Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 10 of 30
  • Thumbnail Image
    Item
    Thesis
    ދިިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައިވާ ގުޅުންތައް
    (Faculty of Arts, Maldives College of Higher Education, 2011-11-01) Ahmed, Fathuhulla; ފަތުހުﷲ އަޙުމަދު
    މިދިރާސާއަކީ ދިވެހިބަހާއި ސިންހަޅަބަހުގައި ގުޅުންތަކެއްވާކަމަށް ތާރީޚީ ޢިލްމުވެރިންނާއި ބަހަވީ ޢިލްމުވެރިން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން ފެންނާތީ، ދިވެހިބަހާއި ސިންހަޅަބަހުގެ ފޯނީމުތަކުގެ ދެމެދުގައިވާ ގުޅުންތައް ދެނެގަތުމަށް ކުރިއަށް ގެންގޮސްފައިވާ ޢިލްމީ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ މި ދެބަހުގައިވާ އާންމު ވަވަލް އަދި ކޮންސަނަންޓް ފޯނީމުތަކުގެ ދެމެދުގައިވާ އެއްގޮތް އަދި ތަފާތުތަކުގެ މައްޗަށް ބަހަވީ ނަޒަރަކުންނެވެ. މީގެއިތުރުން، މި ދެބަހުގައިވާ ފޯނީމުތައް އެތުރި ތަރުތީބުވާގޮތާއި ލަފުޒުގައި ފޯނީމުތައް އައުން ހުއްދަވާ ހިސާބުތަކުގައި ގުޅުންތަކެއްވޭތޯ ބެލުމީވެސް މި ދިރާސާގެ ބޭނުމެކެވެ. މިކަންކަން ބެލުމަށް ކުރިއަށް ގެންދެވުނު މި ދިރާސާގެ ރިޕޯޓު ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ހަ ބާބަށް ޖުމުލަކޮށް ބަލާއިރު، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައި ގުޅުންތަކެއްވާކަން އެނގިގެންދެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް ބޭނުން ކޮށްގެންނެވެ. ދިވެހިބަހުގެ ފޯނީމުތަކަކީ ކޮބައިކަން ރަސްމީކޮށް ކަނޑައަޅާފައި ނުވާތީ އަދި ދިވެހިބަހާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން މިހާތަނަށް ޝާއިޢުކޮށްފައިވަނީ މަދު ދިރާސާތަކެއް ކަމުން، މި ދިރާސާގައި ދިވެހިބަހުގެ ފޯނީމުތަކެއް ކަމަށް ކަނޑައަޅާފައިވާނީ މި ދިރާސާއިން ފެނުނު ފޯނީމުތަކެވެ. ނަމަވެސް، ސިންހަޅަބަހުގެ ފޯނީމުތަކެއް ކަމަށް މި ދިރާސާގައި ބޭނުންކޮށްފައިވާނީ ސިންހަޅަބަހާ ގުޅޭގޮތުން، 7 ޢިލްމުވެރިއަކު ހައްދަވާފައިވާ ދިރާސާތަކާއި ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ފޯނީމުތަކެވެ. މީގެއިތުރުން، މި ދިރާސާގެ ސާންޕަލްގެ ގޮތުގައި މުޅިންވެސް ބޭނުންކޮށްފައިވާނީ ދިވެހިބަހާއި ސިންހަޅަބަހުގެ ލަފުޒުތަކެވެ. ލަފުޒުތައް އެއްކޮށްފައިވާނީ ދެބަހުގެ ރަދީފުތަކުންނާއި މިދެބަހުން ވާހަކަދައްކާ އަހުލުވެރިންގެ ފަރާތުންނެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުތަކުން ހޯދުނު ހޯދުންތަކަށް ބަލާއިރު، ދިވެހިބަހާއި ސިންހަޅަބަހުގައި ހިމެނޭ ފޯނީމުތަކުގައި ގާތްގުޅުންތަކެއްވެއެވެ. މިގޮތުން، މި ދެބަހުގައިވެސް އެއްގޮތް ފޯނީމުތަކާއި ތަފާތު ފޯނީމުތައް ހިމެނެއެވެ. ހަމައެހެންމެ، ދެބަހުގައި ހިމެނޭ ފޯނީމުތަކުން އެއް ގޮތް ސިފަތަކެއް ލިބިވާ ތަފާތު ފޯނީމުތަކެއްވާކަން ވެސް ހޯދުނެވެ. މީގެއިތުރުން، ދެބަހުގައި ހިމެނޭ ފޯނީމުތައް ލަފުޒުގެ އެކި ހިސާބުގައި އަންނަ އުޞޫލުތަކުގައި ގާތްގުޅުންތަކެއް ހިމެނެއެވެ. އަދި ފޯނީމުތައް އެތުރިތަރުތީބުވެ ސިލަބަލްތައް އުފެދުމުގައިވެސް ގުޅުންތަކެއްވެއެވެ. ހަމައެހެންމެ، ތަފާތު އެކި އުޞޫލުތަކުން ސިލަބަލްތައް އެތުރި ތަރުތީބުވެގެން ލަފުޒުތައް އުފެދެއެވެ. މިގޮތުން، ލަފުޒުތައް އުފެދުމުގައި މޮނޯ ސިލަބަލް، ޑައިސިލަބަލް، ޓްރައި ސިލަބަލް އަދި ޕޮލި ސިލަބަލްގެ ގޮތުގައި ފޯނީމުތައް އެތުރި ތަރުތީބުވެއެވެ. މީގެ އިތުރުން، މިދެބަހުގައި ސިލަބަލްގެ އޮންސެޓުގެ ގޮތުގައި އަންނަ ފޯނީމުތަކަކީ ލަފުޒުގެ ފެށުމުގައި އައުން ހުއްދަ ފޯނީމުތައް ކަމާއި ސިލަބަލްގެ ކޯޑާގެ ގޮތުގައި އައުން ހުއްދަ ހުރިހާ ފޯނީމެއް ލަފުޒުގެ ނިމުމުގައި އައުން ހުއްދަވެއެވެ. އަދި މި ދެބަހުގައި ހިމެނޭ ހުރިހާ ވަވަލް ފޯނީމެއް ސިލަބަލްގެ ނިއުކްލިއަސްގެ ގޮތުގައި އައުން ހުއްދަވެއެވެ. ޖުމުލަކޮށް ބަލާއިރު، ދިބެހިބަހާއި ސިންހަޅަބަހުގެ ފޯނީމުތަކާއި ލަފުޒުގައި ފޯނީމުތައް އެތުރި ތަރުތީބުވުމުގައި ގާތްގުޅުންތަކެއް ވާކަމަށް ބަހުގެ ޢިލްމުވެރިންނާއި ތާރީޚީ ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަކީ ބަހަވީ އުޞޫލުން ބަލާއިރު ތެދެއްކަން މި ދިރާސާއިން ސާބިތުކުރެވެއެވެ.
