Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
9 results
Search Results
ThesisItem ދިވެހި ބަހުގައި ނަމުގެ ފަހަތަށް "އެއް" ގުޅުވުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައް(Faculty of Arts, Maldives National University, 2015-11-01) Saeed, Abdullahމި ދިރާސާއަކީ ދިވެހިބަހުގައި ނަމުގެ ފަހަތަށް "އެއް" ގުޅިގެން ދާއިރު، އަންނަ މޯފޮލޮޖިކަލް ބަދަލުތައް ގެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މި ގޮތުން ނަމުގެ ލަފްޒުތަކުގެ ތެރެއިން، އެކި އަޑުތަކަށް (ފިލީގެ އަޑުތައް) ނިމިފައި ހުރި ލަފްޒްތަކަށް "އެއް" ގުޅުވުމުން އަންނަ މޯފޮލޮޖިކަލް ބަދަލުތައް ބަލައި، އެނަލައިސްކޮށް، ބަދަލުވާ ހަމަތައް ދެނެގަތުމަށް މަސައްކަތް ކުރެވިފައިވާނެއެވެ. މިއީ، މިކްސްޑް މެތަޑް ބޭނުންކޮށްގެން ކުރެވުނު ދިރާސާއެއް ނަމަވެސް، މިދިރާސާގައި ބޮޑަށް ބޭނުންކުރެވިފައިވާނީ ކޮލިޓޭޓިވް އެޕްރޯޗެވެ. ސާންޕަލްސް ނަގާފައިވާނީ، ޕާރޕަސިވް ސާންޕްލިންގް މެތަޑް ބޭނުންކޮށްގެންނެވެ. މި މެތަޑް ބޭނުންކުރި ސަބަބަކީ، ބޮޑަށް ކޮލިޓޭޓިވް އެޕްރޯޗެއް ބޭނުން ކޮއްގެން ކުރެވެޭ މި ފަދަ ދިރާސާއަކުން އެންމެ ރަނގަޅު ނަތީޖާއެއް ލިބިގެންދާނީ، ދިރާސާއަށް ބޭނުންވާ ފަދަ ސާންޕަލްތަކެއް ލިބިގެންކަމައްވާތީ، އެކަމަށް ޕާޕަސިވް ސާންޕްލިންގ މެތަޑުން މަގުފަހިވެގެންދާނެތީއެވެ. ސާންޕަލް ނަގާފައިވާނީ، ދިވެހި ބަހުގެ ފަހުގެ އާޓިކަލް ތަކެއް ބޭނުންކޮށްގެން، 75635 ލަފްޒު ހިމަނައިގެން ތައްޔާރުކުރެވިފައިވާ ކޯޕަސްއަކުންނެވެ. މި ގޮތުން 823 ނަމުގެ ލަފްޒުގެ އަޞްލު މިދާއިރާގައި ސާންޕަލްގެ ގޮތުގައި އެނަލައިޒް ކުރެވިފައިވާނެއެވެ. މިއީ، ބަހުގެ ޤަވާއިދުގެ ހަމަތަކެއް ދެނެގަތުމަށް، ބޭނުންކޮށްފައިވާ ޑޭޓާތަކުން ވަކި ޕެޓަރންތަކެއް ފެނޭތޯ ބެލުމަށް ކުރެވިފައިވާ މަސައްކަތަކަށްވާތީ، ޑޭޓާ އެނެލިސިސް ހެދިފައިވާނީ ތީމެޓިކް ކޮންޓެންޓް އެނަލިސިސްއެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ހޯދުންތައް ފެނިފައިވަނީ، ދިވެހި ބަހުގެ ނަމުގެ ލަފްޒްގެ ފަހަތައް ގުޅުވާއަކުރު "އެއް" ގުޅުވާއިރު، މައިގަނޑު 8 ހަމައެއް ބޭނުންކުރާ ކަމެވެ. އޭގެ ތެރޭގައި ލަފްޒާއި ގުޅުވާ އަކުރަށް ބަދަލެއް ނާންނަ ހަމަޔަކާއި، ލަފްޒާއި ގުޅުވާ އަކުރުގެ ފިލި ބަދަލުވާ ހަމަތަކާއި، ލަފްޒާ ގުޅުވާ އަކުރުގެ އޮނިގަނޑު ސުންނާފަތިވެ އަކުރު ބަދަލުވާ ހަމަތައް ހިމެނެއެވެ.މީގެ އިތުރުން ދިވެހިބަހާ ގުޅިފައިވާ ބޭރުބަސްބަހުގެ ލަފްޒްތަކުގެ ފަހަތަށް "އެއް" ގުޅުވުމުން އަންނަ ބަދަލުތައް 2 ހަމަޔަކަށް ފެތޭކަންވެސް މި ދިރާސާއިން ހޯދިފައިވެއެވެ.އަދި ދިވެހިބަހުގެ "ބަދަލުވާ އަކުރުތައް" ކަމުގައި އެކަށައަޅާފައިވާ ގަވާއިދުގައި ހިމެނިފައިވާ އަކުރުތައް، ބަދަލުވާކަމަށް ބަޔާންކުރެވިފައިވާ ހަމަތަކާ އެއްގޮތަށް އެ ބަދަލުތައް އަންނަ ކަމާއި، މިހާރުވެސް އެ ގަވާއިދުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. ޙާއްސަ ގޮތެއްގައި ނަމުގެ ލަފްޒްގެ ފަހަތަށް "އެއް" ގުޅިގެން ދިއުމުގައި އަންނަ ބަދަލްތަކުގައި، ބަހުގެ ފޮނޮލޮޖީއާއި، ސެމެންޓިކްސް ގެ ދައުރެއްވާކަންވެސް މި ދިރާސީ މަސައްކަތުގެ ތެރެއިން ހާމަވެގެންދެއެވެ. ދިވެހިބަހުގެ އިންފްލެކްޝަނަލް މޮފޮލޮޖީއާމެދު ކުރެވިފައިވާ ދިރާސާތައް މަދުކަމާއެކު، މި ދިރާސާގެ މަސައްކަތުން ހޯދިފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްވެ، ބަހުގެ އަހުލުވެރިންނަށް މި ދިރާސާގެ ނަތީޖާއިން ފައިދާތަކެއް ލިބިގެންދާނޭ ކަމުގައި ޔަޤީންކުރަމެވެ. ThesisItem ހައްދުންމަތީ މާވަށުސުކޫލުގައި ޘާނަވީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިވެހިބަހުގައި އެކަށައަޅާފައިވާ ގަވާއިދު އެގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2013-11-01) Rameez, Usman; އުޘްމާން ރަމީޒުރާއްޖެތެރޭގެ ސުކޫލު މަދަރުސާތަކުގައި ވެސް ދިވެހިބަހުގެ ގަވާއިދަށް ކުދިން އަހުލުވެރިވެފައި ތިބި މިންވަރު ހޯދައިބެލުމަކީ ދިވެހިބަހުގެ ގަވާއިދުގެ ހަމަތައް ދިރުވައި އާލާކުރުމަށްޓަކައި ވާހަކަ ދެކެވޭއިރު ނުހަނު މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން މި ދިރާސާއަކީ ހައްދުންމަތީ މާވަށު ސުކޫލުގައި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ގަވާއިދު އެނގޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ މައިގަޑު އެއްބޭނުމަކީ، ގަވާއިދުގެ ބައިތަކުގެ ތެރެއިން ދަރިވަރުންނަށް ރަގޅަށް އެގެނީ ކޮން ބައިތަކެއްތޯ ބެލުމާއި، ދަރިވަރުން ބޮޑަށް އަހުލުވެރިވާންޖެހޭ ގަވާއިދުގެ ބައިތަކަކީ ކޮބައިކަން ދެނެގަނެ، ދަރިވަރުންނަށް އުގަންނައިދިނުމުގައި ޝާމިލިވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމެވެ. މިދިރާސާގައި ދިވެހިބަހުގެ އެކަށައަޅާ ގަވާއިދުގެ ތެރެއިން، ސުކުން ކުރުމުގެ ހަމައާއި، ހުރުން އިނުން އޮތުމުގެ ހަމައާއި،ހުސްނޫނު ބޭނުންކުރުމުގެ ހަމައާއި ޒަމާނުގެ ބައިތަކާއި، އެކަހެރިނަމާއި ގިނަނަމާއި އަދި ތިކިޖެހިތާނަ ދަރިވަރުންނަށް އެގޭމިންވަރު ބެލުމަށް ނިންމި ސަބަބަކީ، މިބައިތަކަކީ އާއްމުކޮށް އޮޅުންއަރާކަމަށް ބަސްވާރުން އެއްބަސްވެލައްވާ ގަވާއިދުގެ ބައިތަކަށްވެފައި މި ގަވާޢިދުތަކަކީ ޘާނަވީ ގްރޭޑްތަކަށް ދާއިރު ދަރިވަރުން އުނގެނިފައިވާ ޤަވާއިދުގެ ބައިތަކަށް ވާތީއެވެ. މިދިރާސާހެދުމަށް ބޭނުން ކުރީ އެމްޕެރިކަލް ފްރޭމް ވާރކެކެވެ. އަދި މި ދިރާސާ ކުރިއަށް ގެންދިޔައީ ކުއަންޓިޓޭޓިވް ޕެރަޑައިމް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނީ މާވަށު ސުކޫލުގައި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ރެންޑަމްކޮށަނެގި 92 ދަރިވަރުންނެވެ. ކޮންމެ ގްރޭޑަކުންވެސް ދެ ޖިންސްގެ ދަރިވަރުން ނެގީ ދެ ޖިންސްގެ ދަރިވަރުން ހަމަހަމަވާ ގޮތަށެވެ. މިދިރާސާއަށް ޑާޓާ އެއްކުރީ ދަރިވަރުން ލައްވައި ފުރުވި ސާވޭ ފޯމްއެއްގެ އެހީގައެވެ. މިސާވޭ ފޯމުގެ އެހީގައި ޖުމުލަކޮށް ގަވާއިދުތައް ދަރިވަރުންނަށް އެގޭ މިންވަރާއި، ގްރޭޑްތަކުގެ ނިޞްބަތުން ދަރިވަރުންނަށް ގަވާއިދުތައް އެގޭ މިންވަރާއި، ޖިންސުގެ ނިސްބަތުން ގަވާއިދުތައް އެނގޭމިންވަރު ހޯދުނެވެ. މިދިރާސާގެ ހޯދުންތަކުން އެނގުނީ ގަވާއިދުގެ ބައިތައް ޖުމުލަ ކޮށް ދަރިވަރުންނަށް އެގޭކަމެވެ. އަދި ގްރޭޑްތަކުގެ ނިސްބަތުން ގްރޭޑް 9 ގެ ދަރިވަރުންނަށް ވުރެ ބޮޑަށް ގްރޭޑް 8 އަދި 10 ގެ ދަރިވަރުންނަށް ގަވާއިދުގެ ބައިތައް އެގޭކަންވެސް ހޯދުނެއެވެ. ޖިންސްގެ ނިސްބަތުން ބަލާއިރު ފިރިހެން ދަރިވަރުންނަށްވުރެ އަންހެން ދަރިވަރުންނަށް ގަވާއިދުތައް އެގޭކަން ވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. ޖުމުލަކޮށް، މި ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ދަރިވަރުންނަށް ގަވާއިދުތައް އެގެނީ ފުދޭވަރަކަށްކަން މި ދިރާސާއިން އެގުނެއެވެ. އެއީ، ދިރާސާގައި ބައިވެރިވި ޖުމުލަ ދަރިވަރުންގެ 72 އިނަސައްތައަށެވެ. ގަވާއިދުތައް ވަރަށްރަގަޅަށް އެގެނީ ދިރާސާގެ ބައިވެރިވި 20 އިންސައްތަ ދަރިވަރުންނަށް ކަމާއި ގަވާއިދުތައް ކުޑަ މިންވަރަކަށް އެގެނީ 8 އިންސައްތަ ދަރިވަރުންނަށްކަން ވެސް މިދިރާސާއިން ހޯދުނެވެ. ThesisItem މާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑްތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދު އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Shareef, Moosa; މޫސާ ޝަރީފުމި ދިރާސާއަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދު ރަނގަޅަށް ނޭނގޭކަމަށް ދެކެވޭ ވާހަކައިގެ ޙަޤީޤަތް ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. އެހެންނަމަވެސް، ދިރާސާކުރަން ލިބުނު ވަގުތާއި، ލަފުޒުގެ ޙުދޫދުގެ ސަބަބުން، ދިރާސާގެ ސުވާލު ހަމައެކަނި މާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑުތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ހަނިކޮށް، ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގެ ތެރެއިން، އާބާފިއްޔާއި އައިބައިފިލި، ނަފީކުރެވޭ އުޞޫލުތައް، ތިކިޖެހިތާން، ހުސްނޫނު، ވާހަކަދެއްކުމުގެ ދަރަޖަތައް، ސުކުންކުރެވޭ ހަމަތައް، ހުރުން-އިނުން-އޮތުން އަދި ފުޅު-ކޮޅުގެ ހަމަތައް ބަލާގޮތަށް ހަމަގެއްސީމެވެ. މިއީ، އެންމެ އާންމުކޮށް އޮޅުން އަރާ ބައިތަށްކަމަށް ދިވެހި ބަސްވާރުން އެއްބަސްވެލައްވާފައިވާ ބައިތައް ކަމަށްވާތީ އެވެ. މިއީ، މުދައްރިސުންނަށް ޤަވާޢިދުތައް އެނގޭ މިންވަރު ބެލުމުގެ ގޮތުން ހަދާފައިވާ ދިރާސާއެއްކަމަށްވާތީ، މި ދިރާސާގައި ބޭނުންކުރީ ކުއަންޓިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނަގާފައިވަނީ މާލޭގައި ހުރި ޖުމްލަ 17 ސުކޫލުގެ ތެރެއިން އާބާދީ ބޮޑު ސުކޫލުތަކަށް ބޮޑު ޕުރޮޕޯޝަނެއްދީގެން ރޭންޑަމް އުޞޫލަކުންނެވެ. އެގޮތުން، މި ދިރާސާގައި ބައިވެރިކުރެވުނު މުދައްރިސުންނަށް އިޙްތިޔާރީ ސުވާލުކަރުދާހެއް ދީގެންނާއި، ބައެއް ގަޑިތައް އޮބްޒާވްކޮށްގެން ޑާޓާ އެއްކުރީމެވެ. މި ދިރާސާގެ ހޯދުންތަކުން ދެއްކީ ދިރާސާކުރުމަށް އިޙްތިޔާރުކުރި ހައިޕޮތެސިސް ސާބިތުނުވާކަމެވެ. އެހެނީ، މި ދިރާސާގައި ބައިވެރިވި މުދައްރިސުންގެ ތެރޭގައި، މި ދިރާސާގައި ބަލައިލެވުނު ޤަވާޢިދުގެ ބައިތައް އެއްގޮތަކަށްވެސް ނޭނގޭ މުދައްރިސެއްނެތްއިރު، 73 އިންސައްތަ މުދައްރިސުންނަކީ އެބައިތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސުވާލަށް ރަނގަޅު ޖަވާބުދީފައިވާ މުދައްރިސުންނެވެ. އަދި 