Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 5 of 5
  • Thumbnail Image
    Item
    Thesis
    ދެބަހުގެ އަހުލުވެރި، ދިވެހި ކުދިން ވާހަކަދައްކާއިރު މާދަރީބަހުގެ ޤަވާޢިދުގައި، ލަފުޒުތަކުގެ އަޑުތައް ތަރުތީބުކޮށް ބޭނުންކުރާ، އުޞޫލާ ފުށުއަރާގޮތަށް އަޑުތައް ބޭނުންކުރަމުންދޭ ހެއްޔެވެ؟ އަދި ފުށުއަރާނަމަ، ފުށުއަރަނީ ކޮންގޮތަކުން ހެއްޔެވެ؟ އަދި އަޑުތަކަށް ބަދަލުއައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭރޯލަކީ ކޮބާ ހެއްޔެވެ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Hassan, Majida; މާޖިދާ ޙަސަން
    މި ދިރާސާއަކީ އިނގިރޭސިބަހާއި ދިވެހިބަހަށް އަހުލުވެރި ކުދީންގެ ވާހަކަދެއްކުމުގައި، މާދަރީބަހުގެ އަޑުތަކާ، ފުށުއަރާގޮތަށް، އަޑުތައް ބޭނުން ކުރަމުންދޭތޯ ބެލުމަށާއި، ފުށުއަރާނަމަ ފުށުއަރަން މެދުވެރިވަނީ ކޮންގޮތަކުން، ކިހިނެއްކަން، ދެނެގަނެ، އަޑުތަކަށް ބަދަލު އައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭ ރޯލަކީ ކޮބައިތޯ ބެލުމުގެ ބޭނުމުގައި ކުރާ ދިރާސާއެކެވެ. މި ދިރާސާ ހެދީ ދެބަހުގެ އަހުލުވެރި 10 އިންފޯރމަންޓުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން، ނެގި 100 ލަފުޒުގެ އަޑުތައް ފޮނޮޓިކް ގޮތުން ތަޙުލީލުކޮށްގެންނެވެ. އެގޮތުން، އަޑުތަކަށް ބަދަލު އައިސްފައިވާގޮތް ހޯދުމަށްޓަކައި ބަދަލު އައިސްފައިވާ ކޮންސަނަންޓް އަޑުތަކާއި ވަވަލްއަޑުތަކުގެ، ދެމެދުގައިހުރި ފޮނޮލޮޖިކަލް ގުޅުންތަކަށް ބަލައި، މިގުޅުންތަކުގެ ތެރެއިން އަޑަށް ބަދަލު އަންނަ ނަޒަރިއްޔާތުތަކާއި ގޮތްތަކަށް ރިޢާޔަތްކޮށް، މިއަޑުތަކަށް ބަދަލު އައިސްފައިވާގޮތް ހޯދާފައިވާނެއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، މާދަރީބަހުގެ އަޑުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އަދި މިބަދަލުތައް އައުމުގައި ކޮންމެވެސް ވަރަކަށް އިނގިރޭސިބަހުގެ އަޑުގެ ނުފޫޒުތައް ފޯރަމުންދާކަން ދިރާސާއިން އެނގިގެންދިޔައެވެ. އެގޮތުން، އިނގިރޭސިބަހުގެ ކޮންސަނަންޓް އަދި ވަވަލް އަޑުތައް ދިވެހިބަހުގެ އަޑުތަކާ އެކު، ބޭނުންކުރުމާއެކު މި ނޫން ބަދަލުތައް ގެނެސްގެން، ލަފުޒުތަކުގެ އަޑުތައް، ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. އަދި ދެބަހުގެ އަޑުތައް މައްސުނިކޮށްގެން، ދެބަހުގެ ލަފުޒުތައްވެސް ކިޔާފައިވާކަން ފާހަގަކުރެވިގެންދިޔައެވެ. ވީމާ، މިދިރާސާއަކީ، މިހާރު ދިވެހިބަހުގެ އަޑުތަކަށް އަންނަމުންދަނީ ކޮންކަހަލަ ބަދަލުތަކެއްކަން، ދެނެގަތުމަށް، މި ދިރާސާ ގެ ބޭނުންތެރިކަން ބޮޑެވެ.
  • Thumbnail Image
    Item
    Thesis
    ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ.
    (Faculty of Arts, Maldives National University, 2013-11-01) Asnaan, Ahmed; އަޙްމަދު އަސްނާން
    މި ދިރާސާއަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރު ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ކުއްޖާގެ ބަހުގެ ވެށީގައި ހިމެނޭ އެކި ކަންކަމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރޭތޯ މި ދިރާސާގައި ބަލާފައިވާނެއެވެ. އަދި ހަމަ އެހެންމެ މި ދިރާސާގައި ޖޯގުރަފިކަލްގޮތުން ބަހުގެ ވެށި ތަފާތު ވެއްޖެނަމަ ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުވެސް ހޯދާފައިވާނެއެވެ. އެހެންކަމުން މި ދިރާސާގެ މައިގަނޑު މަގުޞަދަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުތައް ދެނެގަތުމެވެ. މި ދިރާސާހެދުމުގައި ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނީ ކުއްޖާ ބަސް ދަސްކުރުމުގައި ބޭނުންކުރާ ތަފާތު ތިއަރީތަކާއި ކުއްޖާގެ ކިބައިގައި ބަހެއް އަށަގަތުމުގައި ކަޑައްތުވާ މަރުހަލާތަކާއި މާހައުލާއި އުމުރުގެ މުހިންމުކަމެވެ. އެގޮތުން ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވަނީ މަޝްހޫރު ބަހަވީ ޢިލްމުވެރިން ހޯދާފައިވާ ތިއަރީތަކެވެ. އަދި ހަމަ އެހެންމެ ދިރާސާގެ މަޢުލޫއާއި ގުޅޭގޮތުން ދިވެހި ބަހުގެ ޢިލުމުވެރިން ފާހަގަކުރައްވާފައިވާ ނުކުތާތައްވެސް ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް ހޯދުންތައް ދެއްކުމުގައި ކުއަންޓޭޓިވް ޕެރެޑައިމްގެ އުކުޅުތައް ކަމުގައިވާ ގުރާފް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާގެ ސާމްޕަލުގެ ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދަކުން ކުދިންނެގީމެވެ. އެއީ ދެކުނުން އައްޑޫ، ފުވައްމުލައް، މާލޭ ސަރަހައްދުން މާލެ، ހުޅުމާލެ އަދި އުތުރުން ހދ. ކުމުންދޫ، ހދ. ކުޅުދުއްފުށިންނެވެ. އަދި މި ސަރަހައްދުތަކުން ސާމްޕަލްގެ ގޮތުގައި ނެގުނު ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔާ އާއި ކޮންމެ ސްކޫލަކުން ދަރިވަރުންނަށް ކިޔަވައިދޭ 1 ޓީޗަރަކު ނެގީމެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެއެވެ. އެގޮތުން ޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވުމާއި މައިންބަފައިންނާއި ޓީޗަރުން އަދި ގޭގައި ދިރިއުޅޭ މީހުންނާއި މާހައުލުގައި ދިރިއުޅޭ މީހުންނާއި ޓީވީ ނުވަތަ ރޭޑިޔޯފަދަ އެއްޗެތިންވެސް ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރާކަން މި ދިރާސާއިން ހޯދުނެވެ.