  • Thumbnail Image
    Item
    Thesis
    ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ
    (Faculty of Arts, Maldives College of Higher Education, 2009-11-01) Zakariyya, Athifa; އާތިފާ ޒަކަރިއްޔާ
    ދުނިޔޭގެ އެހެނިހެން ބަސްބަހެކޭ އެއްގޮތަށް ދިވެހިބަހަކީވެސް، ބޭރުބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަދެ މަސްހުނިވެފައިވާ ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮއްފައި މިވަނީ ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ ބެލުމަށެވެ. ބޭނުމަކީ، ބޭރުބަސްބަހުގެ ތެރެއަށް ވަންނަނީ އެ ލަފުޒުތަކުގައި އެއްވެސްވަރަކަށް ދިވެހިފޭރާމެއް ލެވިގެންތޯބެލުމެވެ. އަދި އެގޮތުން، ދިވެހި ބަހުގެތެރެއަށް ނަންނަ ލަފުޒުތަކުގެ ސަބަބުން، ދިވެހިބަހުގެ ބަސްކޮށާރަށް ކުރި އަސަރެއްވެސް ދެނެގަތުމެވެ. މިއީ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ލަފުޒުތަކެއް، ތަންކޮޅެއް ފުންކޮށް ފުޅާކޮށް ބަލައިގެން ފާހަގަކުރެވުނު ކަންތައްތަކެއް އޮޅުންފިލުވައިދޭ ގޮތަށް ބައްޓަން ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން، މި ދިރާސާގައި ބޭނުންކޮށްފައި ވާނީ ކުއަލިޓޭޓިވް މެތަޑެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގެ ނަގައިފައިވަނީ ޙަސަން އަޙްމަދު މަނިކު (2002) ލިޔުއްވާފައިވާ "އަ ކޮންސައިޒް އެޓިމޮލޮޖިކަލް ވޮކެބުލަރީ އޮފް ދިވެހި ލެންގުއޭޖް" މިފޮތުގައި ހުރި ޢަރަބިބަހާއި އިނގިރޭސިބަހުން ދިވެހިބަހުގެތެރެއަށް ވަދެފައިވާ ލަފުޒުތަކުގެތެރެއިން އިޚްތިޔާރުކުރި 40 ލަފުޒެވެ. މިދިރާސާގައި އިންސްޓްރުމެއްޓެއްގެގޮތުގައި ބޭނުންކޮއްފައިވާނީ މޯފޮލޮޖިކަލް ސްޓްރަކްޗަރއެކެވެ. އެހެންކަމުން، ލަފުޒުތަކުން ފާހަގަކުރެވުނު ކަންތައް ތާވަލުކުރެވިފައިވަނީ މިސްޓްރަކޮޗަރ އަށް ބަލައިގެންނެވެ. އެގޮތުން، އަޑުގެގޮތުންނާއި މާނާއިގެގޮތުންނާެއި ގަވައިދުގެގޮތުން ލަފުޒުތަކުން ފާހަގަ ކުރެވުނު ކަންތައްތައް ތާވަލުކުރުމައްފަހު އެބައިތައް ތަހުލީލުކުރެވުނެވެ. މި ދިރާސާއިން އެނގުނުގޮތުގައި ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަންނައިރު އެ ލަފުޒުތަކަށް މޯފޮލޮޖިކަލް ގޮތުން ބަދަލުއާދެއެވެ. އަޑުގެގޮތުންނެވެ. މާނާއިގެގޮތުންނެވެ. ގަވައިދުގެ ގޮތުންވެސް މެއެވެ. މި ބަދަލުތައް އައިސްފައިވަނީ އެކިލަފުޒަށް އެކިގޮތަށެވެ. ބައެއް ލަފުޒުގެ ފިއްޔެއްބަދަލުވެގެން އަޑު ބަދަލުވެފައިވާއިރު ހަމައެކަނި އަކުރެއްބަދަލުވުމުގެ ސަބަބުން އަޑުބަދަލުވެފައިވާ ލަފުޒުވެސް އެބަހުއްޓެވެ. މިހުރިހައި ބަދަލެއްވެސް ލަފުޒުތަކަށް އައިސްފައިވަނީ ދިވެހިންގެ ދޫތަކަށްފަސޭހަ، ދިވެހިބަހުގެ އަޑުމަޚްރަޖަށް ފެޓޭގޮތަށް ލަފުޒު ބޭނުންކުރުމައްޓަކައި ކޮށްފައިވާ މަސައްކަތުގެތެރެއިންނެވެ. ވީމާ، މި ދިރާސާއަކީ ދިވެހިބަހަށް ލޯބިކުރާ ހަމަކޮންމެ ފަރުދަކަށްމެ ބޭނުންހިފޭނެ، ޚާއްޞަކޮށް ދިވެހިބަސް ކިޔަވާ، ދިވެހިބަސް ކިޔަވައިދޭ ފަރާތްތަކަށް ދިވެހިބިހުގެ ތެރެއަށް ވަދެފައިވާ ބޭރުބަސްބަހުގެ ލަފުޒުތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހިބަސް ކިޔަވައިދިނުމާމެދު އަދުގެ ކިޔަވާ ކުދިން ދެކެނީ ކިހިނެއް؟