20 އިންސައްތަ މުދައްރިސުންނަކީ ޤަވާޢިދުތައް ވަރަށް ރަނގަޅަށް އެނގޭ މުދައްރިސުންނެވެ. ޤަވާޢިދުތަޢް ކުޑަމިންވަރަކަށް އެނގުނީ 7 އިންސައްތަ މުދައްރިސުންނަށެވެ. އެހެންކަމުން މިދިރާސާގެ ހޯދުންތަކުން ދައްކަނީ ދިރާސާގައި ބައިވެރިވި ދިވެހި ކިޔަވައިދެއްވާ ގިނަ މުދައްރިސުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދު ފުދޭވަރަކަށް އެނގޭކަމެވެ. ThesisItem ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައް(Faculty of Arts, Maldives College of Higher Education, 2011-11-01) Zakariyya, Naufa; ނައުފާ ޒަކަރިއްޔާމިދިރާސާއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެއްވާ ކަމަށް ޤަބޫލުކުރެވޭތީ، ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ފޮނޮލޮޖިކަލް ގޮތުން ހުންނަ މައިގަނޑު ތަފާތުތައް ހޯދުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާއަމާޒުކުރެވިފައިވަނީ ހަމައެކަނި މާލެ އަށެވެ. އެހެނީ، މި ދިރާސާކޮށްފައިވަނީ ހަމައެކަނި މާލެއިން ސާމްޕަލް ނަގައިގެން ކަމަށް ވާތީ އެވެ. އެހެންކަމުން، މި ދިރާސާގައި ބަލާލާފައިވާނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިތޯ އާއި ތަފާތު އަންނަން މެދުވެރިވަނީ ކީއްވެގެންތޯއެވެ. އަދި ހަމައެއާއެކު، ކުޑަކުދިންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ ސިލަބަލް ސްޓްރަކްޗަރ ތަކަކީ ކޮބައިތޯ ވެސް ބަލާލާފައިވާނެއެވެ. މި ކުރިއަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މިދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ކުޑަކުދިންގެ ތެރެއިން، ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ 10 ކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 10 މީހުންނެވެ. މި ދިރާސާެގެ އަލީގައި ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑުގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތައް ހޯދާފައިވާނެއެވެ. އަދި ހަމައެއާއެކު، ދިރާސާއިން ފާހަގަވެގެންދިޔަ ކަމަކީ، ކުޑަކުދިންގެ ވާހަކަދެއްކުމުގައި އަޑުތައް ބޭނުންކުރާ ގޮތަށް ބަދަލުގެނައުމަށްޓަކައި ތަފާތު އުސޫލުތަކެއް ބޭނުން ކުރާކަމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުން ތަފާތު ފާހަގަވެގެންވަނީ، ކުޑަކުދިން މި އުސޫލު ބޭނުންކުރާތީއެވެ. ކުޑަކުދިންގެ ވާހަކަދެއްކުމާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކުގެ ސަބަބުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރ އަދި ޕުލޭސް އޮފް އާޓިކުލޭޝަން އަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ކުޑަކުދިންގެ ވާހަކަދެއްކުމުގައި ތަފާތު ސިލަބަސް ސްޓްރަކްޗަރ ތަކަކަށް ފެތޭ ގޮތަށް ލަފުޒުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަވެގެންދިޔައެވެ. ThesisItem ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް(Faculty of Arts, Maldives National University, 2012-11-01) Adam, Fathmath; ފާޠިމަތު އާދަމްމިދިރާސާއަކީ ދިވެހިބަހާއި ޢަރަބިބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ފެންނާތީވެ، އެކަންތައްތައް