  • Thumbnail Image
    Item
    Thesis
    ކުދިން ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުމަށްޓަކައި ގްރޭޑް 5 ގެ އީ.އެސް މާދަރީބަހުން ކިޔަވައިދިނުން މުހިއްމުހެއްޔެވެ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Shaahid, Abdulla; ޝާހިދު ޢަބްދުﷲ
    މި ދިރާސާއަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 5 ގައި ކިޔަވާކުދިން މިހާރު ދިވެހި ވެށްޓަށް ހޭލުންތެރިވަމުން ނުދާކަމަށް ފާހަގަވަމުން އަންނާތީ، އެކަމުގެ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ފާހަގަކުރެވުނީ އީ.އެސް ފޮތުގައި ދިވެހި ވެށްޓާ މާބޮޑު ގުޅުމެއްނެތް މަޢުލޫމާތު ހުރިކަމާއި، ފޮތުގައި ހުރި މަޢުލޫމާތުވެސް މަދުކަމާއި، ބައެއް ސްކޫލް ތަކުގައި އެކަށީގެންވާ މިންވަރަށް ފިލާވަޅަށް ތައްޔާރުނުވާކަމާއި، ފޮތް ޤަވާޢިދުން އިސްލާޙު ވަމުން ނުދާކަމެވެ. ޓީޗަރުން ކިޔަވައިދިނުމުގައި ކުދިން ޝައުޤުވެރިވާގޮތަށް ފިލާވަޅުތައް ތައްޔާރުނުކުރުމާއި ކުދިންނަށް ފިލާވަޅާއި ގުޅިގެން އިތުރު މަޢުލޫމާތު ނުދޭކަމާއި އަދި ބެލެނިވެރިންވެސް އެމީހުންގެ ޒިންމާތައް ފުރިހަމައަށް ނުނަގާކަންވެސް ފާހަގަކުރެވުނެވެ. ބެލެނިވެރިޔާގެ އެހީތެރިކާމާއެކު ކުދިން އަމިއްލައަށް އިތުރުމަޢުލޫމާތު ހޯދައި މުޠާލިޔާ ކުރޭތޯ ނުބަލާކަންވެސް ހޯދުނެވެ. އީ.އެސް ފޮތުގައި މަޢުލޫމާތު ހިމަނާފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެށީގެ މަޢުލޫމާތު މަސްހުނިކޮށް ހުރިކަން ފާހަގަކުރެވުނެވެ. މިހެން ވުމުން ކުދިންނަށް ދަސްކުރުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވުނެވެ. ރާއްޖޭގެ ވެށީގެ މަޢުލޫމާތުވެސް ހުރީ ކުޑަމިންވަރަކަށްކަން ފާހަގަކުރެވުނެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުންނާއި އެހެނިހެން ރޮނގުރޮނގުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އަންނައިރު، އެކުރިއެރުންތަކާ އެއްވަރަށް އީ.އެސް ފޮތް އިސްލާހު ނުކުރެވުމެވެ. އަދި ކަރިކިއުލަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފޮތް އިސްލާހުނުކުރާކަމާއި، އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭކަންވެސް ފާހަގަކުރެވިނެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައި ދިނުމަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ހެދުން މުހިންމުވާ ސަބަބުތައް
    (Faculty of Arts, Maldives College of Higher Education, 2011-11-01) Mujuthaba, Ahmed; އަޙުމަދު މުޖުތަބާ