    (Faculty of Arts, Maldives National University, 2015-11-01) Azeez, Viladha Abdul; ވިލާދާ ޢަބްދުލްޢަޒީޒު
    މި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ދިވެހިބަސް ކިޔެވުމުގައި ކޮށްފައިވާ ތަޖުރިބާތައް ދެނެގަނެ، މިހާރަށްވުރެ ބޮޑަށް ޝައުޤުވެރިކުރުވުމަށް ކުރެވޭނެ ކަންކަން އެކުދިންގެ ނަޒަރުން ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގައި ދިވެހިބަސް ކިޔަވާ ޖުމުލަ 70 ދަރިވަރުން ބައިވެރިކޮށްގެން ކޮށްފައިވާ ކުއަންޓިޓޭޓިވް ސާރވޭއެކެވެ. މި ދިރާސާގެ ހޯދުންތަކުން ދެއްކިގޮތުގައި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ގިނަ ކުދިންގެ ޝައުޤުވެރިކަން ވަނީ ގެއްލިފައެވެ. އާއްމު ދިރިއުޅުމުގައި ދިވެހިބަސް ބޭނުންކުރާ މިންވަރު ދަށެވެ. ވާހަކަދެއްކުމަށް ގިނަ ދަރިވަރުން ދިވެހިބަސް ބޭނުންކުރި ނަމަވެސް އިނގިރޭސި އަދި ދެބަސް (އިނގިރޭސިބަހާއި ދިވެހިބަސް) އެއްވަރަކަށް ބޭނުންކުރާ ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ދިވެހިބަސް ކިޔެވުމަށް ގިނަ ދަރިވަރުން ޝައުޤުވެރިނުވާއިރު މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދޭކަށް ވެސް ގިނަ ދަރިވަރުންގެ ޝައުޤުވެރިކަމެއް ނެތެވެ. މިގޮތުން ދަރިވަރުން ދިވެހިބަސް ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ގެއްލެން މެދުވެރިވާ މައިގަނޑު ސަބަބަކީ ކިޔަވައިދިނުން ބައްޓަންވެފައިވާ ގޮތެވެ. ޚާއްޞަކޮށް މުދައްރިސުން ދިވެހިބަސް ކިޔަވައިދޭގޮތާއި ފޮތުގެ ފިލާވަޅުތަކެވެ. މީގެ އިތުރުންވެސް ސާނަވީ ދަރިވަރުން ދިވެހިބަސް ކިޔެވުމުގެ ޝައުޤުވެރިކަމަށް އަސަރު ފޯރާ ގިނަ ކަންތައްތަކެއް މި ދިރާސާއިން ހޯދުނެވެ. އޭގެތެރޭގައި މުޖުތަމަޢު ބަހާމެދު ދެކޭގޮތާއި ކިޔަވައިދޭ މީޑިއަމްގެ ސަބަބުން މެދުވެރިވާ ކަންތައްތަކެއް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
  • Thumbnail Image
    Item
    Thesis
    ހައްދުންމަތީ މާވަށުސުކޫލުގައި ޘާނަވީ ގްރޭޑްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިވެހިބަހުގައި އެކަށައަޅާފައިވާ ގަވާއިދު އެގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟
    (ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2013-11-01) Rameez, Usman; އުޘްމާން ރަމީޒު