ހޯދާ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ އަމާޒުކުރެވިފައިވާނި ދިވެހިބަހުގައާއި ޢަރަބި ބަހުގައި ނަފީކުރުމަކީ ކޮބައިކަމާއި ނަފީކުރުމަށް ބޭނުންކުރެވޭ އަކުރުތަކާއި އެ އަކުރުތައް ލަފުޒުގައި އައިސްފައި ހުންނަނީ ކޮން ދިމަދިމާއެއްގައިތޯ ބެލުމަށެވެ. އަދި މިދެބަހުގައިވާ ކަން ނަފީކުރުމުގައިވާ އެއްގޮތް ސިފަތަކާއި ތަފާތުތައްވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. މިދިރާސާގެ ސުވާލަށް ޖަވާބުދީ ސުވާލުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މިކްސްޑް މެތަޑްގެ ދަށުންނެވެ. މިގޮތުން ދިރާސާބަހާލެވިފައިވަނީ މައިގަނގަޑު ހަ ބާބުގެ މައްޗަށެވެ. މިދިރާސާއިން އެނގި ހާމަވިގޮތުގައި ދިވެހިބަހާއި ޢަރަބި ބަހުގައި ނަފީކުރެވޭ ގޮތުގައި ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއްވެއެވެ. މިގޮތުން މި ދެ ބަހުގައިވާ ލަފުޒުތައް ނަފީކުރުމުގައި ހުރި އެއްގޮތް ކަންތައްތަކަށް ބަލާއިރު ނަފީ ކުރެވޭ އަކުރުތައް ލަފުޒުތަކުގައި އައިސްފައިވާ ދިމާ ފާހަގަ ކޮށްލެވެއެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެވޭ ފަދައިން ޢަރަބި ބަހުގައިވެސްނަފީކުރުމަށް ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެއެވެ. މީގެއިތުރުން ދިވެހިބަހާއި ޢަރަބިބަހުގައި ލަފުޒު ނަފީކުރުމުގައި ތަފާތު ތަކެއްވާކަންވެސް ފާހަގަކުރެވުނެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ މެދަށް ނަފީގެ އަކުރު އަންނައިރު، ޢަރަބި ބަހުގައި މިގޮތަށް ނަފީގެ އަކުރުނާންނަކަން ފާހަގަކުރެވުނެވެ. ޢަރަބި ބަހުގައި ނަފީގެ އަކުރު އަންނަނީ ހަމައެކަނި މަސްދަރު ނުވަތަ ކަމުގެކުރިއަށެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހިބަހުގައި ނަފީކުރެވޭ ގޮތާއި ޚިލާފަށް ޢަރަބި ބަހުގައި ނަފީކުރެވޭއިރު ޒަމާނާއި ގުޅިގެން ނަފީކުރުމުގެ އަކުރަށް ބަދަލު އަންނަކަމެވެ. މިގޮތުން ޢަރަބި ބަހުގައި އެކި ޒަމާންތަކަށް ނަފީގެ އެކި އަކުރު ބޭނުން ކުރާކަން ފާހަގަކުރެވުނެވެ. ނަމަވެސް ދިވެހިބަހުގައި ބަދަލު އަންނަނީ ކަމަށެވެ. ނަފީގެ އަކުރަކަށް ޒަމާނާއި ގުޅިގެން ބަދަލެއް ނާދެއެވެ. ThesisItem ރަސްމީ ބަހުރުވައިގައި އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Ahmed, Fathimath; ފާތިމަތު އަހްމަދުމިއީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގެ މެދުގައިވާ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށާއި އެތަފާތުތައް އަންނަނީ ވަކި އުސޫލަކުންތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން، މި ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށްޓަކައި ރަސްމީބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތަކުގެ ތެރެއިން 330 ލަފުޒު ސާމަޕަލްގެ ގޮތުގައި ނަގައިގެން މި ލަފުޒުތައް ތަހްލީލްކޮށފައިވާނެއެވެ. މިކަމަށްޓަކައި ރަސްމީ ބަހުރުވައިގެ ލަފުޒުތައް ނަގާފައިވާނީ ދިވެހި ބަސްފޮތް(2006) އިންނެވެ. ފުވައްމުލަކު ބަހުރުވައިގެ ލަފުޒުތައް ހޯދާފައިވާނީ ރަސްމީ ބަހުރުވަޔާއި ފުވައްމުލަކު ބަހުރުވަ ރަގަޅަށް ދަންނަ 5 ފަރާތެއްލައްވާ ސުވާލު ކަރުދާހެއް ފުރުވައިގެންނެވެ. މިގޮތުން، ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ހާމަވިގޮތުގައި ރަސްމީ ބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެފައިވަނީ މައިގަނޑު 6 އުސޫލެއްގެ ދަށުންނެވެ. އެއުސޫލުތަކަކީ، ލަފުޒުގެ ނިމުން، 'ލޯ ބެކް ޝޯޓްވަވަލް' /o/ (އޮބޮފިލި) އަށް ބަދަލުވުމާއި، ހައިބެކް ޝޯޓް ވަވަލ'/u/ގެ (އުބުފިލީގެ ގޮތުގައްޔާއި 'ހައި ފްރަންޓް ޝޯޓް ވަވަލް /i/ (އިބިފިލި) އަށް ބަދަލުވުމާއި 'މިޑް ސެންޓރަލް ޝޯޓް ވަވަލް/a/ (އަބަފިލި) އަށް ބަދަލުވުމުގެ އިތުރުން 'މިޑްފްރަންޓް ޝޯޓްވަވަލް /e/ (އެބެފިލި) އަށް ބަދަލުވުމެވެ. މީގެ އިތުރުން، ލަފުޒުގެ އެންމެ ފަހު ސިލަބަލެއްގެ ގޮތުގައި ކްލޯޒްޑް ސިލަބަލެއް އައިސްގެންނެވެ. އެހެނަސް، މިއީ ރަސްމީ ބަހުރުވައިގައި އެއް މާހައުލެއްގައި ( އެންވަރމެންޓެއްގައި) އަންނަ ކޮންސަނަންޓް އަޑުތަކުގެ ތަފާތެއްވެސް މި ދެ ބަހުރުވައިގެ މެދުގައި ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެއެވެ. ThesisItem ދިވެހިބަހުގައި އެކުލެވިގެންވާ މަސްދަރުތައް، [ނިމުނުކަމަށް] ބަދަލުވެގެންދާ އުސޫލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Saadhaa, Aminath; އާމިނަތު ސަޢާދާމިއީ، ދިވެހިބަހުގެ މަސްދަރުތައް ނިމުނުކަމަށް ބަދަލުވެގެންދާ އުސޫލު ދެނެގަތުމަށްޓަކައި ހެދި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ ސާމްޕަލްގެ ގޮތުގައި ބޭނުންކުރީ، ދިވެހިބަސްފޮތް 2006 ގައި، ހިމާނާފައި ހުރި މަސްދަރުތަކުގެ ތެރެއިން [ ު ު ް] އަދި [ ެ ު ް] ، މި ދެ ވަޒަނަށް ހުރި ހުރިހާ މަސްދަރު ތަކެކެވެ. ދިރާސާއަށް ބޭނުންވާ ދެވަނަ ސާމްޕަލްކަމުގައިވާ، މަސްދަރުތަކުގެ ނިމުނުކަން ހޯދީ، ދިވެހިބަހުގެ އުސްތާޛުންގެ ތެރެއިން 5 ބޭފުޅުންގެ އަރިހުން، ސާރވޭ ފޯރމް ފުރުއްވައިގެންނެވެ. ނިމުނުކަމުގެ ގޮތުގައި މި ދިރާސާގައި ބޭނުންކޮށްފައިވާނީ، ތިންވަނަ ފަރާތަށް މުޚާތަބުކޮށް، ނިމުނުކަން ބޭނުންކުރާ ގޮތެވެ. މި ދިރާސާއަކީ ކުއަލިޓޭޓިވް ޕެރަޑައިމް އެއްގެ ދަށުން، ހުސް ސުކުނޑިއަކާއެކު ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގެ އުސޫލުތައް ދެނެގަތުމަށްޓަކައި، ދިވެހިބަހުގެ އުސްތާޛުންގެ ޚިޔާލު ހޯދުމުގެ ގޮތުން އިންޓަރވިއުވެސް ކުރީމެވެ. ދިރާސާގައި ބޭނުންކުރި މަސްދަރުތަކަށް ބަލާއިރު، މަސްދަރު، ނިމުނުކަމަށް ބަދަލުވެގެންދާ ތިން އުސޫލެއް ފާހަގަ ކުރެވުނެވެ. އެއީ [-ައިފި] [-ެފި]، އަދި [-ިއްޖެ] އެވެ. މި އުސޫލުތަކުގެތެރެއިން، [-ައިފި] އަދި [-ެފި]، އުސޫލަކީ މުޙައްމަދު ޖަމީލުދީދީ (1970) ވެސް ފާހަގަ ކުރައްވާފައިވާ ދެ އުސޫލު ނަމަވެސް މި ދެ އުސޫލު އެބޭފުޅާ ބަޔާންކޮށްދެއްވާފައިވަނީ ފުރިހަމައަކަށް ނޫންކަން ފާހަގަކުރެވެއެވެ. [-ިއްޖެ]، އުސޫލަށް ލަފުޒު ހުންނަކަމަށް މުޙައްމަދު ޖަމީލުދީދީ (1970) ފާހަގަކުރައްވާފައިވީނަމަވެސް އެ އުސޫލު ބަޔާންކޮށްދެއްވާފައެއް ނުވެއެވެ. އެބޭފުޅާ ބަޔާންކޮށްދެއްވާފައިވާ [-ފި] އުސޫލަކީ، މި ދިރާސާއިންވެސް ފާހަގަކުރެވުނު ގޮތުގައި، އާއްމު އުސޫލާ ޚިލާފު