    މިދިރާސާއަކީ ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައި ދިނުމަށް ބޭނުންކުރާ ބަހަކީ ދިވެބަސް ކަމުގައި ހެދުން މުހިންމުވާ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ކުރުމަށްޓަކައި މާލޭގެ ޕްރައިމެރީ ސްކޫލްތަކުގެ ތެރެއިން އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުން އަދި ބެލެނެވެރިން ބައިވެރިކޮށްފައިވާނެއެވެ. ދިރާސާގެ ސުވާލަށް އަމާޒުވާނޭހެން މައިގަނޑު ސުވާލުތަކުގެ ޖަވާބު ހޯދުމަށް މިދިރާސާ އަމާޒުކުރެނުނީ 4 ދާއިރާއަކަށެވެ. އެއީ ޢިލްމުވެރިންނާއި މުދަށްރިސުން އަދި ދަރިވަރުންނާ ބެލެނެވެރިންނެވެ. ޢިލްމުވެރިންނަށް މައިގަނޑު 7 ސުވާލެއްދީ އެސުވާލުތަކަށް އެބޭފުޅުންދެކޭގޮތް ހޯދުމަށްޓަކައި އިންޓަވިއުކުރީމެވެ. މިގޮތުން ކިޔަވައިދޭން ރަނގަޅުބަސް، އަމިއްލަވަތްތަކަމާ ސަގާފަތްދިރުވުން، ދަރިވަރުންނަށް ފަހުމްވާމިންވަރު، އަދި ކިޔަވައިދިނުމަށް ހުރި ގޮންޖެހުންތަކަށް އަމާޒުކޮށްފައިވާނެއެވެ. މިކަންކަމުގެ މައްޗަށް ސާރވޭކޮށް ހޯދިފައިވާނެއެވެ. މިދިރާސާގައި ފަށާތައުލީމު މަރުހަލާގައި ދިވެހިބަހުން ކިޔަވައި ދޭންވީ ސަބަބު ހޯދުނެވެ. އިންޓަވިއުދިން ފަރާތްތަކުން ވަރަށް ފުޅާދާއިރާއެއްގައި މިކަމަށް ހެކިދެއްކެވިއެވެ. އަދި ބައެއްފަރާތް ތަކުން މިކަމާއި މުޅިން އެއްބަސްވެފައެއް ނުވެއެވެ. ބައެއްސަބަބުތައް އެއީ ދަރިވަރުންނަށް ފަހުމްވުމާއި ދެވެނަބަހެއް ދަސްކުރުމަށް މާދަރީ ބަހުން ކިޔަވައިދޭން ޖެހޭކަމަށް އެފަރާތްތަކުން ފާހަގަކޮށް އެކަންކަމަށް ބާރުލިބޭ ނުކުތާތައް އިންޓަވިއުގައި ކިޔައިދެއްވި އެވެ. އަދި ސާވޭ ކުރިފަރާތަކުން ދިވެހިބަހުން ފަށާތައުލީމު ކިޔަވައިދިނުމަށް ހޯދުނު ސަބަބުތަކަށް ތާއީދުކުރާ އަދި ތާއީދު ނުކުރާ މިންވަރު ސަރވޭގައި ބަލާފައިވާނެއެވެ. މީގެ އިތުރުން މުދައްރިސުންނަށް ދެވުނު ދެސުވާލުން ދިވެހިބަހުން ކިޔަވަންޖެހޭތޯ ނުވަތަ ނޫންތޯ ހޯދުމަށް އެފަރާތް ތަކުގެ ޚިޔާލު ހޯދުނެވެ. އަދި މިކަން ކުރުމަށް ހުރި ގޮންޖެހުންތައްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. ދިރާސާއިން ފާހަގަ ކުރެވުނީ ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ފަށާތައުލީމު މަރުހަލާގައި ކިޔަވައިދޭންވީ މާދަރީބަހުން ކަމެވެ. އަދި މާދަރީބަހުން ކިޔަވައިދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށްވެސް ދިރާސާގައި ބައިވެރިވި 80 އިންސައްތަ ފަރާތުން ހާމަކޮށްފައިވެއެވެ. މިދިރާސާއިން ހާމަވީ ދެވަނަބަހެއް ދަސްކުރުމަށާއި ދަރިވަރުންނަށް ކުލާހުގައި ދެވޭމަސައްކަތްތައް ފަހުމްވުމާއި އަމިއްލަވަންތަކަމާއި ސަގާފަތް ހިމާޔަތް ކުރުމުގައި މާދަރީބަހުން ކިޔަވައި ދިނުމަކީ މުހިއްމުކަމެއްކަމުގައެވެ.
  • Thumbnail Image
    Item
    Thesis
    ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟
    (Maldives National University, 2015-11-01) Ibrahim, Naadhira; ނާދިރާ އިބްރާހީމް
    ދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.