    ރާއްޖެތެރޭގެ ސުކޫލު މަދަރުސާތަކުގައި ވެސް ދިވެހިބަހުގެ ގަވާއިދަށް ކުދިން އަހުލުވެރިވެފައި ތިބި މިންވަރު ހޯދައިބެލުމަކީ ދިވެހިބަހުގެ ގަވާއިދުގެ ހަމަތައް ދިރުވައި އާލާކުރުމަށްޓަކައި ވާހަކަ ދެކެވޭއިރު ނުހަނު މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން މި ދިރާސާއަކީ ހައްދުންމަތީ މާވަށު ސުކޫލުގައި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ގަވާއިދު އެނގޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ މައިގަޑު އެއްބޭނުމަކީ، ގަވާއިދުގެ ބައިތަކުގެ ތެރެއިން ދަރިވަރުންނަށް ރަގޅަށް އެގެނީ ކޮން ބައިތަކެއްތޯ ބެލުމާއި، ދަރިވަރުން ބޮޑަށް އަހުލުވެރިވާންޖެހޭ ގަވާއިދުގެ ބައިތަކަކީ ކޮބައިކަން ދެނެގަނެ، ދަރިވަރުންނަށް އުގަންނައިދިނުމުގައި ޝާމިލިވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމެވެ. މިދިރާސާގައި ދިވެހިބަހުގެ އެކަށައަޅާ ގަވާއިދުގެ ތެރެއިން، ސުކުން ކުރުމުގެ ހަމައާއި، ހުރުން އިނުން އޮތުމުގެ ހަމައާއި،ހުސްނޫނު ބޭނުންކުރުމުގެ ހަމައާއި ޒަމާނުގެ ބައިތަކާއި، އެކަހެރިނަމާއި ގިނަނަމާއި އަދި ތިކިޖެހިތާނަ ދަރިވަރުންނަށް އެގޭމިންވަރު ބެލުމަށް ނިންމި ސަބަބަކީ، މިބައިތަކަކީ އާއްމުކޮށް އޮޅުންއަރާކަމަށް ބަސްވާރުން އެއްބަސްވެލައްވާ ގަވާއިދުގެ ބައިތަކަށްވެފައި މި ގަވާޢިދުތަކަކީ ޘާނަވީ ގްރޭޑްތަކަށް ދާއިރު ދަރިވަރުން އުނގެނިފައިވާ ޤަވާއިދުގެ ބައިތަކަށް ވާތީއެވެ. މިދިރާސާހެދުމަށް ބޭނުން ކުރީ އެމްޕެރިކަލް ފްރޭމް ވާރކެކެވެ. އަދި މި ދިރާސާ ކުރިއަށް ގެންދިޔައީ ކުއަންޓިޓޭޓިވް ޕެރަޑައިމް ބޭނުންކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނީ މާވަށު ސުކޫލުގައި ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ރެންޑަމްކޮށަނެގި 92 ދަރިވަރުންނެވެ. ކޮންމެ ގްރޭޑަކުންވެސް ދެ ޖިންސްގެ ދަރިވަރުން ނެގީ ދެ ޖިންސްގެ ދަރިވަރުން ހަމަހަމަވާ ގޮތަށެވެ. މިދިރާސާއަށް ޑާޓާ އެއްކުރީ ދަރިވަރުން ލައްވައި ފުރުވި ސާވޭ ފޯމްއެއްގެ އެހީގައެވެ. މިސާވޭ ފޯމުގެ އެހީގައި ޖުމުލަކޮށް ގަވާއިދުތައް ދަރިވަރުންނަށް އެގޭ މިންވަރާއި، ގްރޭޑްތަކުގެ ނިޞްބަތުން ދަރިވަރުންނަށް ގަވާއިދުތައް އެގޭ މިންވަރާއި، ޖިންސުގެ ނިސްބަތުން ގަވާއިދުތައް އެނގޭމިންވަރު ހޯދުނެވެ. މިދިރާސާގެ ހޯދުންތަކުން އެނގުނީ ގަވާއިދުގެ ބައިތައް ޖުމުލަ ކޮށް ދަރިވަރުންނަށް އެގޭކަމެވެ. އަދި ގްރޭޑްތަކުގެ ނިސްބަތުން ގްރޭޑް 9 ގެ ދަރިވަރުންނަށް ވުރެ ބޮޑަށް ގްރޭޑް 8 އަދި 10 ގެ ދަރިވަރުންނަށް ގަވާއިދުގެ ބައިތައް އެގޭކަންވެސް ހޯދުނެއެވެ. ޖިންސްގެ ނިސްބަތުން ބަލާއިރު ފިރިހެން ދަރިވަރުންނަށްވުރެ އަންހެން ދަރިވަރުންނަށް ގަވާއިދުތައް އެގޭކަން ވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. ޖުމުލަކޮށް، މި ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ދަރިވަރުންނަށް ގަވާއިދުތައް އެގެނީ ފުދޭވަރަކަށްކަން މި ދިރާސާއިން އެގުނެއެވެ. އެއީ، ދިރާސާގައި ބައިވެރިވި ޖުމުލަ ދަރިވަރުންގެ 72 އިނަސައްތައަށެވެ. ގަވާއިދުތައް ވަރަށްރަގަޅަށް އެގެނީ ދިރާސާގެ ބައިވެރިވި 20 އިންސައްތަ ދަރިވަރުންނަށް ކަމާއި ގަވާއިދުތައް ކުޑަ މިންވަރަކަށް އެގެނީ 8 އިންސައްތަ ދަރިވަރުންނަށްކަން ވެސް މިދިރާސާއިން ހޯދުނެވެ.
  • Thumbnail Image
    Item
    Thesis
    ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ.