އުސޫލެކެވެ. ތިންވަނަ ފަރާތަކަށް މުޙާތަބުކޮށް ނިމުނުކަން ބޭނުންކުރެވޭ ތައްގަނޑުތަކުގެ ތެރޭގައި އަލީ އަޙުމަދު (1970) ބަޔާންކުރައްވާ،[ -ޮއިފި] އަދި [ -ެއްޖެ] ތައްގަނޑަކީ މިދިރާސާއިން ފާހަގަކުރެވިފައިނުވާ ދެ ތައްގަނޑެވެ. ދިރާސާއިން ހާމަވިގޮތުގައި ތިންވަނަ ފަރާތަކަށް ނިސްބަތްކޮށް ނިމުނުކަން ބޭނުންކުރާއިރު، ނިމުނުކަން، މުޅީންވެސް ނިމިފައިހުންނަނީ، [-ފި] ނުވަތަ [-ޖެ] އަށެވެ. އޭގެތެރެއިން، [-ފި] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރާއެކު ކުރާކަންކަމުގެ މާނަ ދޭހަކޮށްދޭ ލަފުޒުތަކެވެ. އަދި [-ޖެ] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރެއްނެތިވާ ކަންކަމުގެ މާނަދޭހަކޮށްދޭ ލަފުޒުތަކެވެ. ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި މަސްދަރު ނިމުނުކަމަށް ބަދަލުވެގެން ދިޔުމުގައި، ނިމުނުކަން، މަސްދަރަށް ބަރޯސާވުމުގެ ބަދަލުގައި ބަރޯސާވަނީ ވާކަމަށާއި، ލަފުޒުގައި އެކުލެވިގެންވާ މާނައިން، އިޚުތިޔާރާއެކު ކުރާކަންކަމާއި، އިޚުތިޔާރެއްނެތިވާ ކަންކަމުގެ މައްޗަށެވެ. ThesisItem ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން، އިނުން، އޮތުން" މި ޤަވާޢިދުގެ ތެރެއިން "ހުރުން" މިލަފުޒު ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އެކަމުގެ ސަބަބުތަކަކީ ކޮބާ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) Rashad, Nazly; ނާޒްލީ ރަޝާދުމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވާހަކަދެއްކުމުގައި "ހުރުން" ގިނަ ބަޔަކު ބޭނުންކުރަމުންދާނަމަ، ކުރިމަގުގައި މި ޤަވާޢިދަށް ކުރިމަތިވާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންނަށެވެ. މިގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންގެ ވާހަކަދެއްކުން އޮބްސަރވްކޮށްގެން ޖުމުލަތަކެއް ނަގައި، މިޖުމުލަތަކުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ. އަދި އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "ހުރުން" ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "ހުރުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކުރުމުގެ ހަތަރު ހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، " އަމިއްލަބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށް" މި ހަމަ ބޭނުންކޮށްގެން ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ބޭނުންކޮށްގެންކަން މި ދިރަސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން "ހުރުން" އިނުން، އޮތުން" ގެ ތެރެއިން " ހުރުން" މި ޤަވާޢިދަށް ކުރިމަގުގައި ކުރިމަތިވާނެ މައްސަލަތައް ނުވަތަ އަސަރުތަކާއި ވާހަކަދެއްކުމުގައި "ހުރުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ. އަދި "ހުރުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯވެސް ހޯދިފައިވާނެއެވެ. މީގެއިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައް ހޯދިފައިވާނެއެެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ 58.3 ޖުމުލަ ބޭނުންކޮށްފައިވާކަމެވެ. މީގެއިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "ހުރުން" ބޭނުންކުރުމުގެ އިތުރުހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ. ThesisItem ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) އާދަމް ޙުސައިންފުޅު; Hussainfulhu, Adamމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ނަފީގެއަކުރުތައް އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އޭގެ ސަބަބުތައް ދެނެގަތުމެވެ. މިކަން ބެލުމައްޓަކައި ސާރވޭ ، އިންޓަރވިއު އަދި ދެކެވޭވާހަކަ ރެކޯރޑްކޮށް މަޢުލޫމާތު އެއްކޮއްފައިވާނެއެވެ. ހަދާފައިވާނީ މިކްސްޑް މެތަޑް އަށެވެ. މިދިރާސާ ކުރެވުނީ މާލޭގައެވެ. އަދި މިދިރާސާގެ މައިގަނޑު ބަހުރުވައަކަށް ބަލާފައިވާނީ ވެސް މާލޭބަހުރުވައެވެ.މިގޮތުން މަޢުލޫމާތު އެއްކުރުމައްޓަކައި މާލޭގެ ސާނަވީ 3 ސުކޫލެއްގެ ދަރިވަރުންނާއި އެ ސުކޫލުތަކުގައި ކިޔަވައިދެއްވާ ދިވެހި ނަސްލުގެ މުދައްރިސުންނާއި 2010 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން ހިންގި ދިވެހިބަސް ކިޔަވާދިނުމުގެ ޑިޕްލަމާ ކޯހުގެ ބައެއް ދަސްކުރާ މުދައްރިސުން ރެންޑަމްކޮށް ނަގައި ސާވޭކުރެވިފައިވާނެއެވެ.މި ފަރާތްތަކަށް ދެވިފައިވާނީ އެއްސާރވޭ ފޯމެވެ. ސާރވޭފޯމްތައް ދީފައިވާނީ ޕައިލޮޓް ޕްރޮޖެކްޓް ހެދުމަށްފަހު ގައެވެ. ހަމައެހެންމެ ދިވެހިބަހުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި 6 ފަރާތެއްގެ އިންޓރވިއު އާއި މާލެއިން ނަގާފައިވާ 3 ކޮންވަޒޭޝަން ވެސް އެނަލައިޒްކޮށްފައިވާނެއެވެ. މިބައިތަކުގެ ނަތީޖާ ދައްކާގޮތުން ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރުމުގައި ސަމާލުކަން ނުދެނީ ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް ބުނާ އެއްޗެއްގެ މާނަދޭހަވާތީ ކަން ފާހަގަވެއެވެ. އަދި އެންމެ ބޮޑަށް ބައިވެރިންނަށް އުދަނގޫވީކަމަށް ފާހަގަވީ ނަންއިތުރާއި ކަންއިތުރު އަދި ނަންއިތުރުގެނަން ނަފީކުރާށެވެ. ސަމާލުކަންދޭ ފަހަރުތަކުގައި ސަމާލުކަންދެނީ ދިވެހިބަހަކީ އަޑުނިޔާކުރާގޮތަށް ލިޔާބަހަށްވާތީ ކަމަށްވެސް އެނގިގެންދިޔައެވެ.އެންމެ ރަނގަޅައް އެނގެނީ "ކަން" ނަފީކުރާށެވެ. މުދައްރިސުން ކިޔަވާދިނުމުގައި ވެސް މިހާރަށްވުރެ ސަމާލުވާން އަދި ޤަވާއިދުގެ ބައިތައް މުތާލިޔާކުރަންޖެހޭކަން ފާހަގަވިއެވެ. އަދި ބައެއް ޤަވާއިދުތައް ބަޔާންކޮށްވާގޮތުން އޮޅުންބޮޅުންތަކެއް ވާކަމަށް ވެސް ފާހަގަވިއެވެ.މުޅި ދިރާސާގެ ނަތީޖާއަށް ބަލާއިރު ފެނިގެންދަނީ ވާހަކަދެއްކުމުގައި ނަފީގެ ހަމަތަކަށް ސަމާލުކަން ނުދީ ވާހަކަދައްކާކަމެވެ. މިހެނީ އެނަލައިޒްކުރެވުނު 3 ކޮންވަޒޭޝަންގެ ތެރެއިން 2 ކޮންވަޒޭޝަންގައި ނަފީކުރުމުގެ ގަވާއިދާއި ޚިލާފަށް ގިނަ ލަފުޒުތަކެއް ބޭނުންކޮއްފައިވާކަން ސާބިތުވެއެވެ. އަދި ބަހުގެ ތެރެއަށް ވަދެހިނގާ އެހެނިހެން ބަސްބަހުގެ ލަފުޒުތަކުގެ ނުފޫޒުން ވެސް ދިވެހިބަހުގެ ލަފުޒުތައް ފުށުއަރާގޮތަށް ގަވާއިދާ ޚިލާފަށް ބޭނުންކުރެމުންދާކަން ވެސް ފާހަގަވިއެވެ.ވުމާއެކު އެނގިގެންދަނީ ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ އެކަށައަޅާފައިވާ ގޮތާ އެއްގޮތަށް ނޫންކަމެވެ