތައް ބަޔާންކޮށްފައި ވާނެއެވެ. ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްގެ އިތުރުން ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ އޮންސެޓަށް ވެސް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ފޮނޮލޮޖިކަލް ބަދަލު އަންނަކަން މިދިރާސާއިން ސާބިތުވިއެވެ. ވީމާ، ރަސްމީ ބަހުރުވައިން ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ރަސްމީ ކޮންސޮނަންޓް އަޑުތަކުގެ ޕްލޭސް އޮފް އާޓިކިއުލޭޝަނާއި މެނަރ އޮފް އާޓިކިއުލޭޝަން އަދި ވޮއިސިންގެ އިތުރުން ވަވަލް އަޑުތައް އަދާކުރުމުގައި ދުލުގެ ޙާލަތައް ބަދަލުއަންނަކަން މި ދިރާސާއިން ސާބިތުވިއެވެ. މީގެ އިތުރުންވެސް، ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާ، "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ މެދުގައި ފޮނޮލޮޖިކަލްގޮތުން ތަފާތުކުރެވޭ ގިނަ ސިފަތަކެއް ހުރިކަން މި ދިރާސާއިން ކަށަވަރުވިއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެންދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަމަށް ލިންގުއިސްޓިކް އުސޫލުތަކުގެ މަތީން ސާބިތުކޮށްދެއްވާފައިވާ ފަރާތްތަކުގެ ދިރާސާތައް އިތުރަށް ކަށަވަރު ކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މި ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ، ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާގޮތުގައި ތަފާތުތަކެއް ހުރިކަމަށް ސާބިތުވާކަމެވެ.