    (Faculty of Arts, Maldives National University, 2013-11-01) Asnaan, Ahmed; އަޙްމަދު އަސްނާން
    މި ދިރާސާއަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރު ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ކުއްޖާގެ ބަހުގެ ވެށީގައި ހިމެނޭ އެކި ކަންކަމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރޭތޯ މި ދިރާސާގައި ބަލާފައިވާނެއެވެ. އަދި ހަމަ އެހެންމެ މި ދިރާސާގައި ޖޯގުރަފިކަލްގޮތުން ބަހުގެ ވެށި ތަފާތު ވެއްޖެނަމަ ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުވެސް ހޯދާފައިވާނެއެވެ. އެހެންކަމުން މި ދިރާސާގެ މައިގަނޑު މަގުޞަދަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުތައް ދެނެގަތުމެވެ. މި ދިރާސާހެދުމުގައި ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނީ ކުއްޖާ ބަސް ދަސްކުރުމުގައި ބޭނުންކުރާ ތަފާތު ތިއަރީތަކާއި ކުއްޖާގެ ކިބައިގައި ބަހެއް އަށަގަތުމުގައި ކަޑައްތުވާ މަރުހަލާތަކާއި މާހައުލާއި އުމުރުގެ މުހިންމުކަމެވެ. އެގޮތުން ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވަނީ މަޝްހޫރު ބަހަވީ ޢިލްމުވެރިން ހޯދާފައިވާ ތިއަރީތަކެވެ. އަދި ހަމަ އެހެންމެ ދިރާސާގެ މަޢުލޫއާއި ގުޅޭގޮތުން ދިވެހި ބަހުގެ ޢިލުމުވެރިން ފާހަގަކުރައްވާފައިވާ ނުކުތާތައްވެސް ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް ހޯދުންތައް ދެއްކުމުގައި ކުއަންޓޭޓިވް ޕެރެޑައިމްގެ އުކުޅުތައް ކަމުގައިވާ ގުރާފް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާގެ ސާމްޕަލުގެ ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދަކުން ކުދިންނެގީމެވެ. އެއީ ދެކުނުން އައްޑޫ، ފުވައްމުލައް، މާލޭ ސަރަހައްދުން މާލެ، ހުޅުމާލެ އަދި އުތުރުން ހދ. ކުމުންދޫ، ހދ. ކުޅުދުއްފުށިންނެވެ. އަދި މި ސަރަހައްދުތަކުން ސާމްޕަލްގެ ގޮތުގައި ނެގުނު ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔާ އާއި ކޮންމެ ސްކޫލަކުން ދަރިވަރުންނަށް ކިޔަވައިދޭ 1 ޓީޗަރަކު ނެގީމެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެއެވެ. އެގޮތުން ޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވުމާއި މައިންބަފައިންނާއި ޓީޗަރުން އަދި ގޭގައި ދިރިއުޅޭ މީހުންނާއި މާހައުލުގައި ދިރިއުޅޭ މީހުންނާއި ޓީވީ ނުވަތަ ރޭޑިޔޯފަދަ އެއްޗެތިންވެސް ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރާކަން މި ދިރާސާއިން ހޯދުނެވެ.
  • Thumbnail Image
    Item
    Thesis
    މާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑްތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދު އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Shareef, Moosa; މޫސާ ޝަރީފު
    މި ދިރާސާއަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދު ރަނގަޅަށް ނޭނގޭކަމަށް ދެކެވޭ ވާހަކައިގެ ޙަޤީޤަތް ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. އެހެންނަމަވެސް، ދިރާސާކުރަން ލިބުނު ވަގުތާއި، ލަފުޒުގެ ޙުދޫދުގެ ސަބަބުން، ދިރާސާގެ ސުވާލު ހަމައެކަނި މާލޭގައި، ޡާނަވީ އަދި މަތީޡާނަވީ ގުރޭޑުތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ހަނިކޮށް، ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގެ ތެރެއިން، އާބާފިއްޔާއި އައިބައިފިލި، ނަފީކުރެވޭ އުޞޫލުތައް، ތިކިޖެހިތާން، ހުސްނޫނު، ވާހަކަދެއްކުމުގެ ދަރަޖަތައް، ސުކުންކުރެވޭ ހަމަތައް، ހުރުން-އިނުން-އޮތުން އަދި ފުޅު-ކޮޅުގެ ހަމަތައް ބަލާގޮތަށް ހަމަގެއްސީމެވެ. މިއީ، އެންމެ އާންމުކޮށް އޮޅުން އަރާ ބައިތަށްކަމަށް ދިވެހި ބަސްވާރުން އެއްބަސްވެލައްވާފައިވާ ބައިތައް ކަމަށްވާތީ އެވެ. މިއީ، މުދައްރިސުންނަށް ޤަވާޢިދުތައް އެނގޭ މިންވަރު ބެލުމުގެ ގޮތުން ހަދާފައިވާ ދިރާސާއެއްކަމަށްވާތީ، މި ދިރާސާގައި ބޭނުންކުރީ ކުއަންޓިޓޭޓިވް ޕެރަޑައިމް އެވެ. ސާމްޕަލް ނަގާފައިވަނީ މާލޭގައި ހުރި ޖުމްލަ 17 ސުކޫލުގެ ތެރެއިން އާބާދީ ބޮޑު ސުކޫލުތަކަށް ބޮޑު ޕުރޮޕޯޝަނެއްދީގެން ރޭންޑަމް އުޞޫލަކުންނެވެ. އެގޮތުން، މި ދިރާސާގައި ބައިވެރިކުރެވުނު މުދައްރިސުންނަށް އިޙްތިޔާރީ ސުވާލުކަރުދާހެއް ދީގެންނާއި، ބައެއް ގަޑިތައް އޮބްޒާވްކޮށްގެން ޑާޓާ އެއްކުރީމެވެ. މި ދިރާސާގެ ހޯދުންތަކުން ދެއްކީ ދިރާސާކުރުމަށް އިޙްތިޔާރުކުރި ހައިޕޮތެސިސް ސާބިތުނުވާކަމެވެ. އެހެނީ، މި ދިރާސާގައި ބައިވެރިވި މުދައްރިސުންގެ ތެރޭގައި، މި ދިރާސާގައި ބަލައިލެވުނު ޤަވާޢިދުގެ ބައިތައް އެއްގޮތަކަށްވެސް ނޭނގޭ މުދައްރިސެއްނެތްއިރު، 73 އިންސައްތަ މުދައްރިސުންނަކީ އެބައިތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސުވާލަށް ރަނގަޅު ޖަވާބުދީފައިވާ މުދައްރިސުންނެވެ. އަދި 20 އިންސައްތަ މުދައްރިސުންނަކީ ޤަވާޢިދުތައް ވަރަށް ރަނގަޅަށް އެނގޭ މުދައްރިސުންނެވެ. ޤަވާޢިދުތަޢް ކުޑަމިންވަރަކަށް އެނގުނީ 7 އިންސައްތަ މުދައްރިސުންނަށެވެ. އެހެންކަމުން މިދިރާސާގެ ހޯދުންތަކުން ދައްކަނީ ދިރާސާގައި ބައިވެރިވި ދިވެހި ކިޔަވައިދެއްވާ ގިނަ މުދައްރިސުންނަށް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވަޢިދު ފުދޭވަރަކަށް އެނގޭކަމެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ނުވަތަ އަޑުތަކުގެ ތަފާތުތައް
    (Faculty of Arts, Maldives College of Higher Education, 2011-11-01) Zakariyya, Naufa; ނައުފާ ޒަކަރިއްޔާ
    މިދިރާސާއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެއްވާ ކަމަށް ޤަބޫލުކުރެވޭތީ، ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ފޮނޮލޮޖިކަލް ގޮތުން ހުންނަ މައިގަނޑު ތަފާތުތައް ހޯދުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާއަމާޒުކުރެވިފައިވަނީ ހަމައެކަނި މާލެ އަށެވެ. އެހެނީ، މި ދިރާސާކޮށްފައިވަނީ ހަމައެކަނި މާލެއިން ސާމްޕަލް ނަގައިގެން ކަމަށް ވާތީ އެވެ. އެހެންކަމުން، މި ދިރާސާގައި ބަލާލާފައިވާނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިތޯ އާއި ތަފާތު އަންނަން މެދުވެރިވަނީ ކީއްވެގެންތޯއެވެ. އަދި ހަމައެއާއެކު، ކުޑަކުދިންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ ސިލަބަލް ސްޓްރަކްޗަރ ތަކަކީ ކޮބައިތޯ ވެސް ބަލާލާފައިވާނެއެވެ. މި ކުރިއަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މިދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ކުޑަކުދިންގެ ތެރެއިން، ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ 10 ކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 10 މީހުންނެވެ. މި ދިރާސާެގެ އަލީގައި ދިވެހި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި މައިގަނޑުގޮތެއްގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތައް ހޯދާފައިވާނެއެވެ. އަދި ހަމައެއާއެކު، ދިރާސާއިން ފާހަގަވެގެންދިޔަ ކަމަކީ، ކުޑަކުދިންގެ ވާހަކަދެއްކުމުގައި އަޑުތައް ބޭނުންކުރާ ގޮތަށް ބަދަލުގެނައުމަށްޓަކައި ތަފާތު އުސޫލުތަކެއް ބޭނުން ކުރާކަމެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުން ތަފާތު ފާހަގަވެގެންވަނީ، ކުޑަކުދިން މި އުސޫލު ބޭނުންކުރާތީއެވެ. ކުޑަކުދިންގެ ވާހަކަދެއްކުމާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ފޮނޮލޮޖިކަލް ތަފާތުތަކުގެ ސަބަބުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަދެއްކުމުގައި ބޭނުންކޮށްފައިވާ އަޑުތަކުގެ މެނަރ އަދި ޕުލޭސް އޮފް އާޓިކުލޭޝަން އަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ކުޑަކުދިންގެ ވާހަކަދެއްކުމުގައި ތަފާތު ސިލަބަސް ސްޓްރަކްޗަރ ތަކަކަށް ފެތޭ ގޮތަށް ލަފުޒުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަވެގެންދިޔައެވެ.
  • Thumbnail Image
    Item
    Thesis
    އޮނިގަނޑުގެ ގޮތުގައި ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބާ؟
    (Faculty of Arts, Maldives National University, 2013-11-01) Nashid, Hassan; ހަސަން ނާޝިދު
    މިއީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ހުރި ޖުމުލައިގެ ވައްތަރުތަކަކީ ކޮބައިކަން ހޯދައި ދިރާސާކުރުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރަންޖެހުނީ ދިވެހި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާތީއެވެ. އެހެންކަމުން ސިންޓެކްސް އިލްމުގެ އެހީގައި ލިބުނު މައިލޫމާތުގެ ބޭނުންކޮށްގެން މި ދިރާސާ ތައްޔާރުކުރީމެވެ. މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ކުއަލިޓޭޓިވް ޕެރަޑައިމްގެ މައްޗަށް ކޮންޓެންޓް އެނެލިސިސް، މެތޮޑޮލޮޖީއަކަށް ބޭނުންކޮށްގެންނެވެ. މިގޮތުން ދިވެހި ބަހުގެ ގަވާއިދު ފޮތަތަކުގައި ހުރި ބައެއް މައުލޫމާތާއި އިނގިރޭސި ބަހުގައި ހުރި ޖުމްލައިގެ ވައްތަރުތަކާއި ގުޅޭ ބައެއް މައުލޫމާތު ބޭނުންކޮށްގެން މި ދިރާސާ ކުރީމެވެ. މިގޮތުން ދިވެހިބަހުން ލިޔެފައި ހުރި ދެ ބާވަތެއްގެ ލިޔުންތަކަކުން (މަޒުމޫނާއި، ވާހަކައިން) ޖުމްލަތަކެއް ނަގައިގެން ތަހުލީލުކުރީމެވެ. އަދި ޖުމްލަތަކުގެ ބަސްކޯޅިއަށް (ކްލޯޒަށް) ބަލައިގެން ޖުމްލަތައް ރޫޅާލުމަށްފަހު ޖުމުލައިގެ އޮނިގަނޑު ދިރާސާކުރީމެވެ. މިގޮތުން މި ދިތާސާއިން ހޯދުނު ގޮތުގައި ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުރެއެވެ. އެއީ ސާދާ ޖުމުލައާއި ކޯނި ޖުމުލައާއި އެކުވި ޖުމުލައެވެ. އިނިން ކޮންމެ ވައްތަރެއްގެ ޖުމަލަވެސް އެއްވައްތަރު އަނެއް ވައްތަރާއި ތަފާތެވެ. މިގޮތުން ދިވެހި ބަހުގައި ހުންނަ ސާދާ ޖުމަލައިގައި އެންނަނީ އެންމެ ބަސްކޯޅިއެކެވެ. އެއީ މިނިވަން ބަސްކޯޅިއެކެވެ. އެހެންނަމަވެސް ކޯނި ޖުމަލައެއްގައި ނަމަ ދެބަސްކޯޅި އޮންނާނެއެވެ. އަދި އޭގެތެރެއިން އެއް ބަސްކޯޅި މިނިވަންވާއިރު އަނެއް ބަސްކޯޅި މިނިވަނެއް ނުވާނެއެވެ. ހަމައެއާއެކު ގުޅުވާ އަކުރެއްގެ އެހީގައި މިނިވަން ދެ ބަސްކޯޅި ގުޅާލުމުން އެކުވި ޖުމުލަ އުފެދޭކަން ވެސް މި ދިރާސާއިން ހޯދުނެވެ. އެހެންކަމުން މިދިރާސާއިން ހޯދުނީ އޮނިގަނޑުގެ ގޮތުން ބަލާއިރު ދިވެހި ބަހުގައި ތިން ވައްތަރެއްގެ ޖުމުލަ ހުންނަ ކަމެވެ.
  • Thumbnail Image
    Item
    Thesis
    ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުން، މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން ދަންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
    (Faculty of Arts, Maldives National University, 2013-11-01) Ali, Azeeza; ޢަޒީޒާ ޢަލީ
    މި ދިރާސާއަކީ ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން އެނގޭ މިންވަރު ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާކުރަން ނިންމ އެއް ބޭނުމަކީ ދަރިވަރުން " ދިވެހިބަސް" މި މާއްދާއިން ދަށްވާ ވާހަކައާއި، އެސް.އެސް.ސީ. އިމްތިޙާނުގައި "ދިވެހިބަސް" މި މާއްދާއިން ދަރިވަރުންނަށް ލިބޭ ނަތީޖާ ދަށް ކަމަށް ލިޔުންތަކުން ފެންނަން ފެށުމެވެ. ކަންމިހެން އޮތުމާއެކު ނަތީޖާ ދަށްވާން ދިމާވަނީ ކޮން ސަބަބަކާހުރެތޯ އެއީ އުފެދިފައިވާ ބޮޑު ސުވާލެކެވެ. އަދި މަޒުމޫނަކީ އެސް.އެސް.ސީ. އިމްތިޙާނުގައި އެންމެ ގިނައިން މާކުސް ކަޑައެޅިފައި އޮތް ބަޔަށް ވީހިނދު މިބައިން ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި މަޒުމޫނުގެ ބަދަހިކަން އުފައްދައިދީ އަމުނައިލުން ހިމެނޭކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (2009، 2010 ، 2011، 2012) ގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން މި ދިރާސާ އަމާޒުކުރީ ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން އެނގޭ މިންވަރު ދެނެގަތުމަށެވެ. މިގޮތުން ދަރިވަރުން ގުޅުވާލަފުޒު ބޭނުންކުރޭތޯއާއި ބޭނުންކުރާނަމަ ކުރަނީ ރަނގަޅަށްތޯ ބެލުމަކީ މި ދިރާސާގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި މަޤްސަދުތައް ހާސިލްކުރުމަށްޓަކައި، މި ދިރާސާގައި ބޭނުންކުރީ ކުއަލިޓޭޓިވް އާއި ކައުންޓިޓޭޓިވް ޕެރެޑައިމް މިކްސްކޮށެވެ. މި ދިރާސާގެ ލިޓްރޭޗަރ ރިވިއުއަށް މަޢުލޫމާތު ހޯދުމުން ދިޔައިރު މިފަދަ އެހެން ދިރާސާއެއް ކުރިން ހެދިފައި ނެތުމުން ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް ދިރާސާއަށް އެއްކުރި ޑާޓާ ތަކާއި ގުޅުވާލަފުޒާއި ބެހޭގޮތުން ބަހަވީ އިލްމުވެރިން ދައްކާފައިވާ ވާހަކަތަކުގެ އަލީގައި ދިރާސާ ކުރިއަށް ގެންދިޔައީމެވެ. މިގޮތުން ދިރާސާގެ ސާންޕަލްގެ ގޮތުގައި ތަފާތު 3 މަދަރުސާއެއް ހިމަނާފައިވާނެއެވެ. މީގެތެރޭގައި މާލޭގައި ހުރި 2 މަދަރުސާއެއްގެ އިތުރުން ރާއްޖެތެރޭގެ މަދަރުސާއެއްވެސް ހިމެނިފައިވާނެއެވެ. މިއިން ކޮންމެ މަދަރުސާއެކުން ވެސް ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 8 އިންސައްތަ ދަރިވަރުންނަށް ސުވާލު ކަރުދާހެއް ދީގެން ތަފާތު ގުޅުވާލަފުޒު ބޭނުންކޮށްގެން ހުސްތަންތަން ފުރިހަމަކުރަން އެނގޭތޯއާއި ގުޅުވާލަފުޒު ބޭނުންކޮށްގެން ދެ ޖުމުލައެއް ގުޅުވަން އެނގޭތޯ ބެލެވުނެވެ. އަދި މީގެއިތުރުން ދަރިވަރުން ލިޔެފައިވާ މަޒުމޫނުތަކެއްގައި، ގުޅުވާލަފުޒު ބޭނުންކޮށްފައިވޭތޯއާއި، ގުޅުވާލަފުޒު ބޭނުންކޮށްފައިވާ ނިސްބަތުން މަޒުމޫނުގެ މޮޅު ދެރަމިން އެނަލައިޒް ކުރެވިފައިވާނެއެވެ. މީގެ އިތުރުން ސުކޫލުތަކުގައި ގުޅުވާލަފުޒު ކިޔަވައުދޭ ގޮތް ބެލުމަށް މުދަރިސުންގެ ބަސްދީގަތުން ވެސް ދިރާސާގައި ހިމަނާފައިވާނެއެވެ. ބާޔާންވެ ދިޔަ ގޮތަށް ކުރެވުނު މި ދިރާސާއިން ގުރޭޑް 10ގައި ކިޔަވާ ހުރިހާ ދރިވަރުންނަށް ގުޅުވާލަފުޒު ރަނގަޅަށް ބޭނުންކުރަން ނޭނގޭ ކަމެވެ. އަދި ގުޅުވާލަފުޒުގެ ތެރެއިން މި ދިރާސާގައި ބާލަލި 4 ވައްތަރުން އެޑިޓިވް ގުޅުވާލަފުޒު ދަރިވަރުން މަޒުމޫނުގައި ބޭނުންކުރާ މިންވަރު އަނެއް 3 ވައްތަރަށްވުރެ ގިނަކަންވެސް ފާހަގަވިއެވެ. މީގެ އިތުރުން ރާއްޖެތެރެ ތަމްސީލްކުރި މަދަރުސާއަށްވުރެ މާލެގައި ހުރި މަދަރުސާގެ ދަރިވަރުންނަށް ގުޅުވާލަފުޒު ރަނގަޅަށް ބޭނުންކުރަން އެނގޭ މިންވަރު މަތިކަންވެސް މި ދިރާސާއިން ހަމަވިއެވެ. އަދި މީގެ އިތުރުން އެޑިޓިވް، އެޑްވަޒޭޓިވް، ކޯސަލް، ޓެންޕޯރަލް މި ހަތަރުވައްތަރުގެ ގުޅުވާލަފުޒުތަކުގެ ތެރޭގައި ދަރިވަރުންނާ ރައްޓެހު ލަފުޒުތަކާއި ބީރައްޓެހި ލަފުޒުތައް ހުރިކަން މިދިރާސާއިން ހާމަވިއެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުގެ ޖުމުލަ ތަކުގައި ކަންއިތުރު ތަރުތީބުވާ ގޮތާއި އޭގެ ސަބަބުން މާނައަށް އަންނަ ބަދަލު ތަކަކީ ކޮބައި ހެއްޔެވެ؟
    (Faculty of Arts, Maldives National University, 2013-11-01) Niyaaza, Aishath; ޢާއިޝަތު ނިޔާޒާ
    މި ދިރާސާއަކީ ކްއަލިޓޭޓިވް ޕެރަޑައިމެއްގެ ދަށުން އިންޑަކްޓިވް ކޮށް ގެންދެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބަލާލައިފައިވާނީ ދިވެހި ބަހުގައި ކަންއިތުރު ބޭނުން ކުރެވޭ ގޮތުގެ ސަބަބުން މާނައަށް އަންނަ ބަދަލު ތަކާއި، ކަންއިތުރާއި ބެހޭގޮތުން ޤަވާއިދު ފޮތްތަކުން ލިބުނު މައުލޫމާތާއި އަދި އެހެނިހެން ފޮތްތަކުގައި ބަޔާންކޮށްފައިވާ ޖުމުލަތަކުންނާއި އޮންލައިން ނޫސްތަކުން ފާހަގަ ކުރެވުނު ޖުމުލަ ތަކެވެ. މި ޖުމުލަތަކަށް އިލްމީ ގޮތެއްގައި ފާޑު ކިޔާފައިވާނެއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ލަފުޒުތަށް ޖުމުލައިގައި އަތުރާލާ އަތުރާލުމަކީ ވަރަށް މުހިއްމު އަދި ވިސްނަން ޖެހޭ ކަމެކެވެ. މި ކަމުގެ ސަބަބުން ޖުމުލައިގެ މާނައަށް ސީދާ އަސަރު ކުރެއެވެ. އެގޮތުން ޖުމުލައިގައި ކަންއިތުރު ގެނެވޭ ތަނުގެ ސަބަބުން ލިޔުންތެރިޔާ މާނަ ކުރާ ގޮތް ނޫން އެހެން ގޮތްގޮތަށް ކިޔުންތެރިންނަށް މާނަ ނެގެއެވެ. އެގޮތުން މި ދިރާސާއިން ހާމަވީ ކަމަކީ ވިދިގެން ކުރިއަށް ނުވަތަ ފަހަތަށް ކަންއިތުރު ނުގެންނަ ކަމުގައި ވާނަމަ އެކަންއިތުރަކުން ސިފަ ލިބޭ ކަމަށް ބަދަލު އަންނަކަމެވެ. މާނަ ފުށުއަރާ ކަމެވެ.